އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.
19 ސެޕްޓެމްބަރ 2024
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ ދިވެހި ތާރީހުގައި ވެސް އެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.
ބަންކަރިން ހިދުމަތް ފައްޓަވައި ދެއްވީ، ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ.
ރާއްޖެއިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަކީ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވިޔަސް މިއަދު އެކަން ހަގީގަތަކަށް ވީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ މިހާރު ވެސް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އެމްޓީ މެރިން ބެލާ، ކާގޯ ބޯޓާ ކައިރިކުރަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިއީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާ އެކު، ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުގެ ތެރޭގައި އެއްކޮށް މިލްކުވާ ގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެ ހިދުމަތް ކުރިއަށް ގެންދާނީ ދެ ވައްތަރެއްގެ ކާގޯއިން ކަމަށެވެ.
އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކައި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ވިޓޯލް އާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭ ސަރަހައްދުން ދާ ލަގްޒަރީ ބޯޓުތަކާއި ފައިދާ ބޮޑުވާނެ ވެސަލްތަކަށް ހިދުމަތް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، އޮފްޝޯކޮށް މި ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫން ކަމަށާއި އެ ސަރަހައްދުން ބިން ހިއްކައިގެން ރަނގަޅު ފިއުލް ފާމުތަކެއް އެޅުމުން މިކަން ފުރިހަމަ އަށް ކުރެވޭނެ ކަމަށެވެ.
އުތުރުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިންގެ ހިދުމަތުގެ ތެރެއިން ރާއްޖެއިން ދޭނެ އިތުރު ބައެއް ހިދުމަތްތަކަކީ:
- ކްރޫ ޗޭންޖް ނުވަތަ ފަޅުވެރިން ބަދަލުކުރުން.
- ޕްރޮވިޝަން އައި ޝިޕް ސްޓޯސް އަދި ސްޕެއަ ޕާޓްސް އާއި ރިޕެއާ.
- ސާފު ބޯފެން ފޯރުކޮށްދިނުން.
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ރައްޔިތުންގެ މަޖިލިހުގެ ހއ. އަތޮޅުގެ މެމްބަރުން މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްޕީއެލް އިން އަންނަނީ އެ ސަރަަހައްދުން ކުރިއަށް އޮތްތަނުގައި 14 ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުވަމުން ކަމަށެވެ.
އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ.
ސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
މުޅި ރާއްޖެއަށް މެރިޓައިމް ދާއިރާ ފުޅާކުރާނަން: ވަޖީހު
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ޕެނަމާގެ ބޯޓު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި
ވޯޓާ ބަންކަރިންގެ ހިދުމަތް ހޯދަން ޕެނަމާގެ ބޯޓެއް
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި