Roadha Mihaaru
އެހެން ޒޯނުތަކުގެ އުޅަނދު ރަޖިސްޓަރީ ކުރަން 6 މަސް

މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ އުޅަނދުތަކުގެ ރަޖިސްޓަރީ ބަދަލުކުރަން ހަ މަސް ދެނީ

15 އޯގަސްޓް 2024

މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލަ އަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލަ އަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެހެން ޒޯނުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދާއި ރަޖިސްޓަރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލެ ސަރަހައްދަށް އެތެރެ ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެޗްޑީސީއާ ގުޅިގެން ބިމެއް ކަނޑައަޅައި އެ ވެހިކަލްތައް އެ ސަރަހައްދަށް ގެންދިއުމަށް 40 ދުވަސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބިމަށް ގެންދިއުމަކީ އެ ވެހިކަލެއްގެ ވެރިފަރާތުގެ އަމިއްލަ ކަމެއް. އޭރުން އަޅުގަނޑުމެން ޓޯކޮށްގެން ލިބޭ ގެއްލުމާއި އަޅުގަނޑުމެން ޓޯކޮށްގެން އަރާ ޖޫރިމަނާ ވެސް ނާރާނެ،" އަމީން ވިދާޅުވި އެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވެހިކަލެއްގެ އަސްލު ޒޯނަށް ގެންދަން ބޭނުން ނުވާ ނަމަ ގާނޫނުގައި އޮންނަ ގޮތަށް މާލެ ޒޯނަށް ރަޖިސްޓަރީ ކުރުމަށް ހަ މަސް ދުވަހުގެ ފުރުސަތެއް ދޭނެ އެވެ. އެ ހަމަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ފުރިހަމަ ކުރަން ނުވަތަ މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ 40 ދުވަހުގެ މުއްދަތަށް ފަހު ވެސް މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރާނެ ކަމަށެވެ. އިހުސާން ވަނީ ސަރުކާރުން ދޭ ހަ މަސް ދުވަހުގެ މުއްދަތުގައި އަވަހަށް ރަޖިސްޓަރީގެ ކަންކަން ނިންމުމަށް އެދިވަޑައިގެންފަ އެވެ.

އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވާ މައްސަލަ ފެންމަތިވީ މިދިޔަ މަހު ހުޅުމާލެ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަށް ފަހު އެވެ.

އެކްސިޑެންޓުވި ކާރުގެ ނަންބަރު ބޯޑު

އެކްސިޑެންޓުވި ކާރުގެ ނަންބަރު ބޯޑު

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓަރީ ކޮށްފަ އެވެ.

އޭގެ ފަހުން ފުލުހުން ވަނީ ހުޅުމާލޭ ސެންޓަރަލް ޕާކު ސަރަހައްދުގައި ބޮޑު ބައެއް ނަގައިގެން މާލެ ނޫން އެހެން ޒޯންތަކަށް ޕާކް ކޮށްފައިވާ ސްޕޯޓްސް ކާރުތަކެއް ޓޯ ވެސް ކޮށްފަ އެވެ.