Roadha Mihaaru
މިސްކިތް ގޮއްވައިލި ހާދިސާގައި މަރުވި އަދަދު 64 އަށް

ޕާކިސްތާނުގެ މިސްކިތް ގޮއްވައިލި ހާދިސާގައި މަރުވި އަދަދު 64 އަށް

31 ޖެނުއަރީ 2023

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕިޝާވަރު ސަހަރުގެ މިސްކިތެއްގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 64 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޕިޝާވަރު ސަހަރުގެ މިސްކިތެއްގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 64 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

އެ ގައުމުގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި ޕިޝާވަރުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ ގޯތިތެރޭގައި ހުރި މިސްކިތުގައި، ޖާނުން ފިދާވުމުގެ ހަމަލާ ދިނީ މެންދުރު ނަމާދުގެ ޖަމާއަތް ފެށިގެން ކުރިއަށް ދަނިކޮށް، ގާތްގަނޑަކަށް 1:40 ހާއިރެވެ. އެ ހަމަލާ ދިނުމާއެކު މިސްކިތުގެ ފުރާޅުން ބަޔަކާ އެކު، މިސްކިތުގެ އިމާރާތުން ބައެއް ވެސް ވެއްޓި، އެތައް ބަޔަކު އިމާރާތުގެ ދަށުވި އެވެ.

މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 64 އަށް އަރާފައިވާ އިރު، މި ހަމަލާގައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު ވަނީ 157 އަށް އަރައިފަ އެވެ. މި ހަމަލާގައި މަރުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ ޕާކިސްތާނު ފުލުހުންނެވެ.

މި ހަމަލާގައި ގޮއްވައިލި މިސްކިތް ހުންނަނީ، ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ބޮޑު ސަރަހައްދެއްގެ އެތެރޭގައި، އަދި އެއަށް ވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ، ފުލުހުންގެ މަރުކަޒެއްގެ ތެރޭގަ އެވެ. އެހެންކަމުން، ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު، އެ ސަރަހައްދަށް ވަދެ، މިސްކިތުގެ ޖަމާއަތުގައި ބައިވެރިވި ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މިސްކިތް ގޮއްވައިލި ވަގުތު މިސްކިތުގައި ކުރިއަށް ދިޔަ މެންދުރު ނަމާދުގެ ޖަމާއަތުގައި 300 އަށް ވުރެ ގިނަ މީހުން ނަމާދު ކުރަމުން ދިޔަ އެވެ. އަދި އެ ވަގުތު ވެސް އިތުރު މީހުން ދިޔައީ ޖަމާއަތުގައި ބައިވެރިވުމަށް މިސްކިތަށް ވަންނަމުންނެވެ.

މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް، އަދި މި ހަމަލާގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް މިހާތަނަކަށް ނޭނގެ އެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ތެރެއިން އެއްވެސް ޖަމާއަތަކުން މިހާތަނަށް، މި ހަމަލާގެ ޒިންމާއެއް ނުއުފުލަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އިއްޔެ ވަނީ، ޖާނުން ފިދާވުމުގެ ހަމަލާގައި ގޮއްވައިލި މިސްކިތް ހުރި ސަރަހައްދަށް ޒިޔާރަތް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ހަމަލާގައި ލިބުނު އިންސާނީ ގެއްލުމުގެ އަގު ވަޒަންވެސް ނުކުރެވޭ ކަމަށާއި، މި ހަމަލާއަކީ މުޅި ޕާކިސްތާނަށް އަމާޒުކުރި ހަމަލާއެއް ކަމަށެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި ހަމަލާގެ ފަހަތުގައިވާ ބަޔަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ އެވެ.