Roadha Mihaaru
ޑްރަގު ފަރުވާ ނިންމާ މީހުންނަށް ވަޒީފާ ހޯދަން އެހީވާން އެދިއްޖެ

ޑްރަގް ފަރުވާ ނިންމާ މީހުންނަށް ވަޒީފާ ހޯދަން ކުންފުނިތަކުގެ އެހީއަށް އެދިއްޖެ

15 އޯގަސްޓް 2024

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމް ނިންމާ މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން އެ އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު މިރޭ އެދިވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމް ނިންމާ މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން އެ އެޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު މިރޭ އެދިވަޑައިގެންފި އެވެ.

ޑްރަގް ކޯޓުން ފަރުވާ އަށް ހުކުމްކޮށް، އެ ހުކުމްގެ ދަށުން އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމް މިދިޔަ އަހަރު ނިންމި މީހުންނަށް ހަނދާނީ ލިޔުން ހަވާލު ކުރަން އެ ކޯޓުން ބޭއްވި ރަސްމިއްޔާތުގައި ލުބުނާ ވިދާޅުވީ، ފަރުވާ ނިންމާ މީހުން އަލުން މުޖުތަަމައަށް ގެންނަން ސަރުކާރާއި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ސަރުކާރުން ގެންދަނީ ފަރުވާ ނިންމާ މީހުން އަލުން މުޖުތަމައަށް ނެރުމަށް މިހާރު ވެސް ބޮޑެތި ހަރަދުތަކެއް ކުރަމުން ކަމަށާއި އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ވެސް ލުބުނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންޑީއޭ އިން ފޯރުކޮށްދޭނީ ހަމައެކަނި ފަރުވާ ނޫން ކަމަށާއި ފަރުވާ އަށް ފަހު ރިކަވަރީ ސަޕޯޓް ވެސް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

ތައުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް އެންޑީއޭ އިން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"މި ފުރުސަތުގައި އަޅުގަނޑު ރާއްޖޭގެ ކުންފުނިތަކާއި އެސްއޯއީތަކުގެ އެހީތެރިކަން ފަރުވާ ފުރިހަމަކުރާ ފަރާތްތަކަށް، ވަޒީފާ ލިބުމުގައި އެންޑީއޭއާ އެކު ވަރަށް ގާތުން މަސައްކަތް ކޮށްދިނުމަށް އެދި ދަންނަވަން. އަދި ކުންފުނިތަކާއި އެސްއޯއީތަކުގެ އެހީތެރިކަމަށް އެދެން،" ލުބުނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑްރަގު ކޯޓުގެ އިސް ގާޒީއާ އެކު ލުބުނާ - ފޮޓޯ: ނިޝާން އަލީ / މިހާރު

މިރޭގެ ރަސްމިއްޔާތުގައި ޑްރަގު ކޯޓުގެ އިސް ގާޒީއާ އެކު ލުބުނާ - ފޮޓޯ: ނިޝާން އަލީ / މިހާރު

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ލުބުނާ ވިދާޅުވީ؛

- ފަރުވާ އަށް ފަހު އަލުން މުޖުތަމައަށް ނުކުމެ އަބުރުވެރި ދިރިއުޅުމެއް އުޅެން ލިބުނު ފުރުސަތުގެ ބޭނުން ފަރުވާ ނިންމާ މީހުން ހިފަން ޖެހޭނެ

- ފަރުވާ އަށް ފަހު ނަފްސާނީ އެއްވެސް މައްސަލައަކާ ކުރިމަތިވާ ނަމަ އެކަމަށް އެންޑީއޭގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމާއި މެންޓަލް ހެލްތު ސެޝަންތަކުގައި ބައިވެރިވެ އެހެން މީހުން ކައިރިން ހިތްވަރު ލިބިގަތުމަކީ މުހިންމު ކަމެއް

- ފަރުވާގެ ނިޒާމްގެ ހަރުދަނާ ކުރަން ސަރުކާރުން ކުރާ ހޭދޭ އިތުރުކޮށްފައިވާ ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާ ކަމަށް

- މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ. އެ މަސައްކަތުގައި އެންޑީއޭ އިން ސާބިތުކަމާ އެކު އޮންނާނެ ކަމަށް އަދި މި މަސައްކަތުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި ކޮންމެ މަސައްކަތެއް ހިތްވަރާ އެކު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް

- މަސްތުގެ ވަބާ އިން ސަލާމަތްވާ މީހުން މުޖުތަމައުގައި އަބުރުވެރިކަމާ އެކު އުޅުމުގެ ފުރުސަތު އެންމެން ވެސް ދޭން ޖެހޭނެ ކަމަށާއި އެ މީހުންނަކީ ގައުމަށް މުހިންމު ފައިދާހުރި ފަރުދެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށް

ފަރުވާ ނިންމި މީހަކަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ފަރުވާ ނިންމި މީހަކަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ލުބުނާ ވިދާޅުވިގޮތުގައި، އެންޑީއޭ އިން މިހާރު ހިންގާ ފަރުވާގެ ޕްރޮގްރާމްތައް އިތުރަށް އެޑްވާންސް ކުރަން ޖެހެ އެވެ. އެ މަސައްކަތް އެ އެޖެންސީއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައުޓް ޕޭޝަންޓް ފަރުވާ ދިނުމަށް އެންޑީއޭ އިން މިހާރު އަންނަނީ ތައްޔާރު ވަމުން ކަމަށް ވިދާޅުވި އެވެ.

އަދި ފަރުވާއަށް ދޭ ރަނގަޅު ބޭސްތައް ނިޒާމްގެ ތެރެއަށް ވެއްދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަން ލުބުނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަސްތުން ސަލާމަތް ވުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް، މީހާ އިސްލާހުވެ، އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު އެންމެންނަށް ވެސް އެބައޮތް ކަމަށެވެ. މިރޭ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް ލިޔުން ހޯދި މީހުން ސާބިތުކޮށްދިނީ އެކަން ކަމަށް ލުބުނާ ވިދާޅުވި އެވެ.

"މުޖުތަމައުއަށް އަލުން ގެނައުމަށްޓަކައި ސަރުކާރާއި މުޅި މުޖުތަމައު އެއްބާރުލުން ލިބޭ ފަރުވާދޭ ނިޒާމެއް ބައްޓަން ކުރުމަށް މަސައްކަތް ކުރުން މުހިންމު،" ލުބުނާ ވިދާޅުވި އެވެ.