ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލް ހިޔާ ފްލެޓްގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
25 އޯގަސްޓް 2024
ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލް ހިޔާ ފްލެޓްގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން މި މަހު 13 ގައި އާންމުކުރި އޮޑިޓް ރިޕޯޓުގައި ބުނީ 2018 ގައި "އެމްޕީއެލް ހިޔާ" ޕްރޮޖެކްޓް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ ކުރިން މަޝްރޫއަށް ހިނގާނެ ހަރަދާއި އިންވެސްޓްމަންޓް ރިކަވާކުރެވޭނެ މުއްދަތު ބެލުމަށް ފައިނޭންޝިއަލް ފީސިބިލިޓީ ސްޓަޑީއެއް ހަދާފައި ނުވާ ކަމަށެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ ކުންފުނީގެ އާންމު އުސޫލުތަކާއި ދައުލަތުގެ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގަވާއިދާ އެއްގޮތަށް މަޝްރޫއުގެ ބިޑިން މަރުހަލާގެ ތެރެއިން ބިޑް ސެކިއުރިޓީ ނަގާފައި ނުވާ ކަމަށެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ މަޝްރޫއުގެ ޖުމްލަ އަގުގެ 10 ޕަސެންޓުގެ ބަދަލުގައި ހޯދާފައި ވަނީ އެންމެ 2.2 ޕަސެންޓް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ސަރުކާރު ކުންފުންޏަކުން އެންމެ ފުރަތަމަ ހަދަން ފެށި ފްލެޓްތައް ކަމަށްވާ "އެމްޕީއެލް ހިޔާ"ގެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޑެޓާ އެވެ.
• ޓަވަރުތަކުގެ ބައެއް ފުލޯތަކުގައި ކުލަލުމުގެ އަގު ބީއޯކިއުގައި ހިމަނާފައި ނުވޭ. އަދި އެ މަސައްކަތް ކޮށްފައި ވަނީ އާންމުކޮށް ކުރާ އަގަށް ވުރެ ބޮޑު އަގެއްގައި.
• ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއު ނިމުނީ ފަސް އަހަރާއި ތިން މަސްދުވަހުން.
• މަޝްރޫއުގެ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ބަޔަކު ހަމަޖައްސާފައި ވަނީ އަމަލީ މަސައްކަތް ފަށައި ހަ މަދުވަސްވީ ފަހުން.
• މަޝްރޫއު ފެށީ ވެސް މި މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމު ހަމަނުޖައްސާ.
"މި މަޝްރޫއުއަށް އެމްޕީއެލް އިން ހަރަދުކުރަމުން ގޮސްފައި ވަނީ އެހެނިހެން ބޭނުންތަކަށް ކުންފުނީގެ ކޭޝް ފްލޯގެ ތެރޭގައި ހުރި ފައިސާއިން ކަމާއި އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، އެމްޕީއެލްގެ ކޭޝް ފްލޯގެ ތެރެއިން މި ޕްރޮޖެކްޓަށް ކުރަން ޖެހޭ ހަރަދުތައް ކުރަމުން ދިއުމުގެ ސަބަބުން 2018 އިން ފެށިގެން 2022 ގެ ނިޔަލަށް އެ ކުންފުނިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދެއްކުމަށް ޑިކްލެއާ ކޮށްފައިވާ 346 މިލިއަން ރުފިޔާގެ ތެރެއިން 291 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާފައި ނުވެ އެވެ.
"ފްލެޓްތަކަށް ފައިސާ ދައްކާ ނިމޭއިރު އެމްޕީއެލްއަށް ލިބޭނެ އާމްދަނީގެ މިހާރުގެ އަގަށް ބަލާއިރު، އެ އަގަކީ މުޅި އިންވެސްޓަމަންޓުގެ މިހާރުގެ އަގަށް ވުރެ ކުޑަ އަގެއްކަން ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެމްޕީއެލްގެ ފްލެޓްތައް މުވައްޒަފުންނަށް ވިއްކާ އަގަކީ ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގެ ހައުސިން މަޝްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ވިއްކާ އަގާ އަޅާބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ. އެތަނުގައި މީހުން ދިިރިއުޅެން ފެށީ މިދިޔަ އަހަރު މެދު ތެރޭގަ އެވެ. އަދި އެ ފްލެޓްތަކުން ކުލި ނަގަން ފެށީ މީގެ ތިން މަސްދުވަސް ކުރިންނެވެ.
އެ މަޝްރޫއު ހިންގުމަށް އެމްޕީއެލް އިން ލޯނުގެ ގޮތުގައި 110 މިލިއަން ނަގާފައިވެ އެވެ. ލޯނުތަކުގެ އިންޓްރެސްޓްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ އަރާފައިވާއިރު، ފްލެޓަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން 56 މިލިއަން ރުފިޔާއަށް އެރި އެވެ.
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް