Roadha Mihaaru
މޫސަގެ 35 އަހަރުގެ ހިދުމަތަށް ހައްގު ޝަރަފެއް

މޫސަގެ 35 އަހަރުގެ ހިދުމަތަށް ހައްގު ޝަރަފެއް

04 ސެޕްޓެމްބަރ 2024

ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިނަށް 1989 ވަނަ އަހަރުގެ ކުރީކޮޅު ސިޓީއެއް ލިބިވަޑައިގަތެވެ. ޒުވާނަކު ފޮނުވި އެ ސިޓީގައި އޮތީ އެ ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ފުރުސަތަކަށް އެދިފަ އެވެ. އެ ޒުވާނާ އަކީ އޭގެ ދެ އަހަރު ކުރިން އެމްއީއެސްގައި ކިޔަވަން އުޅެމުން ވެސް އެ ނޫހަށް މަޒުމޫނު ފޮނުވި ހުނަރުވެރިއެކެވެ. ނޫހަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ޒުވާން ނޫސްވެރިން ހޯއްދަވަން ބޭނުންވެވަޑައިގެން ހުންނެވި ޒާހިރު، ވަގުތުން އެ ޒުވާނާ ގެންނަވައި "ބޭނުން އިރަކު މި ތަނުގައި އައިސް އުޅެންވީ" ކަމަށް ދެންނެވި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިނަށް 1989 ވަނަ އަހަރުގެ ކުރީކޮޅު ސިޓީއެއް ލިބިވަޑައިގަތެވެ. ޒުވާނަކު ފޮނުވި އެ ސިޓީގައި އޮތީ އެ ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ފުރުސަތަކަށް އެދިފަ އެވެ. އެ ޒުވާނާ އަކީ އޭގެ ދެ އަހަރު ކުރިން އެމްއީއެސްގައި ކިޔަވަން އުޅެމުން ވެސް އެ ނޫހަށް މަޒުމޫނު ފޮނުވި ހުނަރުވެރިއެކެވެ. ނޫހަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި ޒުވާން ނޫސްވެރިން ހޯއްދަވަން ބޭނުންވެވަޑައިގެން ހުންނެވި ޒާހިރު، ވަގުތުން އެ ޒުވާނާ ގެންނަވައި "ބޭނުން އިރަކު މި ތަނުގައި އައިސް އުޅެންވީ" ކަމަށް ދެންނެވި އެވެ.

އެ ޒުވާނާ އަކީ، ޚަބަރާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި މޫސާ ލަތީފެވެ. "ހަވީރު" ގައި 1989 ގައި ފެއްޓެވި ނޫސްވެރިކަމުގެ ހަޔާތުގައި މިއަދު ކުރިބޯއްޓަށް އެރުއްވީ އެވެ. ފާއިތުވި 35 އަހަރުގައި ތެރޭގައި މޫސަ ހަމައެކަނި އަމިއްލަ ކެރިއަރު ބިނާކުރެއްވީއެއް ނޫނެވެ. ދިވެހި ނޫސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ވެސް ގެންނެވީ އެވެ. އުމުރުން 53 އަހަރުގައި ސަރުކާރުން މިއަދު މޫސަ އަށް އެރުވި ޝަރަފަކީ ހައްގު އިނާމަކަށް ވަނީ އެހެންވެ އެވެ.

ހއ. ދިއްދު އަށް އުފަން މޫސަ އަކީ ފުރަތަމަ ދުވަހުން ފެށިގެން ތަފާތު ދެއްކެވި ނޫސްވެރިއެކެވެ. އޭގެ ހެއްކަކީ ކެރިއަރުގެ ވަރަށް ކުރީކޮޅު 1993 ގައި ސަރުކާރުން އޭނާ އަށް ނޫސްވެރިކަން ދެމެހެއްޓުމުގެ ރިހި ގަލަން ދިނުމެވެ. އޭރު މޫސަ އަކީ ކުޅިވަރަށް ހާއްސަ ރިޕޯޓަރެކެވެ. ރާއްޖޭގެ ކުޅިވަރުގެ ރަން ޒަމާނުގައި، އެ ދުވަސްވަރު މޫސަ ވަނީ ރާއްޖޭގައި އެހާތަނަށް ކުޅިވަރު ކަވަރު ކޮށްފައި ނުވާހާ ތަފާތުކޮށް އެ މަސައްކަތް ކުރައްވައިފަ އެވެ.

މޫސަ (ކ) ގެ ޒުވާން ދުވަސްވަރު އޭނާ އަށް "ހަވީރު" ގެ އޭރުގެ އެޑިޓަރު ޑރ. އަލީ ރަފީގު އިރުޝާދު ދެއްވަނީ.

މޫސަ (ކ) ގެ ޒުވާން ދުވަސްވަރު އޭނާ އަށް "ހަވީރު" ގެ އޭރުގެ އެޑިޓަރު ޑރ. އަލީ ރަފީގު އިރުޝާދު ދެއްވަނީ.

ސްރީ ލަންކާގައި 1991 ވަނަ އަހަރު ބޭއްވި ސާފް ގޭމްސް ކަވަރު ކުރަން ރާއްޖޭން ދިޔަ ހަމައެކަނި ނޫސްވެރިޔަކީ މޫސަ އެވެ. އޭނާގެ ގަލަން ވެގެން ދިޔައީ، ރާއްޖެ އަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ރިހި މެޑެއްޔެއް ލިބުނު އެ މުބާރާތުގެ ޚަބަރުތައް ދިވެހިންނާ ހަމަޔަށް ގެނެސްދިން މެދުވެރިޔާ އަށެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސް ވެސް ކަވަރު ކުރެއްވެވި އެވެ. އޭނާގެ އެންމެ ހާއްސަ ކުޅިވަރު ކަވަރޭޖަކީ 1997 ވަނަ އަހަރު ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕެވެ. އެ އަހަރު އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހުމުން ފުޓްބޯޅަ މަތިން ދިވެހިން ފޫހިވެފައި ތިބި ނަމަވެސް މޫސަ ނިންމެވީ މުބާރާތް ކަވަރު ކުރައްވާށެވެ.

އެއީ އާދައިގެ ދަތުރެއް ނޫނެވެ. އިންޑިއާގެ މެޑްރާހަށް ވައިގެ މަގުން ވަޑައިގެން، ރޭލުން ދިގު ދަތުރެއްގައި ވަޑައިގަތީ ކަލްކަތާ އަށެވެ. ކަތުމަންޑު އަށް ވަޑައިގެންނެވީ ގޮތްވީ އޭގެ ފަހުންނެވެ. މޫސަގެ އެ ދަތުރުވީ ނަސީބަށެވެ. ރާއްޖޭގެ ޒުވާން ޓީމުން މުބާރާތުގެ ފައިނަލަށް ދިޔައިރު އެ މަންޒަރުތައް ދިވެހިންނާ ހަމަޔަށް ގެންނަން ހުރި ހަމައެކަނި ނޫސްވެރިޔަކީ މޫސަ އެވެ.

އޭރުގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނީ މޫސަ ވަރުގެ ކުޅިވަރު ނޫސްވެރިއެއް ރާއްޖޭގައި ނުއުފެދޭ ކަމާއި ކުޅުންތެރިންނާ ކައިރިން މަސައްކަތްކޮށް، ކުޅުންތެރިންގެ ވާހަކަތައް ގެނެސް ދިނީ ވަރަށް ބޮޑު ޝައުގުވެރިކަމާ އެކު ކަމަށެވެ.

"އެ ވަރަށް ބުރަކޮށް، އެ ވަރަށް މިކަން ދެކެ ލޯބިން މަސައްކަތްކުރި ނޫސްވެރިއެއް އަޅުގަނޑު ނުދެކެން،" ނަސީރު އިސްމާއިލް ބުންޏެވެ.

