25 އޯގަސްޓް 2024
ހ. އަޑިޕާކުގައި ކުރިން ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ކ. ތިލަފުއްޓަށް ބަދަލުކުރަން ހިންގި "މީޑިއަމް ވޭވް" ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުންޏަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އުސޫލާ ހިލާފަށް 22 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ހ. އަޑިޕާކުގައި ކުރިން ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ކ. ތިލަފުއްޓަށް ބަދަލުކުރަން ހިންގި "މީޑިއަމް ވޭވް" ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުންޏަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އުސޫލާ ހިލާފަށް 22 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން މިދިޔަ ހޯމަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައިވަނީ އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޕީއެސްއެމުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް ބާތިލުކުރުމަށް ފަހު، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ދައުވަތު ފޮނުވި ކަމަށެވެ. އެ ދައުވަތުތަކުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ މާލީ ގާބިލުކަން ބަލަން ނުޖެހޭ ގޮތަށް ބިޑް ޑޮކިއުމެންޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތާ ހަވާލުވި ފަރާތުގެ މާލީ ގާބިލުކަން ވަޒަންކޮށްގެން ނޫން ކަމަށާއި މަސައްކަތާ ހަވާލުވި ކުންފުންޏަކީ އެ މަޝްރޫއުގެ މައިގަނޑު މަސައްކަތާ ގުޅޭ ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ސެޕްޓެމްބަރު، 2022 ގައި ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމުން އޭނާ ވެސް ވަނީ މި މައްސަލަ ފެންމަތި ކުރައްވައިފަ އެވެ. ޕީއެސްއެމުން 2017 ވަނަ އަހަރުން ފެށި އެ ޕްރޮޖެކްޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ދެ ފަހަރެއްގެ މަތިން އިއުލާންކުރި އެ ޕްރޮޖެކްޓަށް، ފުރަތަމަ ބުރުގައި ކުރިމަތިލީ އެމެރިކާގެ ގޭޓްސްއެއާ ކިޔާ ކުންފުންޏަކާއި ސްރީލަންކާގެ ތަންތުރީ ކުންފުންޏާއި އަދި އެހެން ބައެއް ކުދިކުދި ކުންފުނިތަކުންނެވެ. ދެވަނަ ފަހަރު އިއުލާން ކުރުމަށްފަހު 44 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ހަވާލުކުރީ ލަންކާގެ ތަންތުރީއާ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނިގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން އެއްވެސް މަސައްކަތެއް އެހެން ފަރާތަކަށް ސަބްކޮންޓްރެކްޓް ކުރުމުގެ ކުރިން ޕީއެސްއެމްގެ ހުއްދަ ހޯދަން ޖެހުނަސް، އެ ހުއްދަ ނުހޯދާ ކޮންޓްރެކްޓަރު އެހެން ބަޔަކާ ހަވާލުކޮށްގެން މަސައްކަތްތައް ކުރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓް ނިންމަން ދިން ފަސް މަހާއި 14 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމި، ހަ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު އަދިވެސް މަސައްކަތް ނިމިފައި ނުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި ބުނީ އެ ޕްރޮޖެކްޓާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ޓެކުހަކާއި ޑިއުޓީ އަދި ފީ ދައްކަން ޖެހޭނީ ކޮންޓްރެކްޓަރު ކަމަށް ވިޔަސް، އެ މަސައްކަތަށް ރާއްޖެ އެތެރެކުރި ތަކެތީގެ ކްލިއަރެންސް ފީ ދެއްކުމަށް ޖުމްލަ 1.39 މިލިއަން ރުފިޔާ ޕީއެސްއެމުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން އެ ފައިސާ އަނބުރާ ޕީއެސްއެމަށް ލިބިފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
"ޕީއެސްއެމްގެ ޕްރޮކިއުމަންޓް އުސޫލާއި މަސައްކަތުގެ އެއްބަސްވުމާއި ހިލާފަށް މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ކޮންޓްރެކްޓަރަށް ޖުމްލަ އަގުގެ 50 ޕަސެންޓް (22.5 މިލިއަން ރުފިޔާ) އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ކަމާއި އެ ފައިސާ ދޫކޮށްފައި ވަނީ ބޭންކް ގެރެންޓީއެއް ނުވަތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދާ..." އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެ ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ 40.5 މިލިއަން ރުފިޔާ ކޮންޓްރެކްޓަރަށް ދައްކާފައި ވަނީ ޕްރޮގްރެސް ރިޕޯޓް ފަދަ ލިޔެކިޔުންތައް ނުލިބެނީސް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނިގޮތުގައި ކޮންޓްރެކްޓަރަށް ފައިސާ ދައްކަމުން ގޮސްފައިވަނީ އެއްބަސްވުމާ އެކު ހިމަނާފައިވާ ޝެޑިއުލް އޮފް ޕޭމަންޓްސްއާ އެއްގޮތަށް ކަމަށް ވިޔަސް، އެ ޝެޑިއުލް ތައްޔާރުކޮށްފައި ވަނީ ބީއޯކިއުގައި ކޮންޓްރެކްޓަރު ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަގުތަކާ ދިމާވާ ގޮތަކަށް ނޫނެވެ. އެކަމުގެ ސަބަބުން ކޮންޓްރެކްޓަރު ފުރިހަމަ ނުކުރާ މަސައްކަތްތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމަށް ވަނީ މަގުފަހިވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ވެސް މި ޕްރޮޖެކްޓް ހިންގުމުގައި ޕީއެސްއެމުން ވަރަށް ގިނަ ކަންކަން އޮޅުވާލާފައި ހުރިކަން މި އޮޑިޓް ރިޕޯޓުގައިވެ އެވެ.
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
ޑޮލަރުގެ މުއާމަލާތުން 4 މިލިއަންގެ ހިޔާނާތެއް!
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
އެމްއާރްޑީސީގެ ހާއްސަ އޮޑިޓް: ބޮޑެތި ގޯސްތަކެއް
އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް