Roadha Mihaaru
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު

ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު

18 ޖުލައި 2021

މީގެ ތިން އަހަރު ކުރިން ބޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެތައް ބަޔަކު ބޭޒާރުވެގެން ދިޔަ އިރު އޭގެ ތެރޭގައި އޭރު ވެސް ތުހުމަތުކުރެވުނު މަޝްހޫރު ޕްރޮޑިއުސަރު ބުޝަން ކުމާރަށް އަނެއްކާ ވެސް ރޭޕްގެ ތުހުމަތުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރު ކުރިން ބޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެތައް ބަޔަކު ބޭޒާރުވެގެން ދިޔަ އިރު އޭގެ ތެރޭގައި އޭރު ވެސް ތުހުމަތުކުރެވުނު މަޝްހޫރު ޕްރޮޑިއުސަރު ބުޝަން ކުމާރަށް އަނެއްކާ ވެސް ރޭޕްގެ ތުހުމަތުކޮށްފި އެވެ.

ބުޝަން އަކީ އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި ކާމިޔާބު ފިލްމު ކުންފުނި ޓީ ސީރީޒްގެ ވެރިޔާ އެވެ. އޭނާގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރަކީ ދާދި ފަހުން ޓީވީ އެކްޓަރު ޕާލް ޕޫރީ ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމުން، ޕާލްގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދެއްކި އެކަކެވެ.

ބުޝަން އަށް ރޭޕްގެ ތުހުމަތުކޮށް މައްސަލަ މުމްބާއީގެ އަނދޭރީ ވެސްޓްގެ ޑީއެން ނަގަރު ފުލުހުންނަށް މިދިޔަ ހަފުތާގެ ފަހުކޮޅު ހުށަހެޅީ 30 އަހަރުގެ އަންހެނެކެވެ. ނަން ހާމަ ނުކުރާ މީހާ ބުނެފައިވާ ގޮތުގައި ޓީ ސީރީޒުން މަސައްކަތް ދޭނެ ކަމަށް ބުނެ ބުޝަން އޭނާއާ ގުޅުން ހިންގަން ފެށީ 2017 ގަ އެވެ. އޭގެ ފަހުން 2020 ގައި ބުޝަން އޭނާ ރޭޕްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ބުޝަންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ރޭޕްގެ ތުހުމަތުކުރާ އަންހެން މީހާ އަކީ ކުރިން ޓީ ސީރީޒްގައި މަސައްކަތްތަކެއްކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ ރޭޕްކުރި ކަމަށް ބުނެ އަމިއްލަ އަށް ވާހަކައެއް ހަދައިގެން ބުޝަންގެ އަގާއި އަބުރު ވައްޓާލަން މަސައްކަތް ފެށީ ފައިސާގެ ބޮޑު އަދަދަކަށް ޑިމާންޑްކުރުމުން އެކަމާ ދެކޮޅު ހެދުމުން ކަމަށް ބުނެފައިވެ އެވެ.

"އޭނާ ޕްރޮޑިއުސްކުރަން މަސައްކަތްކުރާ ކަމަށް ބުނާ ވެބް ސީރީޒަކަށް ފަންޑް ދޭން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޓީ ސީރީޒަށް ހުށަހެޅީމަ އެކަމާ ކުންފުނިން ވާނީ އިންކާރުކޮށްފައި. ދެން މިދިޔަ މަހުގެ ތެރޭގައި އަނެއްކާ ވެސް އޭނަ ފައިސާ ހޯދަން ޑިމާންޑްކުރަން ފެށިމަ ވެސް އެކަން ކޮށްދެވެން ނެތް ކަމަށް އޮންނާނީ އަންގާފައި." ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުންޏެވެ.

އޭގައި ބުނީ އަންހެން މީހާ ބުޝަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް، ބްލެއިކްމެއިލްކުރުމުގެ އަމަލުތައް ހިންގަން ފެށި އޭގެ ފަހުން ކަމަށެވެ.

"އެހެންވެ ރޭޕްގެ ތުހުމަތަކީ ފައިސާތަކެއް ހޯދަން ޑިމާންޑްކުރީމަ އެކަމާ ދެކޮޅު ހެދުމުން ބުޝަންގެ އަގު ވައްޓާލައި އަބުރު ހުތުރުކުރަން އަންހެން މީހާ އަމިއްލަ އަށް ހަދައިގެން އުޅޭ ވާހަކައެއް." ބަޔާނުގައި ބުންޏެވެ.

އޭގައި ބުނީ އަންހެން މީހާގެ މައްސަލަ ބުޝަންގެ ފަރާތުން މުމްބާއީގެ އަމްބޯލީ ފުލުހުންނަށް މި މަހުގެ 1 ގައި ހުށަހަޅާފައިވާ ކަމަށާއި ތަހުގީގަށް ބުޝަން އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށެވެ.

ބުޝަން އަކީ ކާމިޔާބު އެތައް ފިލްމަކާއި ވީޑިއޯ ލަވައެއް ޓީ ސީރީޒްގެ ތައްގަނޑުގައި ގެނެސްދިފައިވާ ޕްރޮޑިއުސަރެކެވެ. އެ ކުންފުނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންހެނުން ދިވްޔާ ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ޖޯން އަބްރަހަމްގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ 2" ހިމެނެ އެވެ.

ކައިވެންޏަށް މިހާރު 16 އަހަރުވެފައިވާ ބުޝަން އާއި ދިވްޔާގެ ފިރިހެން ދަރިޔަކު ވެސް އެބަ ހުއްޓެވެ. ދިވްޔާ އަކީ މިހާރު ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ ހެދި ފިލްމުތަކަކީ "ޔާރިޔާން" އާއި "ސަނަމް ރޭ" އެވެ.