Roadha Mihaaru
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ

"ކަރުދާސް ކްލަބްތައް" ނުކުމެ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހަރާބު ކުރަނީ، "ދޮވެލަން" ވީ ފަހަރު!

24 އޯގަސްޓް 2024

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ އިންތިހާބު މިދިޔަ މާޗު މަހު ބާއްވަން ކުރީގެ އެކްސްކޯ އިން އުޅުމުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެކަން ހުއްޓުވި އެވެ. މައިގަނޑު ސަބަބަކީ، އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ލިބޭ "އިލެކްޓޯރަލް ކޮލެޖް" ގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައި ވުމެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ އިންތިހާބު މިދިޔަ މާޗު މަހު ބާއްވަން ކުރީގެ އެކްސްކޯ އިން އުޅުމުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެކަން ހުއްޓުވި އެވެ. މައިގަނޑު ސަބަބަކީ، އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ލިބޭ "އިލެކްޓޯރަލް ކޮލެޖް" ގެ ސައްހަ ކަމާ މެދު ސުވާލު އުފެދިފައި ވުމެވެ.

އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ސެންޓަރު (ބީޑީސީ) ތަކުން ސަތޭކަ އަށް ވުރެ ގިނަ މެމްބަރުންގެ ނަމުގައި ބެޑްމިންޓަންގެ އިންތިހާބުގައި ވޯޓް ލަ އެވެ. ބީޑީސީގައި ކިތަންމެ ގިނަ މެމްބަރުންނެއް ތިބި ނަމަވެސް އެ މެމްބަރުންގެ ނަމުގައި އެންމެ މަންދޫބަކު ގޮސް މެމްބަރުންގެ އަދަދަށް ވޯޓުލައި، ރައީސާއި އެކްސްކޯގެ މަގާމުތަކަށް މީހުން އިންތިހާބު ކުރެ އެވެ. އެއްވެސް ޒިންމާއެއް ނެތެވެ.

"އިލެކްޓޯރަލް ކޮލެޖް" އެގޮތަށް ބައްޓަން ކޮށްފައިވާ އެސޯސިއޭޝަނެއްގައި ކުރީގެ ރައީސް މޫސާ ނާޝިދު ވޯޓުން ބަލި ކުރެވޭނެ ގޮތެއް ނެތެވެ.

އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިހާބު ބޭއްވުމާއި ބީއޭއެމްގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ، ތޮލާލް މިހާރު ވަނީ ހަވާލު ކުރައްވައިފަ އެވެ. އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ބަލާއިރު ކުރިމަތިވާ އެންމެ ބޮޑު ކަމަކީ "އިލެކްޓޯރަލް ކޮލެޖް" ހަރާބުކޮށްފައިވާ މައްސަލަ އެވެ.

އިލެކްޓޯރަލް ކޮލެޖް ހަރާބު ކޮށްފައި އޮތީ ހަމައެކަނި ބެޑްމިންޓަން އެސޯސިއޭޝަނުގައި އެކަންޏެއް ވެސް ނޫނެވެ. އެ ހިރަފުހުން ބައެއް އެހެން އެސޯސިއޭޝަންތައް ވެސް އޮތީ މިލަ ޖަހައިފަ އެވެ. މި ހިރަފުސް އެކި އެސޯސިއޭޝަންތަކަށް ބުރާފައި އޮތީ އެކި ގޮތަށެވެ.

ބައެއް އެސޯސިއޭޝަންތަކުގެ ވޯޓު ކޮންޓްރޯލް ކުރަން އެއްބައެއް ނަމުގައި ގިނަ ކްލަބްތަކެއް ރަޖިސްޓަރީ ކޮށްގެން ހިންގަ އެވެ. އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތެއްގައި ބައިވެރިވެ، އަހަރީ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައިސިއްޔަތު ހޯދަން ގެންގުޅޭ "ކަރުދާހުގެ ކްލަބްތަކެއް" ބައެއް އެސޯސިއޭޝަންތަކުގެ ވެރިން ގެންގުޅެ އެވެ.

"[ސްޕޯޓްސް] ކޮމިޝަނާ އަށް ކަނޑައެޅުއްވިދާނެ އުސޫލެއް އެސޯސިއޭޝަންތަކުގެ އިލެކްޓޯރަލް ކޮލެޖް އޮންނަންވާނެ ގޮތުގެ،"--- ހާމިދު

ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ އިލެކްޓޯރަލް ކޮލެޖް ހަރާބު ކޮށްފައި އޮތީ އެގޮތަށެވެ. އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓު ދޭ ގިނަ ކްލަބްތައް ފެތެނީ "ކަރުދާހުގެ ކްލަބް" ތަކުގެ ކެޓަގަރީ އަށެވެ. ހައެއްކަ މީހުން ވެގެން އެސޯސިއޭޝަންގެ ކަންކަން އެ މީހުން ބޭނުންވާ ގޮތަށް ފުރޮޅާލަން، އެ ކްލަބްތަކުގެ ނަމުގައި ވޯޓު ދެނީ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކޮންގްރެސްގައި މެމްބަރުން ވޯޓްު ދެނީ

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކޮންގްރެސްގައި މެމްބަރުން ވޯޓްު ދެނީ

"މިހާރު ވެސް ބަލާ [ބާސްކެޓް ބޯޅައިގައި] އެކްޓިވްކޮށް އުޅޭ ގިނަ މީހުންގެ އަތުގައި އޮންނާނެ ތިން ކްލަބް. ހަމަ އެ މީހުން އެ ތިން ކްލަބް ވެސް ރަން ކުރާނީ،" އެމްބީއޭގެ އިންތިހާބީ މަރުހަލާއާ ބެހޭގޮތުން "މިހާރު" އާ ބައެއް މައުލޫމާތު ހިއްސާކުރި އޮފިޝަލް ބުންޏެވެ.

"ޖެނެރަލް ސެކްރެޓަރީގެ އަތުގައި ވެސް އޮވޭ ހަތަރު ކްލަބް. އޭނާ ގޮވައިގެން ދަންޏާ އެ ކްލަބުތަކުގެ ވޯޓު ޔަގީން ވާނެ،" އެމްބީއޭގެ ކަންކަން އެނގޭ އޮފިޝަލް ބުންޏެވެ.

އެއްބަޔަކު، އެ މީހުންގެ ނަމުގައި ދެތިން ހަތަރު ކްލަބް ރަޖިސްޓަރީކޮށް، އެ ކްލަބްތަކުގެ ނަމުގައި ވޯޓް ދޭ އުސޫލެއް އޮތުމުން އޭގެ ނުރަނގަޅު އަސަރު އެ ކުޅިވަރަކަށް ކުރެ އެވެ.

"ވަރަށް އަން އެތިކަލް ކަމެއް ތި ފެންނަނީ. ކުޅިވަރުގެ އުސޫލާ ހަމަތައް، އޮންނަން ވާނެ ގޮތެއް ނޫން ތިއީ ކީ،" ކުޅިވަރުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ބައެއް އެސޯސިއޭޝަންތަކުން ބާއްވާ މުބާރާތްކުގައި ގާނޫނީ ހައިސިއްޔަތު ނެތް "ހުވަފެނީ ކްލަބްތައް" ބައިވެރި ކުރުވާފައި ވެ އެވެ. އެ ނަމުގައި ކްލަބް ރަޖިސްޓަރީ ނުވަނީސް މުބާރާތުގައި ކުޅުވަނީ، ދެން އަންނަ އިންތިހާބީ ކޮންގްރެސްގައި ވޯޓު ދިނުމުގެ ޝަރުތު ހަމަކުރުވުމުގެ ގޮތުންނެވެ.

"މުބާރާތް ނިމޭ ފަހުން އެ ނަމުގައި ރަޖިސްޓަރީ ކުރަން ހުށަހަޅަނީ. އެ އޮންނަ އުސޫލުގެ ތެރެއިން އެ ކްލަބް ރަޖިސްޓަރީ ވާނެ. ދެން އޮންނަ އިންތިހާބީ ކޮންގްރެސްގައި އެއްކަލަ ކްލަބަށް ވޯޓް ދޭނެ. މި ވެނި މުބާރާތްތަކުގައި ވާދަކޮށްފައި އޮތް ކަމަށް ފެންނާތީ. މިއީ ކުރިން ހިނގާފަ ހުރި ކަންކަން،" ޔޫތާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށް ހިންގި ދުވަސްވަރު އެ އިދާރާގައި މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.

