Roadha Mihaaru

އެމްބާޕޭ ނެތްތަން ފޫބައްދާނީ ކްވާރެޓްސްހޭލިއާ؟

ނަޕޯލީގެ ޖޯޖިއާ ތަރި ކިވިޗާ ކްވާރެޓްސްހޭލިއާ، އޭނާ ވިއްކައިދޭން ކްލަބުގައި އެދިފައިވާ ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އެމްބާޕޭ ނެތްތަން ފޫބައްދާނީ ކްވާރެޓްސްހޭލިއާ؟

ނަޕޯލީގެ ޖޯޖިއާ ތަރި ކިވިޗާ ކްވާރެޓްސްހޭލިއާ، އޭނާ ވިއްކައިދޭން ކްލަބުގައި އެދިފައިވާ ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ވަނީ ކްވާރެޓްސްހޭލިއާ ގަންނަން ހުށަހަޅައި އޭނާއާ އެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. ނަޕޯލީން އޭނާ ވިއްކާލަން ކިޔާ އަގަކީ 82 މިލިއަން ޑޮލަރެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުނީ ކްވާރެޓްސްހޭލިއާ ވެސް އެގޮތް ބޭނުންވެ އެކަމަށް މަގުފަހިކޮށްދޭން އެދިފައިވާ ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަނުޖެހުނު އެކަމާ. ސީޒަން ފެށީއްސުރެ އަހަރެމެން މި އަންނަނީ އޭނާ އަށް އޭނާ އަކީ މި ޓީމުގެ މުހިއްމު ކުޅުންތެރިއެއްކަން ވިސްނައިދެމުން،" ކޮންޓޭ ބުންޏެވެ.

ނަޕޯލީން މީގެ ތިން އަހަރު އެންމެ 10 މިލިއަން ޑޮލަރަށް ގަތް ކުޅުންތެރިޔާގެ މޮޅު ކުޅުމާ އެކު އެ ޓީމުން އެ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އެކަމަކު މިދިޔަ ސީޒަން ދިޔައީ ވަރަށް ދަށްކޮށެވެ. އެހެންވެ ކްވާރެޓްސްހޭލިއާ ވަނީ އޭރު ވެސް ކްލަބް ބަދަލުކުރަން މަސައްކަތްކޮށްފަ އެވެ.

އެކަމަކު ޖޫން މަހު ކޮންޓޭ ހަވާލުވެ ނަޕޯލީން މި ސީޒަނުގައި ލީގަށް ވާދަކުރާތީވެ ބެލެވިފައި އޮތީ ކްވާރެޓްސްހޭލިއާ އެ ވިސްނޫން ދޫކޮށްލައިފި ކަމަށެވެ.

ޕީއެސްޖީން ވަނީ ކްވާރެޓްސްހޭލިއާ އަށް މިހާރު ލިބޭ މުސާރައިގެ ހަތަރު ގުނަ ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ކްލަބް ބަދަލުކުރުމުގެ ސަބަބަކީ އެއީ އެވެ. ނަޕޯލީން ވަނީ އޭނާ އެދޭ ވަރުގެ މުސާރައެއްގައި ކޮންޓްރެކްޓް އާކުރަން ދެކޮޅު ހަދައިފަ އެވެ.

ކްވާރެޓްސްހޭލިއާއާ އެކު ނަޕޯލީގައި ވިދާލި ފޯވާޑް ވިކްޓަ އޮސިމްހެން ވެސް ވަނީ އެފަދަ މައްސަލައެއްގައި ލޯން އުސޫލުން ތުރުކީ އަށް ބަދަލުވެފަ އެވެ.

ޕީއެސްޖީން ކްވާރެޓްސްހޭލިއާ ގެންނަން ބޭނުންވަނީ އެ ޓީމު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ކީލިއަން އެމްބާޕޭ ނެތްތަން ފޫބެއްދުމަށެވެ. ނަޕޯލީ އަށް ބަދަލުވުމުގެ ކުރިން މާގިނަ ބަޔަކަށް ނޭގޭ ކްވާރެޓްސްހޭލިއާ އަކީ ދުވެލި ބާރު، ހަލުވި، އަދި ގޯލާ އެހާމެ ރައްޓެހި ވިންގެކެވެ.