Roadha Mihaaru
ޕާކިސްތާނުގައި މަގުމަތިން މެރި އަދަދު 39 އަށް

ޕާކިސްތާނުގައި މަގުމަތިން ހިފަހައްޓައި މެރި މީހުންގެ އަދަދު 39 އަށް

26 އޯގަސްޓް 2024

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު މިއަދު މަގުމަތިން މީހުން ހިފަހައްޓައި އައިޑެންޓިޓީ ކާޑު ޗެކް ކުރުމަށް ފަހު ޕަންޖާބު ދަރިކޮޅު މީހުން މެރި ހާދިސާގައި މިހާތަނަށް މަރުވި އަދަދު 39 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު މިއަދު މަގުމަތިން މީހުން ހިފަހައްޓައި އައިޑެންޓިޓީ ކާޑު ޗެކް ކުރުމަށް ފަހު ޕަންޖާބު ދަރިކޮޅު މީހުން މެރި ހާދިސާގައި މިހާތަނަށް މަރުވި އަދަދު 39 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ބަލޯޗިސްތާންގައި ވަކިވެގަތުމަށް ހަނގުރާމަކުރާ ހަނގުރާމަވެރިން ދިން މި ހަމަލާތަކުގައި ސިފައިންގެ 10 މީހަކު ވެސް މަރުވި ކަމަށެވެ. އެކަމަކު ސިފައިން މަރުވީ ހަނގުރާމަވެރިން ފުރަތަމަ ދިން ހަމަލާތަކުގައި ކަމެއް ނުވަތަ ފަހުން ހަނގުރާމަވެރިން ހޯދަން ހިންގި އޮޕަރޭޝަނުގައި ކަމެއް ނުބުނެ އެވެ.

ފަގީރުކަން ބޮޑު އަދި ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވެފައިވާ ބަލޯޗިސްތާނުގެ އެކި ޑިސްޓްރިކްޓްތަކުގައި މިއަދު ވެހިކަލްތައް ހުއްޓުވައި މީހުންގެ އައިޑީ ކާޑު ބެލުމަށް ފަހު ޕަންޖާބު ދަރިކޮޅު މީހެއް ނަމަ މެރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ސިފައިން ބުންޏެވެ.

މި އަނިޔާވެރި އަމަލު ފުރަތަމަ ހިންގާފައިވަނީބަލޫޗިސްތާން ޕްރޮވިންސްގެ މުސާކައިލް ޑިސްޓްރިކްޓްގައި ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މިއީ ދީނީ އަދި ނަސްލީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތައް ހިނގާތީ ސަލާމަތީ ބާރުތަކުން އެކަމާ ދެކޮޅަށް މަސައްކަތްކުރަމުންދާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހައިވޭއިން 22 އަށްވުރެ ގިނަ ވެހިކަލް ހުއްޓުވައި 22 މީހަކު މަރާލުމުގައި 30-40 ހަނގުރާމަވެރިޔަކު ބައިވެރިވި ކަމަށްވެ އެވެ. އެ މީހުން އެކަން ކޮށްފައިވަނީ ޕަންޖާބާއި ބަލޫޗިސްތާން ގުޅުވައިދޭ ހައިވޭގައި ބަސްތަކާއި ޓްރަކްތަކާއި ވޭންތައް ހުއްޓުވައި މީހުން ނެރުމަށް ފަހު އެވެ.

އޮފިޝަލް ވިދާޅުވީ މި އަމަލު ހިންގީ ބަލޯޗް ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ޓެރަރިސްޓުން ކަމަށެވެ.

"އެކީ އެއްވަގުތެއްގައި އެކި ތަންތަނުގައި ބީއެލްއޭ އިން ދިން މި ހަަމަލާތަކުގައި މިހާތަނަށް ވަނީ 39 މީހަކު މަރުވެފައި ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައި،" ބަލޯޗިސްތާން ޕްރޮވިންސް ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދް ވިދާޅުވި އެވެ.

ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު އަދި ގުދުރަތީ ވަސީލަތްތައް ގިނަ ނަމަވެސް އެންމެ ފަގީރު ޕްރޮވިންސެވެ. -- އޭއެފްޕީ