Roadha Mihaaru
ކާޑު ލިމިޓާ ގުޅުވައި ސަރުކާރު ވައްޓާލުމުގެ ތުހުމަތު

ކާޑު ލިމިޓް ބަދަލުކުރީ ސަރުކާރު ވައްޓާލަން ކަމަށް ތުހުމަތުކޮށް ތަހުގީގު ފަށައިފި

26 އޯގަސްޓް 2024

ގައުމީ ބޭންކް ބީއެމްއެލް އިން އިއްޔެ ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ފުލުހުން ތަހުގީގު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ ބޭންކް ބީއެމްއެލް އިން އިއްޔެ ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ފުލުހުން ތަހުގީގު ފަށައިފި އެވެ.

ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކުން "ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ކަހަލަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް" ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަނުޖެހުން ނަގާލުމަށް ގޮވާލައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި ބީއެމްއެލް އިން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ބައެއް ބޭފުޅުން ވެސް ވަނީ ބީއެމްއެލް އިން ނިންމި ކުއްލި ނިންމުމާ އެކު އާންމުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ދަނޑިވަޅުގެ ފައިދާ ނަގައި، އިދިކޮޅު އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލު ގެނެސް، އެ ބޭންކުން އެކަން އާންމުކޮށް އިއުލާންކުރި އިއްޔެ ހެނދުނު އެވެ.

އެކަން އިއުލާންކުރުމާ އެކު، ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމުތަކުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އާންމުންގެ ކަންބޮޑުވުންތައް ގިނަވުމާ އެކު ސަރުކާރުން ފަހުން ވަނީ ބީއެމްއެލްއާ ބައްދަލުކޮށް، އެ ނިންމުން އަނބުރާ ގެންދަން އެދިފަ އެވެ.

އެ ނިންމުން އުވާލުމަށް ފަހު ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ނިންމުން އަނބުރާ ގެންދިޔައީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ލަފާގެ މަތިން ކަމަށެވެ.