Roadha Mihaaru
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!

ޔާމީން، ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލަ ޖޭއެސްސީން ފުލުހަށް ހުށަހަޅައިފި

29 މެއި 2022

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު "ޖަމްޕު ޖެހީ" ގާބިލުކަމާއި ތަޖުރިބާ އަށް ބަލާފައި ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމަށެވެ.

އެ ފަދަ ސަބަބުތަކަށްޓަކައި މުއައްސަސާތައް "ތާހިރު" ކުރަން ޖަލުތައް ބޮޑުކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޖޭއެސްސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަނޑިޔާރަކަށް ނުވަތަ ޝަރީއަތަކާ ގުޅިގެން އެއްވެސް ފަރާތަކުން އިންޒާރެއް ދީފި ނަމަ އެ ކަން ފުލުހުންގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ. ޔާމީންގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވީ މިދިޔަ ހަފުތާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި އެދިފައި ވަނީ އަލީ ރަޝީދުގެ ސެކިއުރިޓީ އަށް ސަމާލުވުމަށާއި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ އެ ތަހުގީގު ކުރިއަށް ގެންދިޔުމަށެވެ.

ޔާމީން އެ ދުވަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލަށް ވެސް އިންޒާރު ދެއްވި އެވެ.

މި ހާލަތު ބަދަލުވާނެ ކަމަށާއި އެ ދުވަހަކުން އެ ދެ ބޭފުޅުން "ޖަލަށް ދާން ޖެހިދާނެ" ކަމަށް ޔާމީން ވިދާޅުވި އެވެ

"ހަމަ ބޮޑުތަނުން ޕާޖްކޮށްލަން އެބަ ޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ދެވަނަ ފަހަރަށް ވެރިކަން ލިބިއްޖެ ނަމަ ޖަލަށް ލާނެ ކަމުގެ އިންޒާރު ދެއްވާ އިރު ޔާމީންގެ މިދިޔަ ވެރިކަމުގައި އެމަނިކުފާނަށް އެންމެ ބޮޑު ފާޑު ކިޔުން އަމާޒުވި ސަބަބަކީ ސިޔާސީ މީހުން ޖަލަށް ލުމާއި އަނިޔާވެރިވުމެވެ.