Roadha Mihaaru
ޓެކްސީތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދަނީ

ޓެކްސީތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދަނީ

15 އޯގަސްޓް 2024

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތައް ޕާކުކުރުމަށް ހާއްސަ ޕާކިން ޒޯނުތަކެއް ހެދުމަށް ނިންމާފައިވާ ކަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތައް ޕާކުކުރުމަށް ހާއްސަ ޕާކިން ޒޯނުތަކެއް ހެދުމަށް ނިންމާފައިވާ ކަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލެ ސަރަހައްދުގައި ހަދާ ޕާކިން ޒޯންތައް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކަނޑައަޅަން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މާލޭގައި ދުއްވާ ޓެކްސީތަކަށް ހާއްސަ ޒޯނެއް ކަނޑައެޅުމަށް ބިމެއް ހޯދަމުން އަންނަ ކަމަށާއި ހުޅުމާލޭގައި އެކަމަށް ހާއްސަ ޒޯނަށް ބިމެއް ބަލާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ޓެކްސީތަކަށް، ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ކުޑަވަގުތަކަށް ޕާކު ކުރެވޭނެ ވަކި ތަންތަން ހަމަޖެއްސޭތޯ، އެ ތަންތަން ވެސް ހަމަޖައްސާނަން މާލެ އާއި ހުޅުމާލޭގައި ވެސް. އޭރުން އެ ބޭފުޅުންނަށް ވެސް ފަސޭހަ ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަމީން ވިދާޅުވިގޮތުގައި، މާލެ އާއި ހުޅުމާލޭގެ އިތުރު އެހެން ހުސް ބިންތައް ވެސް ވަގުތީ ޕާކިން ސަރަހައްދަކަށް ބަދަލު ކުރާނެ އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލެއް ހޯދަން ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެޗްޑީސީން މިއަދު ބުންޏެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ޕާކިން ބިލްޑިންގް ހެދުމުން އުޅަނދުތައް ދާއިމީކޮށް ޕާކުކޮށްފައި ބާއްވާނެ ތަނެއް ލިބޭނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ވިޔަފާރި އުސޫލުން ކަމަށެވެ އަދި ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މަޝްރޫއު އިއުލާން ކުރައްވާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ޓެކްސީތަކަށް ޕާކިން ޒޯނެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމިއިރު، ޓްރާންސްޕޯޓް މިނިސްޓްރީން މި މަހު ނެރުނު "މާލެ ފަހި" ޕްރޮގްރާމުގައި ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި، ރިލަޔަބަލް ޓެކްސީލައިނެއް ތައާރަފުކޮށް ހިދުމަތް ދޭން ހިމަނާފައިވެ އެވެ.

އެހެންވެ، އެ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ކަމަށް އެ ޕްލޭންގައި ހިމެނެ އެވެ.

އެ ޕްލޭނުގައި ބުނެފައިވާ ގޮތުން ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނަކީ މަދުވެގެން 25 ޕަސެންޓް ތިމާވެއްޓާއި ރަށްޓެހި، އިލެކްޓްރިކް އުޅަނދު ބޭނުން ކޮށްގެން ފަށާނެ ޓެކްސީ ލައިނެކެވެ.