Roadha Mihaaru
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި

ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި

14 ސެޕްޓެމްބަރ 2024

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ" 2026 ވަނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ" 2026 ވަނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

ކުރިން އަންނަ އަހަރު ޑިސެމްބަރުގައި ގެނެސްދޭ ތާވަލުކޮށްފައި އޮތް މި ފިލްމު މާޗު 20، 2026 އަށް ފަސްކޮށްފައިވާ ކަން ފިލްމުގެ ޓީމުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެކަން އިއުލާންކުރީ ފިލްމުގެ ޓީމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

މި ފިލްމު އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް، ފިލްމުގެ ސްޓޯރީލައިންއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ލަވް އެންޑް ވޯ"ގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ.

މިއީ ބަންސާލީގެ ފިލްމަކުން އާލިއާ އާއި ރަންބީރް ފެންނާނެ ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަންގޫބާއީ ކަތިއަވާޑީ"ގައި ލީޑު ރޯލު ކުޅުނީ އާލިއާ އެވެ. އަދި އޭނާ 2007 ވަނަ އަހަރު ގެނެސްދިން "ސާވަރިޔާ" އަކީ ރަންބީރް ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.

"ގަންގޫބާއީ ކަތިއަވާޑީ" އަށް ފަހު ބަންސާލީ ވަނީ "ބައިޖޫ ބާވްރާ" ކިޔާ ފިލްމެއް ވެސް 2019 ވަނަ އަހަރު އިއުލާންކޮށްފަ އެވެ. ނަމަވެސް، ފަހުން އެ ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް އޭގެ ފަހުން އަދި ނުދައްކަ އެވެ.

ބަންސާލީ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެކެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދޭވްދާސް" އާއި "ރާމް ލީލާ" އާއި "ޕަދުމާވަތީ" ކަހަލަ ފިލްމުތައް ހިމެނެ އެވެ. އަދި މިފަހުން ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ"އަށް ވަނީ ބޮޑު ތަރުހީބު ލިބިފަ އެވެ. އެ ސީރީޒްގެ ދެވަނަ ސީޒަނެއް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.