Roadha Mihaaru
މެދުއިރުމަތީގެ ކޮންމެ ހާލަތަކަށް ވެސް އެމެރިކާ ތައްޔާރު

މެދުއިރުމަތީގެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރު: އެމެރިކާ

05 އޯގަސްޓް 2024

އީރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރާ އެކު މެދުއިރުމަތީގެ ހާލަތު ބަދަލުވެދާނެ ކޮންމެ ގޮތަކަށް އެމެރިކާ ތައްޔާރުވަމުންދާ ކަމަށާއި އެކަމަކު މި ވަގުތު ވެސް މަސައްކަތްކުރަމުން އަންނަނީ އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ކަމަށް އެމެރިކާއިން ބުނެފި އެވެ.

އީރާނާއި އިޒްރޭލާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރާ އެކު މެދުއިރުމަތީގެ ހާލަތު ބަދަލުވެދާނެ ކޮންމެ ގޮތަކަށް އެމެރިކާ ތައްޔާރުވަމުންދާ ކަމަށާއި އެކަމަކު މި ވަގުތު ވެސް މަސައްކަތްކުރަމުން އަންނަނީ އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ކަމަށް އެމެރިކާއިން ބުނެފި އެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ތައްޔާރީ ހާލަތަށް ގެނެސް އިތުރަށް ވަރުގަދަކޮށްފައިވާކަން އިއުލާނުކޮށްފައި ވާއިރު ވައިޓް ހައުސްގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޮން ފައިނާ ވިދާޅުވީ "ދިމާވެދާނެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރު" ވަމުން އަންނަ ކަމަށެވެ.

"އަސްކަރީ މުހިންމު އާލާތްތައް މެދުއިރުމައްޗަށް އެބަ އިތުރުކުރަން. އެއީ އިޒްރޭލަށް ދީފާނެ ހަމަލާޔަކުން ދިފާއުކޮށްދިނުމަށް. ހަމަ މިއާ އެކު ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މި ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. އެއީ އިތުރު ހަނގުރާމައެއް ފެށުމަކީ މި ވަގުތު އެއްވެސް ބަޔަކަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނާތީ،" އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ވަނީ މަނަވަރުތަކާއި ފައިޓަ ޖެޓްތައް މެދުއިރުމަތީގައި ރުކުރުވާލައި ސިފައިން ވެސް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. މި މަސައްކަތް ފެށީ އިޒްރޭލަށް އީރާނާއި ހަމާސް އާއި ލުބްނާންގެ ހިޒްބުﷲގެ އިންޒާރުތައް ވަރުގަދަވުމާ އެކުގަ އެވެ.

މި އިންޒާރުތައް ވަރުގަދަވީ މިދިޔަ ބުދަ ދުވަހުގެ ރޭ އީރާންގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ އެކުގަ އެވެ. އެ ހަމަލާގެ ޒިންމާ އިޒްރޭލުން އުފުލާފައި ނުވިޔަސް އެއީ އިޒްރޭލުގެ ހަމަލާއެއް ކަމަށާއި އަނިޔާވެރިކަމާ އެކު ބަދަލު ހިފާނެ ކަމަށް ހިޒްބުﷲ އާއި އީރާނާއި ހަމާސް އިން ވެސް ދަނީ ބުނަމުންނެވެ.

އިންޒާރުތައް ވަރުގަދަވެފައި ވާއިރު އެކި ގައުމުތަކުން މިހާރު ދަނީ ލުބްނާންގައި ތިބި އެ ގައުމުތަކުގެ މީހުން އަވަހަށް އެ ގައުމުން ފައިބަން އަންގަމުންނެވެ. އިޒްރޭލުން މިހާރު ވެސް ލުބްނާންގެ އެކި ހިސާބަށް ބޮން އަޅައި ހަމަލާ ދެމުން ދާއިރު ހަމަ ކޮންމެ ވަގުތަކު ވެސް ބޮޑު ހަނގުރާމައެއްގެ ހާލަތަށް ހިނގައިދާނެ ކަމަށް ބެލެވޭތީ އެއާލައިންތަކުން ލުބްނާނަށް ދަތުރުތައް ވެސް ދަނީ މެދުކަނޑާލަމުންނެވެ.