Roadha Mihaaru
އެމްޕޮކްސް އަކީ އާ ކޮވިޑެއް ނޫން: ޑަބްލިޔުއެޗްއޯ

އެމްޕޮކްސް އަކީ އާ ކޮވިޑެއް ނޫން: ޑަބްލިޔުއެޗްއޯ

21 އޯގަސްޓް 2024

މިހާރު ފެތުރެމުންދާ އެމްޕޮކްސް އަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތެއް އޮތް ކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއްޔެ ބުނެފި އެވެ.

މިހާރު ފެތުރެމުންދާ އެމްޕޮކްސް އަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތެއް އޮތް ކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއްޔެ ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ކުރިން މަންކީޕޮކްސް ނުވަތަ އެމްޕޮކްސްގެ ވައިރަސްތައް ވަނީ މާކުރިން ދެނެގަނެވިފައި ކަމަށާއި އެހެންވެ އެ ވައިރަސް ކޮންޓްރޯލްކުރެވޭނެ ގޮތްތައް ވެސް އެނގޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕިއަން ޑައިރެކްޓަރު ހާންސް ކްލޫޖް ވިދާޅުވީ، ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެމްޕޮކްސްއާ ގުޅިގެން އިއުލާނު ކުރަން ޖެހުނީ އެ ބަލީގެ ކްލެޑް 1ބީ ސްޓްރެއިން މިހާރު ބާރަށް ފެތުރޭތީ ކަމަށާއި އެ ސްޓްރެއިންއާ ބެހޭ ގޮތުން އަދި އިތުރަށް ދިރާސާކުރަންޖެހޭ ކަމަށެވެ. އެކަމަކު އެމްޕޮކްސް ފެތުރުން ހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.

"އެމްޕޮކްސް އަކީ އާ ކޮވިޑެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އެމްޕޮކްސް ކޮންޓްރޯލް ކުރާނީ ކިހިނެއްކަން އެނގޭ. އަދި ޔޫރަޕްގެ ސަރަހައްދުގައި ބަލި ފެތުރުން އެއްކޮށް ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެނގޭ،" ޖެނީވާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ބޭއްވި ޕްރެސް ބްރީފިންގައި ކްލޫޖް ވިދާޅުވި އެވެ.

ޖުލައި 2022 ގައި ވެސް ޑަބްލިއުއެޗްއޯއިން އެމްޕޮކްސް ފެތުރޭތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. އެފަހަރު އެއީ މިހާރު މި ފެތުރޭ ސްޓްރެއިންއަށް ވުރެ ނުރައްކާ ކުޑަ ކްލެޑް 2ބީ ސްޓްރެއިން ފެތުރެން ފެށުމުން ނެވެ. އެ ހާލަތު އުވާލީ 2023 ވަނަ އަހަރުގެ މެއި މަހު އެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގޯމާގެ އުތުރުގައި އޮންނަ ނައިރަގޮންގޯ ޖެނެރަލް ރެފަރަލް ހޮސްޕިޓަލުގެ އެމްޕޮކްސް ޓްރީޓްމަންޓް ސެންޓަރުގައި މި މަހުގެ 16 ވަނަ ދުވަހު މީހެއްގެ ހަށިގަނޑުން އެމްޕޮކްސް އަށް ސާމްޕަލް ނަގަނީ.  ސާމްޕަލް ޑޮކްޓަރުން ނަގަނީ -- ފޮޓޯ: އޭއެފްޕީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގޯމާގެ އުތުރުގައި އޮންނަ ނައިރަގޮންގޯ ޖެނެރަލް ރެފަރަލް ހޮސްޕިޓަލުގެ އެމްޕޮކްސް ޓްރީޓްމަންޓް ސެންޓަރުގައި މި މަހުގެ 16 ވަނަ ދުވަހު މީހެއްގެ ހަށިގަނޑުން އެމްޕޮކްސް އަށް ސާމްޕަލް ނަގަނީ. ސާމްޕަލް ޑޮކްޓަރުން ނަގަނީ -- ފޮޓޯ: އޭއެފްޕީ

"ޔޫރަޕުގައި އެމްޕޮކްސް ކޮންޓްރޯލް ކުރީ މި ބަލި އެންމެ ބޮޑަށް އޮތް މީހުންގެ ތެރޭ ސީދާ އެ މީހުންނާ ގުޅިގެން ކުރި މަސައްކަތުން،" ކްލޫޖް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕޮކްސްގެ ނުރައްކާ ޖުމްލަކޮށް މުޅި އާބާދީގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެންވެ މިއީ ކޮވިޑްގައި ކުރި ގޮތަށް ލޮކްޑައުން ކުރަންޖެހޭ ހާލަތެއް އޮތް ބައްޔެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިހާރު އާންމުވެފައިވާ ކްލެޑް 1ބީ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުގެ ސަބަބުންނެވެ.

ކްލޫޖް ވިދާޅުވީ ދެން މި ވައިރަސް ފެތުރޭނީ ބަލީގެ ހާލަތު އެންމެ ގޯސް ހިސާބަށް ގޮސްފައި ހުރި މީހެއް، ހާއްސަކޮށް، އަނގައިގައި ފޮޅުލާފައި ހުރި މީހެއްގެ ކުޅުން، އޭނާއާ ގައިގޯޅިކޮށް އުޅޭ މީހުންނަށް ކަމަށެވެ.

"ބަލި ފެތުރޭ ގޮތްތައް އަދި މުޅިން ސާފު ނުވާތީ އިތުރު ދިރާސާތައް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސަރެވިޗް ވިދާޅުވީ މި ބައްޔާ ގުޅިގެން، މާސްކު އެޅުމަށް އެ އެޖެންސީން ލަފާ ނުދޭ ކަމަށެވެ.

"މުޅި އާބާދީއަށް ވެކްސިން ދޭން އިރުޝާދެއް ނުދެން. ލަފާ މި ދެނީ އެންމެ ނުރައްކާ ބޮޑު ގްރޫޕްތަކަށް އައުޓްބްރޭކް ސެޓިންގައި ވެކްސިން ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 14 ގައި އިއުލާނުކުރީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ކްލެޑް 1ބީ ގެ ކޭސްތައް އިތުރުވެ ކައިރި ގައުމުތަކަށް ފެތުރެމުންދާތީ އެވެ. -- އޭއެފްޕީ