Roadha Mihaaru
ހުޅުމާލެ އިން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ

ހުޅުމާލެއިން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

17 ސެޕްޓެމްބަރ 2024

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދަން ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދަން ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލެވޭނެ ކަމަށެވެ. ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް އެއް އަހަރަށް ދޫކުރާ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.

އުމުރުން 18 ފުރިފައިވާ ކޮންމެ ދިވެއްސަކަށް ވެސް ޕާކިން ޖާގައަށް ކުރިމަތިލެވޭނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ޕާކިން ޖާގައަށް ހުށަހެޅޭނީ މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަ މީހުންނަށެވެ. ޕާކިން ހޯދަން ހުށަހަޅާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭން ނިންމާފައި ވަނީ ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. ހުޅުމާލެ ފިޔަވައި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ އެހެން ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރަން ނިންމާފައި ވަނީ އެ ވެހިކަލްތަކަށް ފަހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ދެ ކެޓަގަރީން ވެސް ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބަކީ:

1. ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން

2. ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން

3. މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން

ޕާކިން ޖާގަތައް ދޫކުރަން ނިންމާފައި ވަނީ އެ ޖާގަތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

ޕާކިން ޖާގައަށް އެދި ފޯމު ހުށަހެޅޭނީ މި މަހުގެ ނިޔަލަށެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމުތައް ބަލައިގަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއިން ދޫކުރާ ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.