އެކެއްގެ ނަމުގައި ހިންގާ ގިނަ ކްލަބްތަކަކުން އެސޯސިއޭޝަންތަކުގެ ވޯޓު ކޮންޓްރޯލް ކުރުމަށް ހޯދާ ބާރާއި ނުރަނގަޅު ނުފޫޒުގެ މައްސަލަ އެންމެ ބޮޑަށް އޮތީ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އާއި ބާސްކެޓްބޯޅަ އެސޯސިއޭޝަންގަ އެވެ.

"ވޮލީ އާއި ބާސްކެޓްގައި ވަރަށް އާންމު ކަމެއް، އެއް ބައެއްގެ ވަރަށް ގިނަ ކްލަބްތައް ހުންނާނެ. ވަކި ވަރަކަށް މުބާރާތްތަކުގައި ވާދަކުރީމާ ވޯޓު ލުމުގެ ހައިސިއްޔަތު ލިބޭނެ،" ވޮލީގެ އިސް ހަރަކާތްތެރިޔަކު ކުރިން ބުނެފައި ވެ އެވެ.

ވީއޭއެމުން ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސްތައް އިލެކްޓޯރަލް ކޮމިޓީން ބަލަނީ.---- ފައިލް ފޮޓޯ

ވީއޭއެމުން ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސްތައް އިލެކްޓޯރަލް ކޮމިޓީން ބަލަނީ.---- ފައިލް ފޮޓޯ

އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖުގައި އޮތީ މާ ބޮޑު މައްސަލައެކެވެ. މާލެ އަށް ބަރޯސާވެފައިވާ ފުރަތަމަ ޑިވިޝަނުގެ އަށެއްކަ ކްލަބުން މުޅި އެސޯސިއޭޝަން ކޮންޓްރޯލް ކުރުމުގެ ނިޒާމެކެވެ.

އެފްއޭއެމްގެ މިހާރުގެ އަސާސީ ގަވާއިދުގައި ބުނަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދެ ވޯޓް ދެވޭނެ ކަމަށެވެ. އެއީ ޖުމުލަ 16 ވޯޓެވެ. އެފްއޭއެމުން ބޮޑެތި ނިންމުންތައް އެ އަށެއްކަ ކްލަބް ބޭނުންވާ ގޮތަށް އަނބުރާލަ އެވެ.

ފީފާގެ އުސޫލަކީ ވެސް ކޮންމެ މެންބަރަކަށް އެއް ވޯޓްގެ އުސޫލެވެ. ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އަށް ވެސް އަދި ރާއްޖެ އަށް ވެސް ފީފާގެ ކޮންގްރެސްގައި ދެވެނީ އެއް ވޯޓެވެ.

މުޅި ރާއްޖޭގައި ދަނޑުތަކެއް އަޅައިގެން ފީފާގެ ރައީސް ހައިރާން ވިޔަސް، މުޅި ގައުމަށް ފުޓްބޯޅަ ފެތުރިފައި ނެތީ އެ 8 ކްލަބްގެ މައްޗަށް އެކަނި މުޅި އެސޯސިއޭޝަންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ ވޯޓު ބެހިފައި އޮންނާތީ އެވެ.

