Roadha Mihaaru
ލުބްނާނަށް ދިން ހަމަލާތަކަކީ ނިމުމެއް ނޫން: ނަތަންޔާހޫ

ލުބްނާނަށް ދިން ހަމަލާތަކަކީ ނިމުމެއް ނޫން: ނަތަންޔާހޫ

26 އޯގަސްޓް 2024

ލުބްނާނަށް އިއްޔެ ދިން ހަމަލާތަކަކީ އެ ގައުމުގެ ހިޒްބުﷲ އާ ދެކޮޅަށް ކުރާ މަސައްކަތުގެ ފަހު ބަސް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.

ލުބްނާނަށް އިއްޔެ ދިން ހަމަލާތަކަކީ އެ ގައުމުގެ ހިޒްބުﷲ އާ ދެކޮޅަށް ކުރާ މަސައްކަތުގެ ފަހު ބަސް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.

"ހިޒްބުﷲ އަށް ދިނީ ކުއްލި، ކުދިކުދި ހަމަލާތަކެއް... މިއީ އުތުރުގެ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ދިން ހަމަލާތަކެއް،" ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލުން އިއްޔެ އިސްވެ ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދިނީ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭން ތައްޔާރުވަމުން ދާތީ، ދިގު ދެމިގެން ހިނގައިދާނެ ބޮޑު ހަމަލާއަކަށް ވިޔަ ނުދޭން ކަމަށް ވަނީ ބުނެފަ އެވެ. މި ހަމަލާތަކުގައި ކުރު ރާސްތާގެ އެތައް ހާސް ރޮކެޓްތަކެއް ނައްތާލާފައިވާ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

"މީގެ އިތުރުން އައިޑީއެފް (އިސްރާއީލުގެ އަސްކަރިއްޔާ) އިން ހިޒްބުﷲ އިން އިޒްރޭލުގެ މެދުތެރޭގެ ސްޓްރެޓެޖިކް ޓާގެޓަކަށް ފޮނުވާލި ހުރިހާ ޑްރޯންތަކެއް ވެސް ހުއްޓުވާފައި ވޭ،" އަމާޒަކީ ކޮބައިކަން ހާމަނުކޮށް ބުންޏެވެ.

ނަމަވެސް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުﷲ އިން ހަމަލާ ދޭން އަމާޒުކުރި ޓާގެޓަކީ ތެލްއަވީވް ކައިރީގައި ހުންނަ އިޒްރޭލުގެ މޮސާޑްގެ ޖާސޫސީ އިދާރާގެ މައި މަރުކަޒެވެ.

އިޒްރޭލުން އިއްޔެ ހަމަލާ ދިނުމާ އެކު ހިޒްބުﷲ އިން ވެސް އެތައް ސަތޭކަ ރޮކެޓެއް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި އެވެ. އެކަމަކު އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ގިނަ ރޮކެޓްތައް ވަނީ ގޮއްވާލައިފަ އެވެ.