Roadha Mihaaru
ލުކާކޫގެ މޮޅު ކުޅުމާ އެކު ނަޕޯލީ އެއް ވަނައިގައި

ލުކާކޫގެ މޮޅު ކުޅުމާ އެކު ނަޕޯލީ އެއް ވަނައިގައި

16 ސެޕްޓެމްބަރ 2024

ކަލިއާރީ އަތުން 4-0 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ރޭ އަރައިފި އެވެ.

ކަލިއާރީ އަތުން 4-0 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ރޭ އަރައިފި އެވެ.

މިދިޔަ ސީޒަނުގައި ދަށްކޮށް ދިޔަ، އޭގެ ކުރީ ސީޒަނުގެ ޗެމްޕިއަން ނަޕޯލީ އަންނަނީ އާ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މި ފަހަރު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.

ތާވަލުގެ ދެ ވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ. ރޭ އިންޓަ ވަނީ މޮންޒާއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން އިންޓަ މޮޅުވި ނަމަ އެ ޓީމަށް އެއް ވަނަ އަށް އެރުހީނެވެ. ތާވަލުގެ ތިން ވަނައިގައި އަށް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ޔުވެންޓަސް އެވެ. އެ ޓީމު ވެސް ވަނީ މި ހަފުތާގައި ކުޅުނު މެޗުގައި އެމްޕޮލީއާ 0-0 އިން އެއްވަރުވެފަ އެވެ.

ކަލިއާރީގެ ދަނޑުގައި ރޭ ނަޕޯލީ ކުޅުނު މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯ އާއި ކިވިޗާ ކްވަރަސްހޭލިއާ އާއި ރޮމެލޫ ލުކާކޫ އަދި އަލެސަންދްރޯ ބޮންގިއާނޯ އެވެ.

މި މެޗުގައި ވެސް ނަޕޯލީގެ އެންމެ ބޮޑު ތަފާތަކަށްވީ ލުކާކޫ އެވެ. ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ އާއި އިންޓަގައި ވެސް މޮޅަށް ކުޅުނު ލުކާކޫ އަކީ ކޮންޓޭ ޓީމާ ހަވާލުވެ ގެންނަން އެންމެ ބޭނުންވި ކުޅުންތެރިޔާ އެވެ.

އިންޓަ އާއި މޮންޒާ ރޭ ކުޅުނު މެޗުގެ ބޮޑުބައި ދިޔައީ ގޯލެއް ނުފެނި އެވެ. އެކަމަކު 81 ވަނަ މިނެޓުގައި ޑެނީ މޮޓާގެ ގޯލުން މޮންޒާ ލީޑު ނެގި އެވެ. އިންޓަ ސަލާމަތްވީ 88 ވަނަ މިނެޓުގައި ޑެންޒެލް ޑުމްފްރިއަސް ޖެހި ގޯލުންނެވެ.

ލީގުގެ ވަރުގަދަ އެހެން ޓީމުތަކަށް ބަލާއިރު އޭސީ މިލާން ވަނީ ހޮނިހިރު ދުވަހުގެރޭ ވެނީޒިއާ އަތުން 4-0 އިން މޮޅުވެ ސީޒަނުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިލާން ހޯދި ބޮޑު ހިތްވަރެކެވެ. އެ ޓީމު އޮތީ ފަސް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ރޯމާ ވަނީ ޖެނޯއާއާ 1-1 އިން އެއްވަރުވެފަ އެވެ. ރޯމާގެ އާޓެމް ޑޮވްބީކް 37 ވަނަ މިނެޓުގައި ލަނޑު ޖަހާފައި އޮއްވާ ޖެނޯއާ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ކޯނީ ޑި ވިންޓާ ޖެހި ގޯލުންނެވެ. ރޯމާ އޮތީ ތިން ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.