ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުލިބި ދަތިކަމާ ކުރިމަތިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވައިދު އޮތްގޮތުން ބައެއް ބޭސްތައް ގެނައުމުގެ ހުއްދަ އެސްޓީއޯއަށް ނުލިބޭތީ ކަމަށާއި މިހާރު ގެނެވެނީ ބޭނުންވާ ބޭހުގެ 30 ޕަސެންޓް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
01 ޖުލައި 2025
ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުލިބި ދަތިކަމާ ކުރިމަތިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވައިދު އޮތްގޮތުން ބައެއް ބޭސްތައް ގެނައުމުގެ ހުއްދަ އެސްޓީއޯއަށް ނުލިބޭތީ ކަމަށާއި މިހާރު ގެނެވެނީ ބޭނުންވާ ބޭހުގެ 30 ޕަސެންޓް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، މެމްބަރުންގެ ސުވާލުތަކާ ގުޅިގެން ޝިމާދު ވިދާޅުވީ، ބޭހުގެ ރެގިއުލޭޝަންތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއިން ގަވައިދު ހަދާފައި އޮންނަ ގޮތުން އެއް ބޭހެއް، ދެ ކުންފުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.
އެހެންވެ، ބޭސް ފޯރުކޮށްދޭ ސަޕްލަޔަރުން ވެސް އެއް ބޭހެއް، ދެ ފަރާތަށް ފޯރުކޮށްނުދޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯއަށް ވެސް، ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުހޯދި ދިގުލައިގެންދަނީ އެ ސަބަބާ ހެދި ޝިމާދު ވިދާޅުވި އެވެ.
"އެސްޓީއޯއިން ގެންނަނީ ބޭހުގެ 30 ޕަސެންޓު. ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓްރީކޮށްފިއްޔާ އެ ފަރާތަކުން ބޭސް އެތެރެކުރެވެނީ. އެމްއެފްޑީއޭގެ އުސޫލު އޮންނަ ގޮތުން އެ ބޭހެއް އެތެރެކުރެވެނީ ވެސް އެ ފަރާތަކަށް، އަނެއްކޮޅުން ސަޕްލަޔަރު ހުއްދަ ދެނީ އެންމެ ފަރާތަކަށް،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް ފާމަސީތަކުން ހޯދަން ދަތިވާ މައްސަލަ ބޮޑު ކަމަށާއި އެހެންވެ، ޖެނެރިކް ބޭހެއް ލިޔެގެން އެހެން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ތާރީހެއް ހާމަކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ ސުވާލުތަކަށް އެސްޓީއޯ އާއި އާސަންދަ އަދި އެންސްޕާއިން ވެސް ސާފު ޖަވާބެއް ނުދެ އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު ވިދާޅުވީ ބޭސް ހޯދުމުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ހަމަކުރުން ކަމަށެވެ. ނަމަވެސް، އެކި ގައުމުތަކާ އެކު މަސައްކަތްކޮށްގެން ވެސް އެތެރެނުކުރެވޭ 500 އަށްވުރެ ގިނަ ބޭސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް
ނިއުޝާދު ވިދާޅުވީ އެ ބޭސްތައް އެތެރެނުކުރެވޭތީ ޑޮކްޓަރުންނާ ވާހަކަދެއްކެވިއިރު އެއީ ޒަރޫރީ ހާލަތަކަށް ބޭނުންކުރަން ޖެހިދާނެ ކަމަށް ލިސްޓުގައި ހިމަނާފައިވާ ބޭސްތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަނެއް ބައި ބޭސްތަކަކީ އިމަޖެންސީ ހާލަތަކަށް، ޑަބްލިއުއެޗްއޯއިން ހުރިހާ ގައުމެއްގައި ވެސް ބަހައްޓަން ލާޒިމްކޮށްފައިވާ ބޭސްތަކެކެވެ.
އެކަމަކު، ސީދާ އެ ބޭސްތައް ނޫނަސް އެހެން ހައްލުތަކެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 100 ޕަސެންޓު ހަމަކުރެވިފައި ނެތް އެސެންޝަލް މެޑިސިންސްގެ ހުރިހާ ބޭހެއް. ހަމަ އަލްޓަނޭޓިވް ސޮލިއުޝަންސްތަކެއް އަޅުގަނޑުމެންނަށް ހޯދިފައި އެބަހުރި." ނިއުޝާދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މި އަހަރުގެ ކުރީކޮޅު އިއުލާންކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން، މެމްބަރެއްގެ ސުވާލަކާ ގުޅިގެން ނިއުޝާދު ވިދާޅުވީ އަސާސީ ފަސް ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް މިދިޔަ މާޗު މަހު ހަމަކުރި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް އެ ބޭސް ހޯދަން ބެލިއިރު، އެ އަދަދަށް ބޭސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސާސީ ބޭސް ހުރިތަން ވެސް އެނގޭ. ނަމަވެސް ކުއަންޓިޓީ، ސަޕްލަޔަރުންގެ އަތުން ހޯދުމުގައި ދަތިކަން ދިމާވީ،" ނިއުޝާދު ވިދާޅުވި އެވެ.
އެސްޓީއޯއިން ވަނީ ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫއެންޑީޕީއާ ގުޅިގެން ވެސް ރާއްޖެއަށް ބޭސް ގެންނަން ފަށައިފަ އެވެ. އޭގެ ތެރެއިން، ޔޫރަޕް ކޮލިޓީގެ ބައެއް ބޭސްތައް ރާއްޖެ ގެނެސްފައިވެ އެވެ.
ނަމަވެސް، އެސްޓީއޯއިން ބުނީ އދ. ގެ އެ ޖަމާއަތަކީ ބޭހާ ގުޅޭ މަސައްކަތްކުރުމަށް އެންމެ ރަނގަޅު ފަރާތްކަމަށް ގަބޫލުނުކުރެވޭތީ ޑަބްލިއުއެޗްއޯއާ ގުޅިގެން ބަލްކް ޕްރޮކިއުމަންޓުން ބޭސް ގެނައުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