Roadha Mihaaru
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު

ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް: ފައްޔާޒު

02 މެއި 2024

އެންމެ ފަހުގެ ބޮޑު ދެ އިންތިހާބުގައި ބޮޑު ބައްޔަކުން އެމްޑީޕީ ބަލިވުމުން، އެ ޕާޓީގެ ލީޑަޝިޕް އެއްކޮށް އިސްތިއުފާ ދިނުމަށް ބައެއް މީހުން ގޮވަމުން ދިޔަ ނަމަވެސް އެ އިން އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަަމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުގެ ބޮޑު ދެ އިންތިހާބުގައި ބޮޑު ބައްޔަކުން އެމްޑީޕީ ބަލިވުމުން، އެ ޕާޓީގެ ލީޑަޝިޕް އެއްކޮށް އިސްތިއުފާ ދިނުމަށް ބައެއް މީހުން ގޮވަމުން ދިޔަ ނަމަވެސް އެ އިން އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަަމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ ބަލިވި ފަހުން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ފުރަތަމަ ބައްދަލުވުމާ އެކު، ބޭއްވި މީޑިއާ ބްރީފިންގަ އެވެ.

ވާދަވެރި އެ އިންތިހާބުގައި 20 ވަނަ މަޖިލިހުން އެމްޑީޕީ އަށް ނެގުނީ އެންމެ 12 ގޮނޑި އެވެ. އެކަމަކު، 77 ގޮނޑިއާ އެކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ވަނީ ސުޕަ މެޖޯރިޓީ ޕާޓީ އަށް ވެފަ އެވެ.

ރޭގެ މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބުތަކަށް ފަހު ލީޑަޝިޕް އިސްތިއުފާ ދިނުމަކީ އެ ބޭފުޅުން ގަބޫލު ކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ. ވިދާޅުވީ، ކޮންމެވެސް އެއް ބަޔަކަށް މޮޅު ލިބި އަދި އަނެއް ބަޔަކު ދަށްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މިދިޔަ މަހުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް އެހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ފާސްކުރި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރަން އެނގޭނީ އޭގެ ފަހުންނެވެ. އަދި އަންނަ އަހަރު އެމްޑީޕީގެ ކޮންގްރެސް ވެސް އޮތުމާ އެކު، މިހާރުގެ ލީޑަޝިޕް އިސްތިއުފާ ދޭން މެމްބަރުން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ މީޑިއާ ބްރީފިންގައި ފައްޔާޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: އެމްޑީޕީ

ރޭގެ މީޑިއާ ބްރީފިންގައި ފައްޔާޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފޮޓޯ: އެމްޑީޕީ

"ކުރިއަށް އޮތް މުސްތަގުބަލްގައި އަޅުގަނޑުމެންގެ މެމްބަރުންނަށް އަޅުގަނޑުމެންގެ ލީޑަޝިޕް ބަދަލުކުރަން ޖެހޭނެ ކަމަށް ވަންޏާމު އެ ފުރުސަތު ވެސް އަޅުގަނޑުމެން ދޭނަން. އެހެން ނަމަވެސް މިއީކީ އެ ވަގުތު ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، މިއީ އެ ޕާޓީ ނަގައި ކޮޅަށް ޖަހަން ޖެހޭ ވަގުތު ކަމަށާއި އެމްޑީޕީ ދެމިއޮތުމަކީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންވެ، އެ ކަމަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގިނައިން ގޮވަނީ އެ ޕާޓީއާ ދެކޮޅު ވިސްނުމުގެ މީހުންނެވެ. އެކަމަކު، އެމްޑީޕީގެ މީހުންގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ހުރި ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ވަގުތުގައި އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

ޝާހިދު ފައްޔާޒަށް: އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ!

އެމްޑީޕީގެ ބޮޑު ދެ ބައްޔާ ގުޅިގެން ޗެއާޕާސަން ފައްޔާޒުގެ އިސްތިއުފާ އަށް ބައެއް މީހުން ގޮވަމުންދާތީ ނޫސްވެރިއަކު ސުވާލު ކުރުމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ފައްޔާޒަށް ނަސޭހަތް ދެއްވީ، "އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ" ކަމަށެވެ.

ފައްޔާޒަށް ހިތްވަރު ދެއްވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަޝިޕްގައި ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކުރައްވާފައި ފިއްލަވާނެ ބައެއް ނޫން ކަަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާ އެކީގައި، އަޅުގަނޑުމެންގެ މެމްބަރުން އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތަށް ވަފާތެރިކަންމަތީގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި އެމްޑީޕީ އަނބުރާ ވެރިކަމަށް ވެސް ގެންނާނަން. އަދި އިރާދަކުރެއްވިއްޔާ އެމްޑީޕީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނަގާ ތަން ވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދާނެ،" ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެމްޑީޕީ ނުކުމެ ތިބީ އެއް އިންތިހާބުން ބަލިވުމުން "އުޑު ބޮލަށް ވެއްޓުނީ ކަމަށް ހީކޮށް" ފިލާ ގޮތަށް ނޫން ކަމަށެވެ.

މާޒީގެ ބައެއް ކަންކަން ހަނދާން ކޮށްދެއްވަމުން ޝާހިދު ވިދާޅުވީ، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުންނާއި ޖެހިގެން އައި 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ވެސް އެ ޕާޓީ ވީ ބޮޑު ތަނުން ބަލި ކަމަށެވެ. އެކަމަކު، އެ ދެ އިންތިހާބުގެ ބައްޔާ ގުޅިގެން ވެސް ގައުމީ މަޖިލިހުގެ ބައްދަލުވުމެއް އޭރު ބާއްވައި ނިންމީ ބަލިވި ސަބަބު ބަލަން ދިރާސާއެއް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު، އެ ޕާޓީގެ ލީޑަޝިޕުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު، އެ ޕާޓީގެ ލީޑަޝިޕުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން ހަމަ އެ ކަހަލަ ދިރާސާއެއް ކޮށްފައި އެ ރިޕޯޓުގައި ހުރި ކަންތައްތައް ބަލައިގަނެ، އެ މަގުން ހިނގައި 2018 ދިވެހިރާއްޖޭގެ ރިޔާސަތު އަޅުގަނޑުމެން ކާމިޔާބު ކުރީ. ދެހާސް ނަވާރައިގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބު ކުރީ،" މި ފަހަރުގެ ބޮޑު ދެ ބައްޔާ ގުޅިގެން ވެސް ދިރާސާކުރަން ނިންމީ އެ ގޮތުގެ މަތިން ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެ ދިރާސާގެ އަލީގައި އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ކާމިޔާބު ކުރާނެ. އަދި އޭގެ ފަހުން އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް ކާމިޔާބު ކުރާނެ. އެމްޑީޕީން ކަން ކުރަނީ ދުރާލައި ރާވައިގެން ތަރުތީބުން، ގޯސްކޮށް ދިޔައީ ކޮން ކަންތައްތަކެއްތޯ ބަލައިގެން."