Roadha Mihaaru
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް

ކޮވިޑްގެ ރާއްޖޭގެ މަންޒަރު ގިނަ މީހުންނަކަށް ނޭނގޭ: ރައީސް

02 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ގުޅޭ ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްކަން ބުނެދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅޭ ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްކަން ބުނެދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން އާއްމުން އަދިވެސް އިތުރަށް ހޭލުންތެރިކުރުމަށް ގިނަ މީޑިއާތަކެއް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށެވެ. ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ޓޫރިޒަމް ތަރައްގީކޮށްފައިވާ ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން،" ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

"މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފު ކޮށްދޭން ޖެހޭ ކަމެއް. ވަކިން ހާއްސަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓް ހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ."

ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ، އެންމެން އެކުގައި މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަން ނުކޮށްފި ނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ބަލިޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ހާލަތަށް ކަންތައް ހިނގައިދާނެ. ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލިމީހުން އިތުރުވެއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ކެމްޕެއިނާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިކަމުގެ މަގުސަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުއިއްޔާތަކާއި މިނިވަން މުއައްސަސާތައް ވެސް ބައިވެރިވެ މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް. މިފަދަ މުހިންމު ގައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނަކީ، ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް ކަމަށެވެ.

"އިގުތިސާދީ ގޮތުންވިޔަސް، ނުވަތަ ސިޔާސީ ގޮތުންވިޔަސް، ގައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް އާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ހަގީގަތް ނޯޅޭގޮތަށް މައުލޫމާތު ފެތުރުމަށް ވެސް ނޫސްވެރިންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި ގައުމީ މަސައްކަތުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން. ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުން ވެސް، ފުރިހަމަ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބެމުންދާނެ،" ރައީސް ވިދާޅުވި އެވެ.

ހޭލުންތެރި ކުރަން ހުރިހާ މީޑިއާތަކެއް ގުޅިގެން

ކެމްޕެއިނާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ސަން އޮންލައިންގެ ޗީފް އެޑިޓަރު، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ކެމްޕެއިންގައި ބައިވެރިވާ ހުރިހާ މީޑިއާތަކެއް މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި އާއްމުން ހޭލުންތެރި ކުރުވުމަށް އެއް މައުލޫމާތުތަކެއް އާންމު ކުރާނެ ކަމަށެވެ.

ކެމްޕެއިނާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކެމްޕެއިނާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މި ބަލިމަޑު ކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ދެކިގެން އުޅުން ގޯސް. މި ކެމްޕެއިން އަމާޒު ކުރާނީ މިކަމުގެ ނުރައްކާ ބުނެދިނުމަށް،" ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވި އެވެ.

ކެމްޕެއިންގައި ކުރާ މުހިންމު ކަންކަން

* ހުރިހާ މީޑިއާތަކެއްގައި އެއް އާޓިކަލްތަކެއް ޕަބްލިޝްކޮށް އާއްމުން ހޭލުންތެރި ކުރުން

* ހުރިހާ ޓީވީތަކެއްގައި ހޭލުންތެރި ކުރުމަށް ޓޯކްޝޯތައް ބޭއްވުން

ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

* ފޮޓޯ ސްޓޯރީތަކާއެކު ހުރިހާ މީޑިއާތަކުން ބަލީގެ ހާލަތު އަންގައިދިނުން

* ނޫސްވެރިންނާއި މީޑިއާތަކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރި ކުރުން

ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ކޮވިޑް-19ގެ މައުލޫމާތު އެ ބަލިމަޑުކަން ފެށުނު ހިސާބުން ފެށިގެން ވެސް ރާއްޖޭގެ ހުރިހާ ނޫސްތަކަކުން ގެނެސް ދީފައިވާ ކަމަށެވެ. މި ކެމްޕެއިނާއެކު އެކަން އެހެން ލެވެލް އަކަށް ގެންދެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ލޮކްޑައުންއަށް ލުއިދިނީމައި މިފެންނަނީ އެންމެ އެދޭ މަންޒަރެއް ނޫން. ބަލި ކޮންޓްރޯލް ނުވެ ކުރިއަށް އޮތީ ކިހާ ދުވަހެއް ކަމެއް ނޭންގެ. މިހާރު މިފެންނަނީ އަސްލު އިކޮނޮމީގެ ރިއަލިޓީއެއް ނޫން. މިކަންކަމަށް އަޅުގަނޑުމެން ހޭލުންތެރި ކުރާނަން،" މޫސަ ވިދާޅުވި އެވެ.

ކެމްޕެއިންގައި އިސްކޮށް އުޅޭ ނޫސްވެރިން ވަނީ ކޮވިޑް-19އަށް ރާއްޖޭން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދާއިރު އާއްމުންގެ ޒިންމާ އެންމެ ރަނގަޅަށް އަދާ ނުކުރާކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ޒުވާނުން ކޮފީތަކުގައި ރައްކާތެރިކަމެއް ނެތި އުޅެމުން ދާތީ ގޭގެއަށް ބަލި ގޮސް ދުވަސްވީ މީހުން އެ ބަލީގައި ވަކިވެ ދިއުމުގެ ނުރައްކާ ބޮޑު ވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.