Roadha Mihaaru
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް

ސްޕޯޓްސް ކާރު ދުއްވި ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް

06 ސެޕްޓެމްބަރ 2024

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއްގެ ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއްގެ ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ސެންޓްރަލް ޕާކު ކައިރިން އުރީދޫގެ މައި އޮފީހާ ދިމާލުން ރޭގެ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ ވެހިކަލްތައް ދުއްވުމުގެ ލައިސަންސް ވިސާމް އަތުގައި ނޯންނަ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި ގޮތުގެ ތަފުސީލެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ. އެކަމަކު، މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން ނަމަ އެކްސިޑެންޓު ހިނގީ ސްޕޯޓްސް ކާރުގައި ސައިކަލުން ޖެހިގެންނެވެ.

"ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 2:48 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

އެކްސިޑެންޓުވި ކާރު ދުއްވި މީހާ.

އެކްސިޑެންޓުވި ކާރު ދުއްވި މީހާ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަމާހު ނިޔާވީ އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެންނެވެ.

އެކްސިޑެންޓު ހިނގި ވަގުތު ސަމާހުއާ އެކު އެހެން ރައްޓެއްސެެއް ވެސް އެ ސައިކަލްގެ ފަހަތުގައި އިނެވެ. އެކަމަކު އޭނާ އަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަސް ސާވިސްގެ ޕްރިޒަން ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި ސަމާހު ނިޔާވިއިރު އޭނާއަކީ ރޭ ދަންވަރު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ޒުވާނެކެވެ. އެކްސިޑެންޓް ހިނގީ ވެސް މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިން ގެންގޮސްދިން ފަހުންނެވެ.

ސަމާހު ނިޔާވި އިރު އޭނާ ދިޔައީ އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރުވަމުން ކަމަށް އޭނާގެ ގާތް މީހުން މިއަދު ބުނެފައި ވެ އެވެ.

ސަމާހު ކަރެކްޝަނަލް ސާވިސްއާ ގުޅުނީ ޖެނުއަރީ 2021 ގަ އެވެ. އޭނާ މަސައްކަތް ކުރަމުން އައީ މާފުށީ ޖަލުގަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ވިސާމު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ކޮށްފަ އެވެ. އެކަމަކު، އޭނާގެ އަތުގައި ލައިސަންސް ނެތުން ފިޔަވައި އެކްސިޑެންޓާ ގުޅޭ މައުލޫމާތުތަކެއް އަދި ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެ އެވެ.