Roadha Mihaaru
ޝަމީމަށް މުވައްޒަފުންގެ ފަރާތުން ރަތްދޫލައިގެ ވަދާއުއެއް

ޕީޖީ ޝަމީމަށް މުވައްޒަފުންގެ ފަރާތުން ރަތްދޫލައިގެ ވަދާއުއެއް

22 އޯގަސްޓް 2024

ހަތަރު އަހަރުގެ ހިދުމަތަށް ފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ހުސެއިން ޝަމީމް ނުކުމެވަޑައިގެންނެވީ ރަތްދޫލައެއްގެ މަތިންނެވެ. އެ އޮފީހުގެ މުވައްޒަފުން ވަނީ ޝަމީމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރަތްދޫލައިގެ އަލްވަދާއު ކިޔައިފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހަތަރު އަހަރުގެ ހިދުމަތަށް ފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ހުސެއިން ޝަމީމް ނުކުމެވަޑައިގެންނެވީ ރަތްދޫލައެއްގެ މަތިންނެވެ. އެ އޮފީހުގެ މުވައްޒަފުން ވަނީ ޝަމީމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރަތްދޫލައިގެ އަލްވަދާއު ކިޔައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ. އެ މައްސަލާގައި ގޮތެއް ނިންމަން މިރޭ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ޝަމީމް ވަނީ އޭނާ އިސްތިއުފާ އިއުލާން ކުރައްވައިފަ އެވެ.

ޝަމީމް މިއަދު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރާއި އަށް މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ގާނޫނުއަސާސީ އާއި، ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއްވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.

"އަޅުގަނޑަށް ނުފޫޒު ފޯރުވުމަށް އެކި ބޭފުޅުން ސީދާގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރެއްވި ނަމަވެސް، އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް މިރޭ ޕީޖީ އޮފީހުން ނުކުމެވަޑައިގަންނަވާއިރު މުވައްޒަފުން އަތްތިލަބަޑި ޖަހަން: އޭނާއަށް އަރުވާފައިވަނީ ރަތްދޫލައިގެ ވަދާއުއެއް

ޕީޖީ ޝަމީމް މިރޭ ޕީޖީ އޮފީހުން ނުކުމެވަޑައިގަންނަވާއިރު މުވައްޒަފުން އަތްތިލަބަޑި ޖަހަން: އޭނާއަށް އަރުވާފައިވަނީ ރަތްދޫލައިގެ ވަދާއުއެއް

ޝަމީމް ވިދާޅުވީ:

- ފާއިތުވެދިޔަ ފަސް އަހަރު ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން މައުލޫމާތާއި ތަފާސްހިސާބު ޢާއްމުކޮށްފައިވާ މިންވަރަށް ބައްލަވައިފިނަމަ، ޕީޖީ އޮފީހަކީ އާދަޔާ ޚިލާފަށް ހާމަކަން ބޮޑު ގޮތެއްގައި، ދެ ފުށްފެންނަ ގޮތެއްގައި މައުލޫމާތާއި ތަފާސްހިސާބު އާއްމުކުރަމުން އަންނަ އޮފީހެއް ކަމަށް

- ފޮރުވި ކަމެއް ނުވަތަ އޮޅުވާލި ކަމެއްވެސް ނޯންނާނެ ކަމަށް

- އޮފީހުގެ އަހަރީ ރިޕޯޓުގެ އިތުރުން، ޕީޖީ އޮފީހަކީ ރައްޔިތުންނަށް އަދާހަމަ މައުލޫމާތާއި ތަފާސްހިސާބު ފޯރުކޮށްދޭ އޮފީހަކަށް ހެދުމަށްޓަކައި، “aamahi.pgo.mv” ގެ ނަމުގައިވާނީ އެކަމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފައިވާނެ ކަމަށް

- ކޮންމެ ދުވަހަކު، ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މައުލޫމާތެއް ވެބްސައިޓުން ފެންނާނެ ކަމަށް.

- ދުނިޔޭގެ ފެންވަރުގައިވެސް، ޓްރާންސްޕޭރަންޓް، އެފިޝަންޓް، ޚަރަދުކުޑަ، ފުރިހަމަ މަސައްކަތެއް ކުރެވޭ އޮފީހެއް އުފައްދައި، އެ އޮފީސް، ވަކި ނިޒާމެއްގެ ތެރެއިން ހިންގުމަށް މަގުފަހިކޮށްފައިވާނެ ކަމަށް.

ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާ އޭނާ ހަވާލުވުމުގެ ކުރިން، އޮފީހުގެ މަސައްކަތްތައް ތަރުތީބުވެފައި އޮންނަންވީ ގޮތާއި، މައްސަލަތަކުގައި ފިޔަވަޅު އަޅާނެ އުސޫލުތަކާއި، ނިންމާ ނިންމުންތަކަކީ ތަފްސީލީ ގޮތެއްގައި ލިޔެވިފައި އޮތް ކަންކަމެއް ނޫން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ނިންމުންތައް ނިންމުމުގައި އެއްގޮތްކަން ކަށަވަރުކުރާނެ ނިޒާމެއް އޭރަކު ނެތް ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ، މައްސަލަތަކުގައި ފިޔަވަޅު އަޅާނެގޮތުގެ އުސޫލުތައް ލިޔުމަށް ތިރިކުރުމުގެ މަސައްކަތް. ޔުނިޓްތަކުގެ މެންޑޭޓް އެކުލަވާލާ ކޮންމެ ޔުނިޓަކުންވެސް މައްސަލަތަކުގައި ފިޔަވަޅު އަޅާނެގޮތުގެ އެސްއޯޕީތައް މިހާރު ހުންނާނީ ލިޔެފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މާދަމާ އޭނާ މަގާމުގައި ނެތަސްވެސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ހިނގާނީ ވަކި ނިޒާމަކުން، ވަކި ހަމަތަކެއްގެ މަތިން، ލިޔެވިފައި ހުރި އުސޫލުތަކާ އެއްގޮތަކަށްކަން ޔަގީންކުރާ ކަމަށެވެ.

"ޕްރޮސިކިއުޓާ ޖެނެރަލަކީ ވަކި ފަރާތަކަށް ބުރަ ނުވެ، މުސްތަގިއްލުކަމާ އެކު މަސައްކަތްކުރާ މީހެއްކަން އަޅުގަނޑު ވާނީ ބަހާއި އަމަލުން ދައްކުވައިދީފައި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި:

- ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ދާއިރާއިންނާއި އެފިޝަންސީގެ ދާއިރާއިން، ލާމަސީލު އޮފީހެއް ގާއިމުކޮށްފައިވާނެ

- ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބެން ހުންނާނެ

- ކުށުގެ ރެކޯޑު، 10 މިނިޓުން ސާފުކުރެވޭނެ އަދި ދައުވާލިބޭ މީހާއާއި، މައްސަލައިގައި އަނިޔާ ލިބޭ މީހުންނަށް އެމީހުންގެ މައްސަލަތަކާބެހޭ މައުލޫމާތު އޮންލައިންކޮށް ބަލައިލެވޭނެ

- ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވުމަށް ވެލާނާގޭ އޮފީހަށް ދާކަށް ނުޖެހޭނެ ކަމާއި ސިޓީއެއް ފޮނުވުމުން، ޖަވާބުދޭނެ ދުވަސް، އެސްއެމްއެސްއަކުން އަންގާނެ

- ޕީޖީ އޮފީހަށް، ދައުލަތުގެ 700 އަށްވުރެ ގިނަ އިދާރާތަކާ ސީދާ ކޮށް، އޮންލައިންކޮށް މުޢާމަލާތުކުރެވޭނެ ގާބިލުކަން ހުރީ ގާއިމުކުރެވިފައި.

- ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ ގާނޫނުތައް އެއްތަނަކުން ފެންނަ ވެބްސައިޓެއް ހެދާފައިވާއިރު ދުވާލަކު ހައެއްކަ ހާސް މީހުން އެ ވެބްސައިޓު އެބަ ބޭނުންކުރޭ.

ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހަށް ފޯނުކޯލެއް މިސްނުވާތާ އަހަރެއް ވެއްޖެ ކަމަށާއި ފޯނަށް ޖަވާބުދޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ހަމަ ކޮންމެ ފޯނު ކޯލަކަށް ޖަވާބުދޭނެ ނިޒާމެއް އެބައޮތް ކަމަށެވެ. މިފަދަ ނިޒާމެއް، ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގައި އަދިވެސް ނެތް ކަމަށެވެ.

"މި ކުރިއެރުންތަކަކީ ރާއްޖެއާއި ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް. އަޅުގަނޑު ކުރާ މަސައްކަތް ވެސް ދުނިޔޭގެ ފެންވަރު،" ޝަމީމް ވިދާޅުވި އެވެ.

"މާތްﷲގެ އަމުރާއި އިރާދަފުޅުން، އަޅުގަނޑާ މަތިކުރި ކަންތައް އަޅުގަނޑު ކޮށްފީން. އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު."