Roadha Mihaaru
ކަންކަން ނުކޮށް ގަސްދުގައި ދޫކޮށްލަނީ، ޒިންމާއެއް ނެތް

ނިންމަން ޖެހޭ ކަންކަން ގަސްދުގައި ދޫކޮށްލަނީ، ޒިންމާއެއް ނެތް!

07 ޑިސެމްބަރ 2016

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން ކުރި އަމުރަކާ އެކު މިދުވަސްވަރު އެންމެ ހޫނު އެއް މައުޟޫއަކަށް ވާނީ ގާނޫނުގައި ބުނާ މުއްދަތަށް ކަންކަަން ނިންމުމުގެ ވާހަކަ އެވެ. އެއީ ލާ މަރުކަޒީ ގާނޫނުގައި، ކައުންސިލަރުން ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އާ ދައުރަށް މެމްބަރުން ހޮވަން ޖެހޭނެ ކަމަށް ބުނެފައި އޮތުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން ކުރި އަމުރަކާ އެކު މިދުވަސްވަރު އެންމެ ހޫނު އެއް މައުޟޫއަކަށް ވާނީ ގާނޫނުގައި ބުނާ މުއްދަތަށް ކަންކަަން ނިންމުމުގެ ވާހަކަ އެވެ. އެއީ ލާ މަރުކަޒީ ގާނޫނުގައި، ކައުންސިލަރުން ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އާ ދައުރަށް މެމްބަރުން ހޮވަން ޖެހޭނެ ކަމަށް ބުނެފައި އޮތުމުންނެވެ.

ތެދެކެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވާއިރު ގާނޫނުގައި ބުނާ މުއްދަތުގައި ކައުންސިލް އިންތިޚާބެއް ދެނެއް ނުބޭއްވޭނެ އެވެ. އެންމެ ގިނަ މީހުންގެ ކަންބޮޑުވުމަކީ ވެސް މިއީ އެވެ. އެކަމަކު ފާހަގަކުރަން މި އުޅެނީ އެ މައްސަލައެއް ނޫނެވެ. މައްސަލައަކީ އިންތިޚާބުތައް ނޫނަސް ގާނޫނުތަކުގައި މުއްދަތު ކަނޑައަޅާފައި ހުރި އެތައް ކަމެއް ނުކުރުމަކީ އާންމު ކަމަކަށް ވެފައި އޮތުމެވެ.

އެންޓި ޓޯޗާގެ ގާނޫނު ޑިސެމްބަރު، 2013 ގައި ވުޖޫދަށް އައިއިރު، ކުށުގެ ތުހުމަތުގަ އާއި މީހުން ބަންދުކުރާ ތަންތަނާއި ހުކުމް ތަންފީޒުކުރާ ތަންތަން ފަދަ މަރުކަޒުތަކަކީ ކޮބައިކަން ކަނޑައަޅައި، 15 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓަރު އެކަން އާންމުކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތެވެ. އެކަމަކު އެ މުއްދަތު ޖެނުއަރީ، 2014 ގައި ހަމަވިއިރު ވެސް އެ ތަންތަނުގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.

މުއްދަތު ހަމަވި ފަހުން އަވަސް އަރުވާލައިގެން ކުއްލި ގޮތަކަށް ސަރުކާރުން އެ ލިސްޓް އާންމުކުރީ، އެ މައްސަލާގައި ގާނޫނާ ޚިލާފްވި ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމުމުންނެވެ.

އެހެން މިސާލެކެވެ. ޖުލައި، 2015 ގައި އަމަލު ކުރަން ފެށި އާ ގާނޫނުލް އުގޫބާތަށް އެއް އަހަރު ފުރުމުގެ ކުރިން، ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅާ ހަތް ގާނޫނެއް އުވާލުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހެ އެވެ. މިދިޔަ ޖުލައި މަހު ގާނޫނުލް އުގޫބާތަށް އެއް އަހަރު ފުރުނުއިރު ވެސް އެ ހަތް ގާނޫނު އުވާލުމާ މެދު މަޖިލީހުން ގޮތެއް ނިންމާފައެއް ނެތެވެ.

އެ ގާނޫނުތަކުގެ ސައްހަކަމާ މެދު ގާނޫނީ މީހުން ސުވާލު އުފައްދަން ފެށުމުން ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ އެ ހަތް ގާނޫނުގެ ތެރެއިން އެއްވެސް ގާނޫނެއް އުވާލުމާ މެދު ގޮތެއް ނިންމަން މަޖިލީހަށް ނުފޮނުވީ އެއިން އެއްވެސް ގާނޫނެއް އުވާލަން ނުފެންނާތީ ކަމަށެވެ. އެކަމަކު ގާނޫނުލް އުގޫބާތުގެ 18 ވަނަ މާއްދާގެ ބ. ގައި ބުނަނީ އެ ގާނޫނުތައް މުރާޖާ ކުރުމަށް ފަހު، އުވާލުމާ މެދު ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުން ކަމަށެވެ. އެއީ އެއްވެސް ގޮތަކުން ބަންޑާރަ ނައިބުގެ އޮފީހުން ގޮތެއް ނިންމަން ޖެހޭނެ ކަމެއް ކަމަކަށް ބުނެފައެއް ނެތެވެ.

