30 ޑިސެމްބަރ 2023
"ތިގޮތަށް އަމަލުކޮށްފިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ."
"ތިގޮތަށް އަމަލުކޮށްފިއްޔާ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ."
މިއީ އިންޒާރެކެވެ. މިދިޔަ ނުވަ ވަރަކަށް އަހަރުގެ ތެރޭ، ދިވެހިންނަށް އެތައް ފަހަރަކު މި އިންޒާރު ދީފި އެވެ. އެފްއޭއެމްގެ ލީޑާޝިޕްގައި 2015 އިން ފެށިގެން ތިއްބެވި ބޭފުޅުން، ހިތް ނުރުހޭ ކޮންމެ ކަމެއް ކުރަން ސަރުކާރުގެ އިދާރާއަކުން އެންގި ކޮންމެ ފަހަރަކު މި އިންޒާރު ވަނީ އައިސްފަ އެވެ. އެ އިންޒާރަށް ދިވެހިން ހޭނޭހާ މިންވަރަށް ވެސް އެ އިންޒާރުތައް އަތުވެއްޖެ އެވެ.
ތިން ވަނަ ދައުރަކަށް ކުރިމަތިނުލައްވާނެކަން، އިއުލާން ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ދެވަނަ ދައުރަށް ހޮވަން ޖުލައި 2020 ގައި ބޭއްވި އިންތިހާބު، ފަސް ކުރަން ރައްޔިތުންގެ މަޖިލީހުން އަންގައިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ސިޓީ ފޮނުއްވުމުން ވެސް، ބައްސާމްގެ ލީޑާޝިޕުން ދެއްކީ ހަމަ މި ވާހަކަ އެވެ. "ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރާނެ" ކަމުގެ ބިރު ދައްކައިގެން، މުޅި މާލެ ހަފުސްކޮށްލި ކޮވިޑް ލޮކްޑައުން އަށް ކިރިޔާ ލުޔެއް ދިން ވަގުތު ބަލާފައި، އަވަސް އަރުވާލައިގެން އިންތިހާބު ބޭއްވި އެވެ.
ބައްސާމްގެ މި ދައުރު ހަމަވާން ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް އޮއްވައި، އެފްއޭއެމުން އަނެއްކާ ވެސް ކުއްލިއަކަށް އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން ތާރީހު ކަނޑައަޅައި، މަސައްކަތްތައް ފަށައިގެން ކުރިއަށް ދަނިކޮށް، މިހާރުގެ ސްޕޯޓްސް ކޮމިޝަނާ، މުހައްމަދު ތޮލާލް ވައްޓާލީ، ހަމަގައިމު ވެސް މިފަހަރު އެފްއޭއެމްގެ މި ލިޑާޝިޕް ގުޑުން އަރުވާލި ވަރުގެ އަމުރެކެވެ.
ބައްސާމް އެފްއޭއެމްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
އިންތިހާބު ބާއްވަން، ނިންމި އެކްސްކޯ އާއި އެ އެކްސްކޯގެ ނިންމުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަކޮށް، ތޮލާލް ނެރުއްވި ބަޔާނުން، އެފްއޭއެމްގެ މައްޗަށް އަމުރުކޮށްފައި ވަނީ ގޮތެއް ކަނޑައެޅެންދެން އިންތިހާބުގެ މަސައްކަތްތައް ހުއްޓާލުމަށެވެ.
ތޮލާލްގެ މި އިންޒާރާ އެކު، އަދި މިފަހަރަކު އެފްއޭއެމްގެ ވެރިން ފީފާގެ އިންޒާރުގެ ވާހަކައެއް ތިލައެއް ނުކުރެ އެވެ. އެ އިންޒާރުގެ ނިވާފަތްގަނޑުގައި ތިބެގެން، ކުރިން ސަލާމަތްވި ގޮތަށް މިފަހަރު ސަލާމަތް ނުވެވޭނެ ވަރަށް، އެފްއޭއެމްގެ ކަންކަން އޮތީ ބޭޒާރު ވެފަ އެވެ.
ފީފާއިން އަތުވެދާނެ ސަސްޕެންޝަނުގެ އިންޒާރަކަށް ނުސިހި، ތޮލާލް ނެރުއްވި އަމުރާ އެކު، އެފްއޭއެމް އަށް ގެންޖެހުން ކުރިމަތިވެއްޖެ އެވެ.
އެކަމަކު ތޮލާލް ވިދާޅުވީ އެފްއޭއެމް އާ ޗެލެންޖް ކުރާކަށް އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މި އުޅެނީ އެފްއޭއެމް ނުވަތަ އެހެން އެސޯސިއޭޝަނަކާ ވެސް ޗެލެންޖް ކުރާކަށް ނޫން. އެފްއޭއެމް އަށް ވެސް އިލްތިމާސް ކޮށްފައި ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް. އެފްއޭއެމްގެ އަސާސީގަވާއިދުގައި ހުރި ޕްރޮސީޖާތައް އެ އޮންނަ އުސޫލުގެ މަތިން ފުރިހަމަ ކުރުމަށް،" ތޮލާލް ވިދާޅުވި އެވެ.
އަޅުގަނޑު މި އުޅެނީ އެފްއޭއެމް ނުވަތަ އެހެން އެސޯސިއޭޝަނަކާ ވެސް ޗެލެންޖް ކުރާކަށް ނޫން. އެފްއޭއެމް އަށް ވެސް އިލްތިމާސް ކޮށްފައި ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް. އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި ޕްރޮސީޖާތައް އެ އޮންނަ އުސޫލުގެ މަތިން ފުރިހަމަ ކުރުމަށް-- ތޮލާލް
"ބައެއް ކްލަބްތަކުންނާއި ފުޓްބޯޅައިގައި ޝާމިލުވާ ބައެއް މީހުން އަޅުގަނޑާ ހަމައަށް ހުށަހަޅާފައި ހުރި ބައިވަރު ޝަކުވާތަކާއި ކަންބޮޑުވުން ހުރި ކަންތައްތަކުން އެފްއޭއެމުން އަސާސީގަވާއިދުގައި ބުނާ އުސޫލުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްފައިވާ ކަމާ މެދު ސުވާލު އުފެދޭ. އަދި އެފްއޭމުން ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ހުރިކަންވެސް ފާހަގަ ވާތީ، ފީފާ އާއީ އޭއެފްސީ އަދި އޮލިމްޕިކް ކޮމިޓީ އާއެކު އިތުރަށް މަޝްވަރާކޮށް ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން އެންގީ."
ތޮލާލް
އޭނާ ވިދާޅުވީ، ފީފާ އާއި އޭއެފްސީގެ އިތުރުން ރާއްޖޭގެ ގާނޫނުގައިވާ ގޮތަށް ސްޕޯޓްސް ކޮމިޝަނަރަށް ވެސް، އެފްއޭއެމުން މައުލޫމާތު ހިއްސާ ކުރަންޖެހޭ ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނާގެ އެންގުންތަކަށް ވެސް އެފްއޭއެމުން ވިޔަސް އަދި އެހެން އެސޯސިއޭޝަންތަކާއި ކުލަބުތައް ވެސް އިހުތިރާމު ކުރަން ޖެހޭނެކަމަށް، އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ތޮލާލް ވިދާޅުވި އެވެ.
ވޯލްޑް އެތުލެޓިކްސްގެ އެގްޒެކެޓިވް މަގާމެއް ވެސް ކުރިން އަދާ ކުރެއްވި ތޮލާލް ވިދާޅުވީ އެންމެ ބޮޑަށް ފެންމަތިވެގެން އުޅޭ މައްސަލައަކީ އެފްއޭއެމްގެ އެކްސްކޯ އަށް ބައެއް ބަދަލުތައް އައިސްފައިވާ އިރު، އެ ބަދަލުތައް އައިކަން ރަސްމީކޮށް ސްޕޯޓްސް ކޮމިޝަނަރަށް އަންގާފައި ނުވުމާއި، އެކަން ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލުތައް ވެސް ޙިއްސާކޮށްފައި ނުވުން ކަމަށެވެ. އަދި ސެކްރެޓަރީ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެއްވިކަން ކޮމިޝަނަރަށް އަންގާފައިނުވާ ކަމަށާއި އެކަން ކުރިއަށް ގެންދިޔަ ގޮތުގެ ތަފުސީލުތައް ވެސް ފޮނުވާފައި ނެތް ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
"މި ހުންނަނީ އެސޯސިއޭޝަންތަކުން ރަނގަޅު ކުރަން ޖެހޭ ކަންކަން. ގާނޫނާއި ގަވާއިދުގައި އެސޯސިއޭޝަންތަކުން ކޮންމެހެން ކުރަން ލާޒިމުކޮށްފަ ހުންނަ ކަންކަން ފުރިހަމަވާންޖެހޭ، އެކަންކަން ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެވެން ޖެހޭ އަދި ކަންކަން ނިންމުމުގައި ވެސް އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ފުރިހަމަކުރަންޖެހޭ ކަމަށް ބުނާ އިޖުރާޢަތުތައް ފުރިހަމަކުރަން ޖެހޭ."
"އޮންނަ އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށާ އަދި ޑިއު ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާޢާތުތައް ފުރިހަމަ ކުރުމަށް މި ދަންނަވަނީ. އެއީ އެއްވެސް މީހަކަށް ޗެލެންޖުކުރުން ނޫނީ ވަކި މީހަކަށް ޒާތީ ވުމެއް ނޫން."
ކޮރަޕްޝަނާއި ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތަށް ފަހު، ދެން އެފްއޭއެމް އެންމެ ބޮޑަށް ބޭޒާރުވީ، މި ވާހަކައިންނެވެ. "އެކްސްކޯ އިން ފާސްކޮށްގެން" ކަމަށް، އެ އެސޯސިއޭޝަނުން ބުނާ ބޮޑެތި ނިންމުންތައް ނިންމީ، އެކްސްކޯ މެންބަރުން ތިބޭ ވަޓްސްއެޕް ގުރޫޕެއްގެ ތެރެއިންކަން، އެފްއޭއެމްގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ އިތުބާރު ހުރި ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބާ ގުޅޭ ނިންމުމުގެ އިތުރުން އެ އިދާރާގެ ޖެނަރަލް ސެކްރެޓަރީ އަކަށް މުހައްމަދު ޖައުޝަން ޝަރީފު އައްޔަން ކުރުމާއި އެކްސްކޯ މެންބަރު ކަމަށް އަބްދުﷲ ޝިބާއު އައްޔަން ކުރަން އެކްސްކޯ އިން ފާސް ކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނާ ނިންމުންތައް ނިންމާފައި ވަނީ ވެސް ވަޓްސްއެޕް ގުރޫޕްގައި "ފެނޭތޯ" އަހާލައިގެންނެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި އެކްސްކޯގެ މެމްބަރުން --. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
"މިކަހަލަ ބޮޑެތި ނިންމުންތައް ނިންމަން ވީމަ ބައްސާމް އަހާލަނެ ކޮންސެންޓަށް (ވަޓްސްއެޕް) ގުރޫޕްގައި. މިވެނި މީހަކު އެކްސްކޯ އަށް ލާން [އައްޔަން ކުރަން] ނޫނީ ޖެނެރަލް ސެކްރެޓަރީ ކަމަށް ލާން [އައްޔަން ކުރަން] ފެނޭތޯ. ބައްދަލުވުމުގެ ސިފައިގައި ގަވާއިދުގައި އޮންނަ ގޮތަކަށް ނޫން ނިންމާފައި ހުންނަނީކީ،" މި ވަގުތު ހާލަތުގެ ގޮތުން ނަން ބުނަން ރައްކާތެރި ނޫންކަން ފާހަގަކޮށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ޕަބްލިކަށް ނުފެންނަހެން އެ އެސޯސިއޭޝަނުން ފޮރުވައިގެން އުޅޭ އިނގިރޭސި އަސާސީ ގަވާއިދުގައި، އެކްސްކޯގެ ބައްދަލުވުންތައް ވަކި އުސޫލެއްގެ ތެރެއިން، އިޖުރާއަތްތައް ފުރިހަމަކޮށްގެން ގެންދިއުމަށް ލިޔެ ފާސްކޮށްފައި ވެ އެވެ. އެކަމަކު، މިފަހުން ނިންމި ބޮޑެތި ނިންމުންތައް ނިންމީ އިނގިރޭސި ގަވާއިދުގެ 34 ވަނަ މާއްދާގެ 2 ވަނަ ނުކުތާގައި ބުނެފައިވާ އުސޫލާ ހިލާފަށް ކަން، އޭނާ ވިދާޅުވި އެވެ.
އެ މާއްދާގައި ވަނީ އެކްސްކޯ ބައްދަލުވުން ބޭއްވުމުގެ ދެ ދުވަސް ކުރިން، އެ ބައްދަލުވުމެއްގެ އެޖެންޑާ އެކްސްކޯގެ މެންބަރުންނަށް ފޮނުވަން ޖެހޭނެ ކަމަށެވެ.
އެ އުސޫލުތައް ފުރިހަމަކޮށްފައި ނުވުމުން، މިހާރު އެފްއޭއެމްގެ އެކްސްކޯގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާނެ ކަމަށް، އެފްއޭއެމްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. އަދި އޭގެ ކުރިން ނިންމި އެކްސްކޯގެ ނިންމުންތައް ވެސް ސައްހަ ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް
އެފްއޭއެމްގެ އިންތިހާބު ނުބާއްވަަން ތޮލާލް އަންގައިފި
އިންތިހާބާގުޅޭ ތަފުސީލު އެފްއޭއެމުން ކޮމިޝަނަރަށް ނުދިން
އެފްއޭއެމް އިންތިހާބާ ގުޅޭ ތަފުސީލު ފޮނުވަން އަންގައިފި
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި
އެފްއޭއެމް ނުލައި ފީފާއިން ސަރުކާރާ މަޝްވަރާ ކުރަނީ
އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި