Roadha Mihaaru
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި

ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން ކޯޓުން އަންގައިފި

01 ސެޕްޓެމްބަރ 2024

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނަށް ފައިސާ ނުދެއްކުމުން ށ. ދޮޅިޔަދޫ ވިއްކާލަން ސިވިލް ކޯޓުން އަންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނަށް ފައިސާ ނުދެއްކުމުން ށ. ދޮޅިޔަދޫ ވިއްކާލަން ސިވިލް ކޯޓުން އަންގައިފި އެވެ.

އެ ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެސްބީއައި އިން ލޯނުގެ ގޮތުގައި 2014 ވަނަ އަހަރު ނެގި 13.4 މިލިއަން ޑޮލަރާއި 149.3 މިލިއަން ރުފިޔާ މިދިޔަ މަހުގެ 12 ގެ ނިޔަލަށް ނުދައްކާ އެބަހުއްޓެވެ.

އެ މައްސަލަ އަށް ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ ތަދައްހުލު ވެފަ އެވެ. އެ ދެ ފަރާތުން އެ މައްސަލައަށް ވަންނަން ޖެހުނީ ދޮޅިޔަދޫ ރިސޯޓު ހަދަން ބީއެމްއެލް އާއި ބީއޯސީން ވެސް ލޯނުތަކެއް ނަގައި، އެ ލޯނުތަކަށް ފައިސާ ދައްކާފައި ނުވާތީ އެވެ. އެ މައްސަލައާ ގުޅިގެން ބީއެމްއެލް އާއި ބީއޯސީ އިން ވެސް ވަނީ މީގެ ކުރިން އެ ރަށް ވިއްކުމަށް އިއުލާނުކޮށްފަ އެވެ.

ދޮޅިޔަދުއަކީ ގާތްގަނޑަކަށް ނިމިފައި އޮތް އެކަމަކު އަދި ނުހުޅުވާ ރިސޯޓެކެވެ. ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ދޮޅިޔަދޫގައި 100 ކޮޓަރި ހުންނަ އިރު އޭގެ ތެރެއިން 65 ކޮޓަރިއަކީ މޫދު ކޮޓަރި އެވެ.

ފައިސާ ނުދައްކާތީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކާ ގުޅިގެން ރަހުނު ކޮށްފައިވާ "ދޮޅިޔަދޫ އައިލެންޑް ރިސޯޓު" ވިއްކާލުމުގެ ހުއްދަ ދިނުމަށް ބޭންކުން އެދިފައިވެ އެވެ.

ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ މަޝްހޫރު ތްރީއޭގެ ހިއްސާދާރުން ކަމުގައިވާ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން ރަހުނު ވިއްކާލުމުގެ އަގާ މެދު މި މައްސަލައިގައި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތްތަކާ ދެމެދު ވާހަކަ ދެއްކެވި އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ރަށް ވިއްކާލުމުގެ އެންމެ ކުޑަ އަގަކީ 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) އެވެ. އެސްބީއައިގެ ލޯނުތައް ފިޔަވައި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނުން ނަގާފައިވާ ބައެއް ލޯނުތަކަށް ވެސް އެ ރަށް އޮތީ ރަހުނުކޮށްފަ އެވެ.

އެހެންވެ، އެ ރަށް ވިއްކާލުމުން އެސްބީއައި އާއި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯނު ހިމެނޭ ގޮތުގެ މަތިން އެ ތިން ބޭންކްގެ މެދުގައި ވާހަކަ ދައްކައިގެން އެ ރަހުނު ވިއްކާލައިގެން ލިބޭ ފައިސާ ބަހާނެ ގޮތެއް ނިންމުމަށް ވެސް ތިން ބޭންކުން ވަނީ އެއްބަސްވެފަ އެވެ.

ސިވިލް ކޯޓުން ވަނީ މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި ވިއްކާލުމުގެ ހުއްދަދީ އެ ރަށް ވިއްކާލާތާ 10 ދުވަހުގެ ތެރޭގައި ލިބުނު ފައިސާއާ މެދު އަމަލު ކުރި ގޮތާއި މުއާމަލާތް ނިމުނު އިރު ދަރަނި ހަލާސްވެފައިވާ ކަން ނުވަތަ ނޫން ކަން އެ ކޯޓަށް އެންގުމަށް އެސްބީއައި އަށް އަންގައިފަ އެވެ.