Roadha Mihaaru
އެމްޑީޕީގެ ނައިބަކަށް ހިސާން އައްޔަންކުރަން ހުށަހަޅައިފި

އެމްޑީޕީ ނައިބު ރައީސަކަށް ހިސާން އައްޔަންކުރަން ހުށަހަޅައިފި

08 ޖުލައި 2024

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފި އެވެ.

ޝާހިދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީ އަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވަމުން ގެންދަވާ ލީގަލް ޑިރެކްޓަރު ހިސާން އައްޔަން ކުރައްވަން ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބަލަން ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ހިސާން މި ޕާޓީއަށާއި ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މި މަގަމަށް އެންމެ އެކަށީގެންވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގައި މި ވަގުތު އަންހެން ބޭފުޅުން މަދު ކަމަށާއި މި ނިންމުމުގައި އެކަމަށް ވެސް ވިސްނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އޭނާ ޑިމޮކްރެޓްސް އަށް ބަދަލުވެވަޑައިގަތް ފަހުން އެ މަގާމް އޮތީ ހުސްކޮށެވެ.

ހިސާން ވަނީ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.