ވޮލީ އާއި ބާސްކެޓްގައި ވަރަށް އާންމު ކަމެއް، އެއް ބައެއްގެ ވަރަށް ގިނަ ކްލަބްތައް ހުންނާނެ. ވަކި ވަރަކަށް މުބާރާތްތަކުގައި ވާދަކުރީމާ ވޯޓު ލުމުގެ ހައިސިއްޔަތު ލިބޭނެ،"--- ވޮލީގެ އިސް ހަރަކާތްތެރިއެއް

އެފްއޭއެމްގެ ކަންކަން ހަމަ މަގަށް އަޅުވަން ކުރިން އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދުގެ ބެއްލެވުމުގެ ދަށުން، އަށެއްކަ ކްލަބަށް ވޯޓްގެ ކޮންޓްރޯލް ލިބޭ ގޮތަށް އަސާސީ ގަވާއިދު ފާސްކުރީ ހީލަތްތެރި މަގުސަދެއްގައި ކަމަށް ތުހުމަތު ކުރެވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ އިސްވެރިންނާ މިދިޔަ މާޗް 18 ގައި ބޭއްވި ބައްދަލުވުމުގައި ތޮލާލް އިލްތިމާސް ކުރެއްވީ، ވޯޓު ދިނުމުގެ ހައްގު ލިބޭ ކޮންމެ އެންޓިޓީއަކަށް އެއް ވޯޓް ދިނުމުގެ އުސޫލުގެ ތެރެއަށް ފެއްތޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރުމަށެވެ. މި އިލްތިމާސް އެފްއޭއެމާ ހަމައަށް ވެސް ގެންދަން މިހާރު އޮތީ ޖެހިފަ އެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓު ދެނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓު ދެނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ކަންކަން ހަމަޔަކަށް އެޅުވެން އޮތީ "އިލްކްޓޯރަލް ކޮލެޖް" ސާފުކުރުމަށް ހައްލުތަކެއް ހޯދަައިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް އެފްއޭއެމް ފަދަ މައްސަލަތަކުން ފުނިޖެހި، އެއްބައެއްގެ ކޮންޓްރޯލް މުޅި އެސޯސިއޭޝަނަށް ފޯރުވާފައިވާ ތަންތަނަށް މި ބަދަލު މުހިންމެވެ. މި ވާހަކަ ދައްކާތާ އެތައް ދުވަހެއް ވި ނަމަވެސް މި ފަހަރު އުންމީދު ބޮޑެވެ.

އެއް އެސޯސިއޭޝަން ހިންގަން ހުންނަވާ އިސް ބޭފުޅެއްގެ ކަބަޑުގައި، ދެތިން ހަތަރު ކްލަބެއްގެ ސްޓޭމްޕް އޮންނަ ނިޒާމު ދޫކޮށްލައި "ހަގީގީ ކްލަބް" ތަކެއް ރާއްޖޭގެ ކުޅިވަރުގެ ހިންގުމުގެ ނިޒާމަށް ބޭނުންވެ އެވެ.

ކުޅިވަރުގެ ތަޖުރިބާކާރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ އެސޯސިއޭޝަންތަކުގެ އިލެކްޓޯރަލް ކޮލެޖް އިސްލާހު ކުރުމަށް ސްޕޯޓްސް ކޮމިޝަނަރަށާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ދައުރު އަދާކުރެވޭނެ ކަމަށެވެ.

"[ސްޕޯޓްސް] ކޮމިޝަނާ އަށް ކަނޑައެޅުއްވިދާނެ އުސޫލެއް އެސޯސިއޭޝަންތަކުގެ އިލެކްޓޯރަލް ކޮލެޖް އޮންނަންވާނެ ގޮތުގެ،" ހާމިދު ވިދާޅުވި އެވެ.

މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ތޮލާލަށް މިއީ އެކަން ހަމަޔަކަށް އަޅުވަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. ވަކި ބައެއްގެ ނުފޫޒު އަބަދުވެސް އޮންނަ އެފްއޭއެމަށް ތޮލާލްގެ ވަރުގަދަ "އިލްތިމާސެއް" ގެންދާ ހިސާބުން އޭނާގެ ހިތްވަރު ޓެސްޓު ކުރެވޭނެ އެވެ. ބަލަން ތިބެމާ ހިނގާށެވެ. "ކަރުދާސް" އެސޯސިއޭޝަންތައް "ދޮވެލުމުގެ" ގާބިލްކަން ތޮލާލަށް ލިބިފައިވާ ވަރު ވަޒަން ކުރެވޭނެ އެވެ.