Roadha Mihaaru
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން

އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން!

21 ސެޕްޓެމްބަރ 2024

މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި އަސްވާން މުހައްމަދު ރާއްޖެ އައުމާ އެކު، ހައްޔަރުކުރި ނަމަވެސް ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުގައި ބަހައްޓަން ފުލުހުން އެދުނީ ގޯސްކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި އަސްވާން މުހައްމަދު ރާއްޖެ އައުމާ އެކު، ހައްޔަރުކުރި ނަމަވެސް ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުގައި ބަހައްޓަން ފުލުހުން އެދުނީ ގޯސްކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ޗީބޯ ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިންގި މާރާމާރީއަކާ ގުޅިގެން ލ. ގަމު، މުކުރިމަގު، މޫރިތި، އަސްވާން، 28 ގެ އިތުރު ދެ މީހަކު ހޯދަމުން އައީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގަ އެވެ.

އެ މައްސަލާގައި އަސްވާނާ އެކު، ދެން ހައްޔަރުކުރީ މ. މަސްކޮތަންގޭ މުހައްމަދު ސިބްޠު އަބްދުﷲ، 19 އާއި ހ. ދޮންތުނޑި، މުހައްމަދު އަހުސަމް، 26 އެވެ.

އެ މީހުން ރާއްޖެ އައީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓް ކޮށްލުމުންނެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިއުމުން އަސްވާން ބަންދުން ދޫކޮށް، ސިބްޠު އަބްދުﷲ އާއި އަހުސަން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.

އެ އަމުރުގައި ބުނީ، އެ މައްސަލާގައި އެންމެ ފުރަތަމަ އަސްވާން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ކަނޑައަޅައިދޭން މިދިޔަ އަހަރު ހުށަހެޅިއިރު، ތުހުމަތުވާ މައްސަލާގައި އޭނާގެ މައްޗަށް ހެކި ނެތިގެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އޭނާ ދޫކޮށްލީ ކަމަށެވެ.

އެކަމަކު، އެ އަމުރު އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، އަސްވާންގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފި ނަމަ ބަންދާ މެދު ގޮތެއް ކަނޑައަޅައިދޭން އަންގައިފަ އެވެ.

ނަމަވެސް. އެ އަމުރާ ގުޅިގެން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުށަހެޅުމަށް ބެލިއިރު އަސްވާން ހުރީ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށާއި އެހެންވެ، ބަންދުކުރަން ހުށަހަޅާފައި ނުވާ ކަމަށް އަމުރުގައި ވެ އެވެ. އަސްވާން ފުރައިގެން ދިއުމުން އޭރު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިއްޔެގެ އަމުރުގައި ބުނީ، އަސްވާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށްދޭން މި އަހަރުގެ ޖެނުއަރީ 30 ގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަން ބެލިއިރު އޭނާގެ އެޑްރެސް ސާފުވެފައި ނުވާ ކަމަށާއި އެޑްރެސް ސާފުކުރުމަށް ފަހު، އަލުން ހުށަހެޅުމަށް ޕީޖީ އޮފީހަށް މިދިޔަ މަހުގެ 20 ގައި އަންގާފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައި ބުނިގޮތުގައި މި ފަހަރު ވެސް އަސްވާން ބަންދުކޮށްދޭން ފުލުހުން އެދިފައި ވަނީ އެ މަރާމާރީއާ ގުޅިގެން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ފިލާފާނެތީ އެވެ.

އެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏަސް ދިފާއު އިން ފާހަގަކުރަނީ އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތް ކަނޑައަޅާ ނަމަ އެފަދަ ހުށަހެޅުމެއް ހުށަހަޅަން ވާނީ ޕީޖީން ކަމަށެވެ. ފިލައިގެން އުޅޭ ކަމުގެ ތުހުމަތުކުރާ ނަމަ ފުލުހުންނަށް ހުށަހެޅިދާނެ ކަމަށާއި ނަމަވެސް ބަންދާ މެދު ގޮތެއް ކަނޑައަޅާ ފޯމުގައި ހަވާލާދީފައިވާ ކުށްތަކަށް ބަލާއިރު ފިލުމުގެ ތުހުމަތު ނެތް ކަމަށް އަސްވާންގެ ދިފާއުގެ ގޮތުގައި ކޯޓުގައި ބުންޏެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާއާ ހަވާލާދީ ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ލިޔުންތައް ބަލައިގަނެފައިވާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި ދައުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅަން ޖެހޭނީ ޕީޖީން ކަމަށެވެ. އަސްވާންގެ މައްސަަލައަކީ ވެސް ޕީޖީ އޮފީހުން ބަލައިގަނެ، ކޯޓުން ދައުވާ އުފުލާފައިވާ މައްސަލަކަށް ވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ފުލުހުން ހުށަހަޅާފައި ވަނީ އެ މާއްދާއާ ހިލާފަށް ކަމަށް އަމުރުގައި ވެ އެވެ.