Roadha Mihaaru
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ

ހުޅުމާލެ އަށް 15 ޕާކިން ބިލްޑިންގް، 4،000 އުޅަނދު ޕާކު ކުރެވޭނެ: ފަޒުލް

15 އޯގަސްޓް 2024

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލެއް ހޯދަން ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލެއް ހޯދަން ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ހިމެނެ އެވެ. އެކަމަކު، ބަޖެޓުގެ ތާށިކަމާއި ޓެކްނިކަލް މައްސަލަތަކާ ހެދި އެ މަސައްކަތްތަކަށް ވަނީ އެ މުއްދަތަށް ވުރެ މިހާރު ލަސްވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، ހުޅުމާލޭގެ ޑިވެލޮޕްމަންޓު ޕްލޭންގެ ތެރެއިން 15 ވަރަކަށް ޕާކިން ބިލްޑިންގް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ދަންނަވާ ކަމަށް ވަންޏާ މިއަދު އަޅުގަނޑަށް ދަންނަވާލަން ކެރޭ ގާތްގަނޑަކަށް 4،000 ޕާކިން ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޕާކިން ބިލްޑިންގް ހެދުމުން އުޅަނދުތައް ދާއިމީކޮށް ޕާކުކޮށްފައި ބާއްވާނެ ތަނެއް ލިބޭނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ވިޔަފާރި އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މަޝްރޫއު އިއުލާން ކުރައްވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

އޭގެ އިތުރުން ހުޅުމާލެ މަގުތަކުގެ އެތެރޭގައި ހުންނަ ތަންތަނުން ޕާކިން ބޭނުންވާ މީހުންނަށް ކުއްޔެއް ދައްކާ ގޮތަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅަން ވެސް ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަގު ދައްކާ ގޮތަށާއި ނުދައްކާ ގޮތަށް ވެސް ތަފާތު މޮޑެލްތަކަކަށް ޕާކިން ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، މާލެ އާއި ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މެކޭނިލަކް ޕާކިން ސިސްޓަމްތަކެއް ގާއިމްކުރި އެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ ތަންތަން ބޭނުން ނުކުރާތީ ވަނީ ދަބަރަށް ވެފަ އެވެ.