Roadha Mihaaru
މާލީ ބަޣާވާތުގެ ވާހަކައާއެކު ސުވާލު އުފައްދާނެ: ޝާހިދު

މާލީ ބަޣާވާތުގެ ވާހަކަ ދެއްކީމާ ގައުމުތަކުން ސުވާލު އުފައްދާނެ: ޝާހިދު

27 އޯގަސްޓް 2024

ރާއްޖޭގެ މައި ބޭންކުން މާލީ ބަޣާވާތެއް ކުރި ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ގައުމުތަކުން ރާއްޖެއާ މެދު އިތުރަށް ސުވާލު އުފައްދާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ މައި ބޭންކުން މާލީ ބަޣާވާތެއް ކުރި ކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ގައުމުތަކުން ރާއްޖެއާ މެދު އިތުރަށް ސުވާލު އުފައްދާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރަށް ނުވަ މަސްވީއިރު ބައިނަލްއަގްވާމީ އިތުބާރު ހޯދިފައި ނެތްއިރު، އަމަލުތައް ހުރީ އިތުރަށް ކަންކަން ގޯސްވާ ގޮތަށެވެ. ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ސަރުކާރާ ދެކޮޅަށް މާލީ ބަޣާވާތެއް ކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ގައުމުތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދާނެ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިއަދު ކަންބޮޑުވާނެ ރާއްޖޭގެ މައި ގައުމީ ބޭންކްގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރި ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީމާ. ގިނަ ގައުމުތަކުގަ ސުވާލު ކުރަމުން ގެންދާނެ ކިހިނެއް ބާއޭ ވެގެން މި އުޅެނީ،" ޝާހިދު ވިދާޅުވި އެވެ.

"ގައުމީ ބޭންކްގެ ތެރޭގައި ބޮޑު ބަޣާވާތެއް ހިންގި ވާހަކަ އެންމެ މަތީ ވެރިޔާ ވިދާޅުވާ ހިސާބަށް މި ދިޔައީ ކީއްވެބާއޭ. އެ ސުވާލު ހަމަ ކުރަމުން ގެންދާނެ."

ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ތަރައްގީގެ ހުރިހާ މަޝްރޫއަކަށް ހުރިހާ ދިމާލަކުން ފައިސާ ހަމަޖެހިފައިވާ ކަމަށް ބުނަމުން ކަމަށާއި ނަމަވެސް، މިހާރު ބުނަމުން ދަނީ "ފެހި ސިގްނަލް" ލިބެމުންދާ ވާހަކަ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގައުމަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން މިހާރު މި ސަރުކާރުގެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މި ސަރުކާރަށް ބައިނަލްއަގްވާމީ އިތުބާރެއް ނުހޯދުނު ކަމަށް ޝާހިދު ވިދާޅުވި - ފަޔާޒު މޫސާ / މިހާރު

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މި ސަރުކާރަށް ބައިނަލްއަގްވާމީ އިތުބާރެއް ނުހޯދުނު ކަމަށް ޝާހިދު ވިދާޅުވި - ފަޔާޒު މޫސާ / މިހާރު

"އެއީ ދަތިކަމެއް. ހަމަ ގައުމަކަށް ގޮސް މީހަކާ ބައްދަލުކޮށްލާފައި އެއްޗެއް ބުނާއިރަށް ބްރީފްކޭސްއަކަށް އަޅާފައި ލާރިއެއް ނުދޭނެ. މި ޒަމާނަކީ ސޫޓްކޭހަށް ފައިސާ އަޅައިގެން ގޮސް ބައްދަލު ކޮށްލާފައި އަންނަ ޒަމާނެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

"ގައުމަކުން އެހީ މި ލިބެނީ ގައުމަކާ ގާތްކަން ބޭއްވޭ މިންވަރަކުން އެ ގައުމެއްގެ އިތުބާރު ސަރުކާރަށް އޮންނަ މިންވަރަކުން. އާންމު ކުރެއްވި އެއްވެސް އެއްޗަކުން މިވީ ނުވަ މަސް ތެރޭ ހިލޭ އެއްވެސް އެއްޗެއް ނުލިބޭ ކަމަށް ތިޔަ ވިދާޅުވީ. އެ ނުލިބެނީ އިތުބާރުގެ މައްސަލަ."

ޝާހިދު ވިދާޅުވީ ގައުމަކުން ހިލޭ އެހީ ދޭނީ އެ އެހީ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރާ މެދު އޮތުމުން ކަމަށާއި ސަރުކާރުން އަމަލު ކުރާނީ އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމުގެ ޔަގީންކަން އޮތް ނަމަ ކަމަށެވެ. އަދި ވެރިކަމަށް އައުމުގައި ބައިނަލްއަގްވާމީ މުޖުތަމައުއާ ޖެހިފައި އޮތީ ކިހާ ވަރަކަށް ކަމާއި ބައިނަލްއަގްވާމީ ހަމަތައް ސަރުކާރުން ގަބޫލު ކުރާ މިންވަރަށް ވެސް ގައުމުތަކުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުވަ މަސް ތެރޭ އެއްޗެއް ނުލިބި އޮތް ކަމަށްވާ ނަމަ އޭގެ މާނަކީ އަދި ބައިނަލްއަގްވާމީ އިތުބާރެއް ނުހޯދެއޭ މި ސަރުކާރަކަށް،" ޝާހިދު ވިދާޅުވި އެވެ.