މޫސަ "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރު (ވ) އާއި "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަ ވާއިލްއާ އެކު.

މޫސަ "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރު (ވ) އާއި "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަ ވާއިލްއާ އެކު.

ކުޅިވަރު ކަވަރުކުރި ނަމަވެސް މޫސަ އޭރު ވެސް ދިޔައީ މުނިފޫހިފިލުވުމުގެ ޚަބަރުތަކާއި ތައުލީމީ ދާއިރާގެ ޝައުގުވެރި ކަންކަން ވެސް ލިޔުއްވަމުންނެވެ. ތަފާތު ދާއިރާތަކުގެ މީހުންގެ ޕްރޮފައިލްތަކާއި ފީޗާތަކާއި "މެދުސަފުހާ" ގެ ކަވަރޭޖްތައް ހެއްދެވި އެވެ. ވަރަށް ޒުވާން އުމުރެއްގައި ކޮލަމް ލިޔުއްވަން ފެށްޓެވި އެވެ.

އެންމެ ފުރަތަމަ "އޮއިދުނި" އޭގެ ފަހުން "އަހަރެންގެ ފޮޅުވަތް"، އަދި ފަހުން "ކުއާލަލަމްޕޫރުން ސިޓީއެއް" ނަމުގައި ލިޔުއްވި ކޮލަމްތަކަކީ މުހިއްމު މައްސަލަތައް ނަންގަވައި، އެކަންކަމަށް އާއްމުންގެ ސަމާލުކަން ހޯދައިދެއްވި ލިޔުންތަކެކެވެ. މީގެ އިތުރުން "މީހުން" ގެ ނަމުގައި ތަފާތު ދާއިރާތަކުގެ މީހުންގެ ކުރު ޕްރޮފައިލްތައް ހިމެނޭ ކޮލަމެއް، ވަރަށް ގިނަ އަހަރުތަކެއް ވަންދެން "ހަވީރު" ގައި ލިޔުއްވި އެވެ. އެ ދުވަސްވަރު އެތައް ބައެއްގެ މެދުގައި "މީހުން" ކޮލަމް މަޝްހޫރުވި އެވެ.

މޫސަ ވަނީ "ހަވީރު"ން ނެރުނު "ހުވާސް" މަޖައްލާގައި ވެސް މުހިއްމު ދައުރެއް އަދާކުރައްވައިފަ އެވެ. އެ މަޖައްލާގެ ޑެޕިއުޓީ އެޑިޓަރުކަން ކުރެއްވުމުގެ އިތުރުން ވަރަށް ގިނަ ފީޗާ ރިޕޯޓްތަކާއި ކޮލަމްތަކާއި ޕްރޮފައިލްތައް ލިޔުއްވި އެވެ. އެންމެ ފާހަގަކުރެވެނީ "ނާށިގަނޑުގެ ދެފުށް" ނަމުގައި ސަލާންޖަހާ މީހުންގެ ދިރިއުޅުމާ ބެހޭގޮތުން "ހަވީރު" އިން ހެދި ކަވަރޭޖުގައި މޫސަ ކުޅުއްވި ދައުރެވެ. ސަލާންޖަހާ މީހަކަށް ހެދިގެން މޫސަ ވަނީ އެއް ދުވަސް ހޭދަކޮށް އެ ތަޖުރިބާތައް ލިޔުއްވައިފަ އެވެ.

ރިޕޯޓަރެއްގެ ގޮތުން "ހަވީރު" ގައި ފެށި ކެރިއަރުގައި މޫސަ ކުރިއެރުން ހޯދަމުން ދިޔައީ ހަލުވި މިނެއްގަ އެވެ. އެގޮތުން 2001 ވަނަ އަހަރު ސަރުކާރުން އޭނާ އަށް ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ދިނެވެ. އަދި 2004 ވަނަ އަހަރު އޭނާ އަށް "ހަވީރު" ގެ ނޫހުގެ އެކްޓިން އެޑިޓަރުކަން ލިބިވަޑައިގަތެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޑރ. ޒާހިރުގެ އިސްނެންގެވުމެއްގެ މަތިން “ހަވީރު” އިން މޫސަ މެލޭޝިއާ އަށް ފޮނުއްވި އެވެ. މާސް ކޮމިއުނިކޭޝަންސް އިން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ދިނުމަށެވެ. ކިޔަވަން ހުންނެވިއިރު ވެސް ވަރަށް ގިނައިން ލިޔުއްވި އެވެ. އަދި ބައެއް ކަވަރޭޖްތައް ވެސް ހެއްދެވި އެވެ. އޭގެ ތެރޭގައި 2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ވެސް ހިމެނެ އެވެ.

މޫސަ (މ) "ހަވީރު" ގެ ބައެއް ސީނިއާ ނޫސްވެރިންނާ އެކު.

މޫސަ (މ) "ހަވީރު" ގެ ބައެއް ސީނިއާ ނޫސްވެރިންނާ އެކު.

މޫސަ އަށް "ހަވީރު" ގެ އެޑިޓަރުކަން ރަސްމީކޮށް ލިބިވަޑައިގަތީ 2010 ވަނަ އަހަރު އެވެ. އޭނާގެ އެޑިޓަރުކަމުގެ ދަށުން އެ ނޫހަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. ޒުވާން ނޫސްވެރިންނަށް ފުރުސަތު ދެއްވި އެވެ. މޫސަ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ސްޓައިލަށް ބޮޑު ބަދަލެއް ގެންނެވި ލިޔުންތެރިއެއްކަމުން، މޫސަގެ އެޑިޓަރުކަމުގެ ދަށުން އެ ސްޓައިލަށް އެހެން ނޫސްވެރިން ވެސް ފެއްތުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. މީގެ އިތުރުން އާ ގާނޫނުއަސާސީއާ އެކު، ނޫސްވެރިކަމަށް އައި ބަދަލުތަކާ އެކު، އެޑިޓަރުގެ ހައިސިއްޔަތުން މޫސަ ނަންގަވަން ޖެހިވަޑައިގަތީ ކުރިއާ ތަފާތު ބޮޑު ޒިންމާއެކެވެ.

މޫސައާ އެކު "ހަވީރު" އާއި "މިހާރު" ގައި ވެސް މަސައްކަތް ކުރެއްވި އަހުމަދު ހަމްދޫން ވިދާޅުވި ގޮތުގައި މޫސަގެ ވިސްނުން އަބަދުވެސް ހުންނަނީ ފެންވަރު ރަނގަޅު, މޮޅު ލިޔުންތަކެއް އުފެއްދުމަށް ކަމަށާއި، މޫސަގެ ހުރިހާ ލިޔުންތަކުން އެ ފެންނަނީ އެ ތަފާތު ކަމަށެވެ.

"މޫސައާ އެކު ގާތުން މަސައްކަތްކުރި ވިއްސަކަށް އަހަރު ފާހަގަކުރެވުނީ ނޫސްވެރިކަމަށް އޮތް ލޯތްބާއި ނޫސްވެރިންގެ ކުރިއެރުމަށް ކުރި މަސައްކަތް. މޫސަގެ ކޮންމެ ލިޔުމެއް ފަސޭހަކަމާ އެކު ކިޔާލެވެނީ އޭނާ ގެންގުޅޭ ލިޔުންތެރިކަމުގެ މޮޅު ސްޓައިލްގެ ސަބަބުން،" "މިހާރު" ގެ އެޑިޓަރު ހަމްދޫން ވިދާޅުވި އެވެ.

"މޫސައަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ނޫސްވެރިޔާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެހާވަރުގެ މޮޅު ނޫސްެވެރިއެއް, ލިޔުންތެރިއެއް އަދި ނުފެނޭ. އަޅުގަނޑުމެން ނޫސްވެރިކަމުގެ ތެރެއަށް ވަދެ، މި ހިސާބަށް އައުމުގެ އަސްލަކީ މޫސަ."

މޫސަ (ކ) "މިހާރު" ގެ އެޑިޓަރު އިސްމާއިލް ނަސީރާއާ އެކު.

މޫސަ (ކ) "މިހާރު" ގެ އެޑިޓަރު އިސްމާއިލް ނަސީރާއާ އެކު.

މޫސައާ އެކު "ހަވީރު" ގައި މަސައްކަތްކުރެއްވި ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ މޫސަ އަކީ ބަދަލެއް ނައިސް ދާއިރާގައި ދެމިހުރި އެންމެ ސީނިއާ އެކަކު ކަމަށާއި މިއީ އޭނާ އަށް ހައްގު އިނާމެއް ކަމަށެވެ.

"ތަފާތު ނޫސްތަކެއްގައި މަސައްކަތް ކުރެއްވި އެކަމަކު އަބަދުވެސް ނެޝަނަލް އިންޓްރެސްޓުގައި އެއް ފޯކަސްއެއްގައި މޫސަ މަސައްކަތް ކުރީ. މަދު މީހަކާށް ނޫނީ އެ ޑެޑިކޭޝަން ނުދެއްކޭނެ،" ހިރިގާ ވިދާޅުވި އެވެ.

މޫސަ އަކީ ކުޅަދާނަ ނޫސްވެރިއެއްގެ އިތުރުން ހުނަރުވެރި ލިޔުންތެރިއެއް ވެސް މެ އެވެ. މޫސަގެ އެންމެ ހާއްސަ ދާއިރާއަކީ ވާހަކަ ލިޔުމެވެ. އެގޮތުން "އަނިޔާ"، "އަނދިރިފަރާތް"، އަދި "އެކަނި" ނަމުގައި ދިގު ވާހަކަތަކެއް ޝާއިއުކުރެއްވި އެވެ. މީގެ އިތުރުން ނޫހުގައި ވެސް ކުރުވާހަކަތަކާއި ދިގު ވާހަކަތައް ލިޔުއްވި އެވެ. މޫސަ ވަނީ ނޫސްވެރިކަމުގެ އޭންގަލަކުން މުހިއްމު ފޮތެއް ވެސް ލިޔުއްވައިފަ އެވެ. ފެބްރުއަރީ، 2012 ގައި އޭރުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭގޮތުން ލިޔުއްވި "ހަތެއް ފެބްރުއަރީ" އަކީ ދިވެހި ތާރީހަށް މޫސަ ދެއްވި އަގުބޮޑު ހަދިޔާ އެކެވެ.

މޫސަ އަށް ރައީސް މައުމޫން 2001 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މޫސަ އަށް ރައީސް މައުމޫން 2001 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހުގެ ޓީޗަރު އަދި ޅެންވެރިޔާ އަންވަރު އިބްރާހީމް ވިދުވި ގޮތުގައި މޫސަގެ ކެރިއަރަކީ މިއީ އަދުގެ ނޫސްވެރީން ދަސްކުރަންޖެހޭ ފިލާވަޅެއް ކަމަށާއި މޫސަގެ ފޮތުން ބަލަން ޖެހޭ ސޮފުހާއެއް ކަމަށެވެ.

"ނޫސްވެރީންގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދާ އެއް ލިޔުންތެރިއަކީ މޫސަ. މޫސަގެ ލިޔުމުގެ ސްޓައިލް. ހަގީގަތާ ކުރިމަތިލެއްވުން. ތެދު ހޯއްދެވުމަށް ފީނުއްވާ ފީނުއްވުން. ސިފަކުރުންތަކުގެ މޮޅުކަން. މުނާސަބު ލަފުޒުތަކުން ލިޔުމަށް ގެންނަވާ ފުރިހަމަކަން. ބޭކާރު ހާސަރު މަދުކަން. ބަހުގެ އާންމު ހަމަތަކުގައި ހިފަހައްޓަވާ މިންވަރު. މިއީ އަދުގެ ނޫސްވެރީން ދަސްކުރަންޖެހޭ ފިލާވަޅެއް. މޫސަގެ ފޮތުން ބަލަން ޖެހޭ ސޮފުހާއެއް،"

މޫސަ އަކީ ނޫސްވެރިކަމުގެ ބޮޑެތި ޗެލެންޖްތައް ނެންގެވި އެޑިޓަރެއް ވެސް މެ އެވެ. ކޯޓުން 2016 ވަނަ އަހަރު "ހަވީރު" ނޫސް ހުއްޓުވާލުމުން އެ ނޫހުގެ މެނޭޖްމަންޓުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "މިހާރު" ފެށުމުގައި މޫސަގެ ދައުރު ބޮޑެވެ. ކުރު މުއްދަތެއްގެ ތެރޭގައި، "މިހާރު" ގެ މެނޭޖުމަންޓުގެ އިސްވެރިންގެ އިރުޝާދާ އެކު، އެ ނޫސް ރާއްޖޭގެ އެއް ވަނަ އެރުވުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ މޫސަ އެވެ. އޭނާ އެ އެވޯޑެއް އިންތިޒާމު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި "ހަވީރު ސްޕޯޓްސް އެވޯޑްސް" ހުއްޓާލަން ޖެހުމުން "މިހާރު އެވޯޑްސް" ނަމުގައި "މިހާރު" އިން ތައާރަފުކުރި އާ އެވޯޑް އިންތިޒާމުކުރެއްވުމުގައި މުހިއްމު ރޯލެއް ކުޅުއްވި އެވެ.

މޫސަ އަކީ މިހާރު "ދައުރު" ގެ އެޑިޓަރެވެ. "މިހާރު" އިން އިސްތިއުފާ ދެއްވައި 2021 ވަނަ އަހަރު އޭނާ ގުޅިވަޑައިގެންނެވި "ދައުރު" އަކީ މޫސަގެ ހިއްސާ އޮންނަ އަދި އެ ނޫސް އުފެއްދުމުގައި މޫސަ މުހިއްމު މަސައްކަތްތަކެއް ކުރެއްވި އޮންލައިން މީޑިއާ އެކެވެ.

އެ ހުރިހާ ކަމަކާ އެކު މޫސަ ފާހަގަކުރެއްވެނީ ނޫސްވެރިކަމުގެ ހުރިހާ މަރުހަލާއެއް ވެސް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގަ އެވެ. ލިޔުއްވުމާއި އެޑިޓް ކުރެއްވުމާއި ނިއުސްރޫމް ހިންގެވުމުގެ ތަޖުރިބާ މޫސަގެ ވަރަށް ބޮޑެވެ. އޭގެ ނަތީޖާ އަކީ، ރާއްޖޭގައި ފުލްޓައިމްކޮށް ނޫސްވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޝަރަފު ވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް މޫސަ ވެވަޑައިގަތުމެވެ. އޭނާ އަކީ ހުރިހާ ދާއިރާއަކުން ބެލި ނަމަވެސް ޝަރަފްވެރިކަމުގެ އިނާމު ހާސިލްކުރެއްވި އެންމެ ޒުވާން އެކެކެވެ. މި ހުރިހާ ކަމެއް ސާބިތުކޮށްދެނީ މޫސަ ނޫސްވެރިކަމުގައި ކުރެއްވި ފެންވަރު ރަނގަޅު މަސައްކަތްތަކާއި އެ ދާއިރާ އަށް ކުރެއްވި ހިދުމަތްތަކެވެ.