Roadha Mihaaru
"ތަރައްގީކުރެވޭނީ ވިޔަފާރިތަކަށް ހުންގާނު ދީގެން"

ޖަޒީރާ ގައުމުތައް ތަރައްގީ ކުރެވޭނީ އަމިއްލަ ވިޔަފާރިތައް ބާރުވެރި ކުރުވައި، ހުންގާނު ދީގެން: ރައީސް

27 މެއި 2024

މޫސުމީ ބަދަލުތަކަށް ވިލުންވެރި، ދެމެހެއްޓެނިވި ގޮތެއްގައި ކުދި ޖަޒީރާ ގައުމުތައް ތަރައްގީކުރެވޭނީ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި، ތަރައްގީގެ ހުންގާނު ދީގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލުތަކަށް ވިލުންވެރި، ދެމެހެއްޓެނިވި ގޮތެއްގައި ކުދި ޖަޒީރާ ގައުމުތައް ތަރައްގީކުރެވޭނީ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި، ތަރައްގީގެ ހުންގާނު ދީގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އެންޓިގޫއާ އެންޑް ބާބޫޑާގައި ކުރިއަށް ގެންދާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގްލޯބަލް ބިޒްނަސް ނެޓްވޯކު ބައްދަލުވުން ނިންމުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ކުދި ޖަޒީރާ ގައުމުތަކުގައި ޕްރައިވެޓް ސެކްޓާއިން އަދާކުރާ ދައުރު ވަރަށް މުހިންމެވެ.

އޭގެ ތެރޭގައި އިގުތިސޯދުގެ އިންޖީނު ނުހުއްޓި ހިންގުމާއި ތަރައްގީގެ މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެއާ އެކު އެ މަނިކުފާނު ވަނީ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި ކުރިއެރުވުމަށް ތިން ކަމަކަށް ގޮވާލައްވައިފަ އެވެ.

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓް ލިބޭނެ މަގުފަހިކޮށްދިނުމެވެ.

"މިއަދުގެ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގެ މާހައުލުގައި ސިޑްސްގެ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެ ބޮޑަށް އެހީތެރިކަން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

"އަމިއްލަ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުކޮށް، ފައިނޭންސް ހޯދޭނެ އާ މަގުތައް ކޮށައިދިނުމަކީ ސަރުކާރުތަކުގެ ޒިންމާއެއް."

"ފައިސާއަކީ ހުރަހަކަށްވުމުގެ ބަދަލުގައި، އެންމެންގެ ކުރިއެރުމަށް އެޅޭ ބްރިޖަކަށް ވާންޖެހޭނެ،"--- ރައީސް

އަދި ގައުމުން ބޭރަށް ފަސޭހަކަމާ އެކު ވިޔަފާރި ފުޅާ ކުރެވޭނެ ފުރުސަތު ފަހިކޮށްދީ، ހާއްސަކޮށް އެންމެ ކުދި ވިޔަފާރިތަކަށް އިތުރު މާކެޓުތައް ހުޅުވައިދީ، ވިޔަފާރިތަކަށް ފަހިވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ފަރުމާކުރުމުގެ މުހިންމު ކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޖަޒީރާ ގައުމުތަކަށް ރައީސް ގޮވައިލެއްވި ދެވަނަ ކަމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް މިހާރަށް ވުރެ ބާރުވެރިކުރުވުމެވެ.

އެކަމުގައި ވެސް އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މުޖުތަމައުގެ ބޭނުންތައް ސަރުކާރުތަކުން ނުފުއްދޭނެ މިންވަރަށް އަމިއްލަ ވިޔަފާރިތަކުން ފުއްދައިދެ އެވެ.

"އެހެންކަމުން، އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމުން، އަޅުގަނޑުމެންނަށް ވެރިކަން ކުރުމުގެ ގާބިލުކަން ވެސް ބާރުވެރިކުރުވޭ،" ރައީސް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކުގެ ބާރުވެރިކުރުމުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖަޒީރާ ރަށްތަކަށް ބެހިފައިވާ އަބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ތަރައްގީ ގެނައުމަށް މަގުފަހިވާނެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ގޮވާލެއްވީ ގުޅުންތައް ގާއިމުކޮށް، ތަޖުރިބާތައް ހިއްސާކުރެވޭނެ ޖާގަ ސަރުކާރުތަކުން ގާއިމުކޮށްދިނުމަށެވެ.

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު މިއަދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު މިއަދު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ގޮތެއްގައި އަތް ފޯރާ ފަށުގައި ފައިނޭންސިން ނުލިބުން ކަން ފާހަގަކުރައްވައި، އެ މަނިކުފާނު މިރޭ ވަނީ ދުރަށް ވިސްނައި، ޒިންމާދާރު ކަމާ އެކު ފައިނޭންސިން ހޯދޭނެ ދޮރު ހުޅުވައި ދިނުމަށް ބޭންކުތަކާއި މާލީ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.

"ފައިސާއަކީ ހުރަހަކަށްވުމުގެ ބަދަލުގައި، އެންމެންގެ ކުރިއެރުމަށް އެޅޭ ބްރިޖަކަށް ވާންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ކޮންފަރެންސަށް ކަނޑައަޅާފައިވާ އެޖެންޑާ ހާސިލުކުރެވޭނީ، ކުދި ޖަޒީރާ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ.

"އެންމެންނަށް ކުރިއެރުން ލިބޭނީ އަޅުގަނޑުމެން [ސަރުކާރުތަކުން] ކުރާ މަސައްކަތުގެ ހުންގާނު އަމިއްލަ ވިޔަފާރިތަކަށް ދީގެން."

ކޮންމެ 10 އަހަރަކުން ބާއްވާ ސިޑްސް ކޮންފަރެންސް އަކީ މި މަހުގެ 30 ނިޔަލަށް ކުރިއަށް ގެންދާ ހަތަރު ދުވަހުގެ އިވެންޓެކެވެ.

ބާބުޑާގައި މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލިނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ވެސް ރައީސް މުއިއްޒު އިއްވަވާނެ އެވެ. އަދި ރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދޭން އެދޭ ކަންކަމަށް އަލިއަޅުވާލައްވައި އެ މަނިކުފާނު ޖުމްލަ ހަތް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ.

އެ ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ ތިން ހަވާސާ ބައްދަލުވުން ވެސް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.