ޖޭއެސްސީން ހުސްވެފައިވާ މަގާމު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާ ފަނޑިޔާރުގެ މެމްބަރުކަމުގެ ދައުރު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އެހެން ބޭފުޅަކު ހައި ކޯޓުން އިންތިޚާބު ކުރަން ޖޭއެސްސީގެ ގާނޫނު ލާޒިމް ކުރެ އެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މެމްބަރުކަމުގެ ދައުރު ހަމަވިތާ ތިން މަސް ވެއްޖެ އެވެ. އަދިވެސް އެ މަގާމަށް އެ ކޯޓުން ބޭފުޅަކު އިންތިޚާބެއް ނުކުރެ އެވެ. ރާއްޖޭގެ އެންމެ މުހިންމު އެއް މިނިވަން މުއައްސަސާގެ މަގާމެއް ހުސްވެފައި އޮންނަތާ އެތައް ދުވަހެއް ފާއިތުވަނީ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ޑިސެމްބަރު، 2014 ގައި ގެނައި އިސްލާހުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮތްޕެއް 90 ދުވަހުގެ ތެރޭގައި ގާއިމްކޮށް ނިންމަން ޖެހެ އެވެ. އެ އިސްލާހު ފާސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ދެކުނު ގޮފީގެ މަސައްކަތް މި އަހަރު ކުރީކޮޅު ފެށިއިރު އަދިވެސް އުތުރު ގޮފީގެ މަސައްކަތެއް ނުފެށެ އެވެ. ހައި ކޯޓުގެ ގޮފިތައް އުފެދުމުން ރައްޔިތުންނަށް ލިބޭނެ ކަމަށް ބުނި ލުއިތަކުން އުތުރުގެ ރައްޔިތުން މަހްރޫމް ވެފައި ތިބޭތާ ދެ އަހަރު ވަނީ އެވެ.

އުތުރު ގޮފީގެ މަސައްކަތް ނުފެށިގެން އުޅެނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ނުވާތީ އެވެ. އެ ދެ މަގާމަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ފަނޑިޔާރުން އައްޔަން ކުރުމުގެ ޒިންމާ އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާއެއް ބޭއްވޭ މިންވަރަށް އެ ކޮމިޝަންގެ މެމްބަރުން ހާޒިރު ނުވާތީ އެވެ.

މިއީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިހުމާލުން ނުވަތަ ގަސްދުގައި ނަމަވެސް، ގާނޫނުގައި ބުނާ މުއްދަތުތަކަށް ކަންކަން ނުނިންމުމުގެ މިސާލުތަކެވެ. ދުވަހަކަށް ވުރެ ދުވަހެއް މިކަން މިދަނީ އިތުރުވަމުންނެވެ. މަޑުމަޑުން ސަގާފަތަކަށް ބަދަލުވަމުންނެވެ. އާ ގާނޫނު އަސާސީ އައި ފަހުން މިއަދާ ހަމައަށް ވެސް އުޅެން މިޖެހެނީ ކޮންމެވެސް ކަމެއް ނިންމަން ޖެހޭ މުއްދަތަށް ނުނިމިގެންނެވެ.

މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާ ބުނާ ގޮތުން ގާނޫނެއްގައި ވަކި ގޮތަކަށް އަމަލުކުރަން ވާނެ ކަމަށް ބުނެފައިވާ ނަމަ އެއީ އެ ގާނޫނުން އުފައްދާ "ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް" ކަމަށް ބަލަންވާނެ އެވެ. މި މާއްދާއިން ވެސް އެނގެނީ ވަކި ކަމެއް ވަކި ގޮތަކަށް "ކުރަން ވާނެ" ކަމަށް ގާނޫނެއްގައި ބުނެފައިވާ ނަމަ އެގޮތަށް އަމަލު ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނޯންނާނެ ކަމެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުން ވެސް އެކަމެއް ނުނިންމާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވޭ --ފޮޓޯ/މިހާރު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުން ވެސް އެކަމެއް ނުނިންމާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވޭ --ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުގެ މުހިންމު ހުކުމެއް

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބާއްވަން ޖެހުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާޗް، 2009 ގައި ބާއްވަން ގާނޫނު އަސާސީގައި ލާޒިމްކޮށްފައި ވަނިކޮށް އިންތިޚާބާ ބެހޭ މުހިންމު ދެ ބިލެއް ފާސް ނުކޮށް، މަޖިލީހުން 2008 ގެ ފަހުކޮޅު ޗުއްޓީއަށް ދިޔަ އެވެ. އެކަމާ ގުޅިގެން ވަކީލުންތަކެއް ހުށަހެޅި މައްސަލައެއްގައި ސުޕްރީމް ކޯޓުން އޭރު ހުކުމެއް ކުރި އެވެ.

