Roadha Mihaaru
ގައިދީން އުފައްދާ ތަކެތި ވިއްކައި އާމްދަނީން ބައެއްދެނީ

ގައިދީން އުފައްދާ ތަކެތި މާކެޓަށް ނެރެ އާމްދަނީން ބައެއް ދެނީ

29 އޯގަސްޓް 2024

ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށް މަސައްކަތް ދަސްކޮށްދީ އުފެއްދުންތައް ހަދައި މާކެޓަށް ނެރެ އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ބައެއް ގައިދީންނަށް ލިބޭ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށް މަސައްކަތް ދަސްކޮށްދީ އުފެއްދުންތައް ހަދައި މާކެޓަށް ނެރެ އެ ތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ބައެއް ގައިދީންނަށް ލިބޭ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށީ ޖަލުގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރާއްޖޭގެ ސަގާފަތާއި ސަގާފީ ހަރަކާތްތައް ދިރުވައި އާލާކޮށް، މީހުންނަށް ދަސްކޮށްދީ ރައްޔިތުންގެ ތެރޭގައި އެކަމަށް ލޯބި ޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އަދި ދެމެހެއްޓެނި ގޮތެއްގައި އެކަން ކުރެވޭނެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށާއި ރައީސް ދެއްވާފައިވާ ގައިޑެންސާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމިއްޔަތާއި ސަގާފަތް ހިމަނައިގެން ގައިދީން ރިހެބިލިޓޭޓް ކުރުމަކީ ރައީސްގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި މިއަދު މާފުށީ ޖަލުގައި ހުޅުވި ސަގާފީ ގޯއްޗަކީ ރާއްޖޭގައި އެގޮތަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަށްވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ | މިނިސްޓްރީ

މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ | މިނިސްޓްރީ

"ރައީސް ދެއްވާފައިވާ ގައިޑެންސާ އެއްގޮތަށް އަޅުގަނޑު މި ވިސްނަނީ މި ތަނުގައި ކުރެވޭ މަސައްކަތްތަކަކީ ގައިދީންނަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތްތަކަށްވާނެ ކަމަށް. އަދި އެ މަސައްކަތުގެ ތެރެއިން އާމްދަނީ ލިބި އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ މުސާރައިގެން ގޮތުގައި ލިބޭނެ ގޮތްތަކެއް ހޯދުން،" އިހުސާން ވިދާޅުވި އެވެ.

އެގޮތުން، ގައިދީން ތައްޔާރުކުރާ އުފެއްދުންތައް ޖަލުގެ ތެރޭގައާއި އެއާޕޯޓުގެ ތެރެއިން ޖާގައެއް ހޯދައިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވިއްކޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ ތަޅުލެވިގެން 24 ގަޑިއިރު ތިބޭ ބަޔަކަށް ނުވެ މަސައްކަތްތެރި އުފެއްދުންތެެރި ބަޔަކަށްވެ، ރަނގަޅުވެ މުޖުތަމައުއަށް ނިކުމެ އެ މީހުންގެ އާއިލާގެ ކަންތައްތައް ބެލެހެއްޓުމުގައި ޒިންމާދާރު ދިވެއްސެއްގެ ގޮތުގައި އުޅޭތަން ފެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ކަންކަން ކުރެވޭ ގޮތަށް ކަރެކްޝަންސްގެ ގާނޫނުތައް ވެސް ބަދަލު ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.