Roadha Mihaaru

އިމާރާތުން ވެއްޓުނު ޒުވާނާގެ މައްސަލާގައި މަޖިލިސް އިންކުއަރީއެއް ހަދަން ހުށަހަޅައިފި

މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ވެއްޓުނު ޒުވާނާގެ މައްސަލާގައި މަޖިލިސް އިންކުއަރީއެއް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

24 އެޕްރީލް 2025

މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒު ވެފަ އެވެ.

އޭގެ ތެރެއިން، ޒުވާނާއާ އެކު އެންމެ ފަހުން އުޅުނު ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވިއަސް، އޭނާ ރާއްޖެ އިން ފުރުން މަނާކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުން ހިމެނެ އެވެ. އޭގެ އިތުރުން، އެ މައްސަލައިގައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރުމާއި އެ މީހުންގެ ވަނަވަރު ހާމަނުކުރުން ހިމެނެ އެވެ. އެހެންވެ، މި މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ.

މި މައްސަލާގައި މަޖިލިސް އިންކުއަރީއެއް ހެދުމަށް 241 ކޮމިޓީއަށް ހުށަހަޅެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.

އިންކުއަރީ ހެދުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ ހިލާފަށް ކަން ފާހަގަކޮށް ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން މި މައްސަލާގެ ރިޕޯޓު ފުލުހުންނަށް ލިބުނު ހިސާބުން ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ ރިޕޯޓެއް ހަދަން އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.

މި މައްސަލާގައި ފުލުހުން ވަނަވަރު އާންމުކުރުމުގައި ތަފާތު ކުރުންތަކެއް ގެންގުޅޭތީ އާއި ކުށުގެ ވެއްޓާ ގުޅޭ ބައެއް ގޭގޭގެ ނަން ސިއްރު ކޮށްފައިވާތީ، އެ ކަމުގައި ސުވާލުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރުމަށް ވެސް މަޖިލީހަށް އޮތީ ހުށަހަޅައފައިފަ އެވެ.

އެ ސުވާލު ހުށަހަޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް ވަނީ މި މައްސަލާގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އާންމުކޮށް އަމަލުކުރަމުން އަންނަ ގޮތާ ހިލާފަށް އެ މައްސަލާގައި ފޮރެންސިކް ތަހުލީލު ކޮށްފައި ނުވާތީ، ސޯޝަލް އެންޑް ފެމިލީ ޑިވޮލޮމްޕެންޓް މިނިސްޓަރު އައިޝަތު ޝިހާމް ހާޒިރުކުރުމަށް ވެސް ހުށަހަޅާއިފަ އެވެ.