އެ ހުކުމުގައިވާ ގޮތުން ގާނޫނެއްގައި ވަކި މުއްދަތެއްގައި ކުރަން ޖެހޭނެ ކަމަށް ބުނާ ކަމެއް އެ މުއްދަތުގައި ނުކޮށް ދޫކޮށްލެވޭނީ "އިންސާނީ ބާރު ނުފޯރާ ފަދަ ގުދުރަތީ ހާދިސާތަކާއި ހަނގުރާމަވެރި ހާލަތްތަކުގައި" އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި މުއްދަތުތަކަށް ކަންކަން ނިންމުން ލާޒިމެވެ.

"ކޮންމެ މުއައްސަސާއަކުން ވެސް މުއްދަތުގައި ކަމެއް ނުނިމުނީމަ އަބަދުވެސް ކޮންމެވެސް އުޒުރެއް ދައްކާނެ. ދެން މިއޮތީ މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ މަޖިލީސް. މަޖިލީހަކު ނޫޅޭ އެކަންކަން ބަލައި، މުއްދަތުގައި ކަމެއް ނުނިމުނީ ކީއްވެގެންތޯ ސުވާލުކޮށް، ފިޔަވަޅު އަޅާކަށް،"

އެ ހުކުމް އަދިވެސް ދެމި އެބަ އޮތެވެ. އެކަމަކު އަމަލުކުރާނެ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. ކަންކަން ފަސްކުރަނީ "ހަނގުރާމަވެރި ހާލަތެއް ނުވަތަ ގުދުރަތީ ހާދިސާއެއް" ދިމާވެގެންނެއް ނޫނެވެ. މުއައްސަސާތަކުން ހަމަ ގަސްދުގަ އެވެ.

ބައެއް ވަކީލުންގެ ބުނާ ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުތަކުގައި ވަކި ކަމެއް މާޒީގައި ނުނިމި އޮތަތީ އެކަން މިސާލަކަށް ނަގައިގެންނެއް ނުވާނެ އެވެ.

"އެންމެ ފުރަތަމަ ދުވަހު މިކަމަށް ފުރުސަތު ނުދިން ނަމަ މިހެން ނުވީސް. މިކަން ހިނގަން ފެށީމަ ފުރަތަމަކޮޅު ފިޔަވަޅު އަޅައި، ޖަވާބުދާރީ ކުރުވަން ޖެހޭ މީހުން ކުރުވަން ޖެހޭނެ. މިހާރު ގާނޫނުގައި ބުނާ މުއްދަތަށް ދުވަހަކު ވެސް ކަމެއް ނިންމޭ ކަމަކަށް ނުވޭ،" ވަކީލަކު ވިދާޅުވި އެވެ.

ގާނޫނުތަކުގައި ބުނާ މުއްދަތުތަކުގައި ކަންކަން ނުނިންމިޔަސް ރައްޔިތުންގެ މަޖިލީހަކުން ވެސް އަޅައެއް ނުލަ އެވެ. ވަކި މުއްދަތެއްގައި ކަމެއް ކުރަން ގާނޫނުގައި ލިޔެލުމުން މަޖިލީހަށް އެ ނިމުނީ އެވެ.

"ކޮންމެ މުއައްސަސާއަކުން ވެސް މުއްދަތުގައި ކަމެއް ނުނިމުނީމަ އަބަދުވެސް ކޮންމެވެސް އުޒުރެއް ދައްކާނެ. ދެން މިއޮތީ މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ މަޖިލީސް. މަޖިލީހަކު ނޫޅޭ އެކަންކަން ބަލައި، މުއްދަތުގައި ކަމެއް ނުނިމުނީ ކީއްވެގެންތޯ ސުވާލުކޮށް، ފިޔަވަޅު އަޅާކަށް،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

"މަޖިލީހުގެ ސަމާލުކަން ހުންނަނީ އެހެން ކަންކަމަށް މުޅިން ވެސް. ގާނޫނުގައި ހުރި މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް މަޖިލީހުން އަޅާނުލާ އެ ތިބެނީ."

ވަކި މުއްދަތުތަކެއްގެ ތެރޭގައި ކަންކަން ކުރަން ލާޒިމްކޮށްފައި އޮންނަނީ ރަމްޒީކޮށެއް ނޫނެވެ. އެއީ ގާނޫނުތައް މެދުވެރިކޮށް ރައްޔިތުންނަށް ލިބެން ޖެހޭ ޚިދުމަތްތަކާއި މަންފާތައް ލިބި ދިނުމާ އެކު ގާނޫނީ މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެކަމަކު ފެންނަމުންދަނީ ވަކި މުއްދަތުތަކުގެ ތެރޭގައި ނިންމަން ޖެހޭ ކަންކަން ނުނިިންމައި ތިބޭ ތަނެވެ.