Roadha Mihaaru
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ

ފުލުހުންނާ ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ބޮޑުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ޕީޖީ

22 ސެޕްޓެމްބަރ 2024

ފުލުހުންނާ އެކުގައި ކުރާ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ބޮޑުކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފުލުހުންނާ އެކުގައި ކުރާ މަސައްކަތުން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ބޮޑުކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި މަގާމަށް އައްޔަންކުރި އައްބާސް އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

ބައްދަލުވުމަށް ފަހު އެކްސްގައި އައްބާސް ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އެ އޮފީހުގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި އެ ދެ އިދާރާ ގުޅިގެން ކުރާ މަސައްކަތުން ޖިނާއީ އަދުލުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުކުރެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި ބައްދަލުވުމުގައި ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕީޖީ އޮފީހުން ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ޕީޖީ ދެއްވާފައިވާ ކަމަށެވެ.

އަދި، މައްސަލަތަކުގެ ތަހުގީގު ނިމުމަށް ފަހު ދައުވާ ކުރަން ފޮނުވާ ސްޕީޑު އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަން ޕީޖީ އައްބާސް ހާމަކުރެއްވި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެ އޮފީހުން ބުނީ ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށެވެ.

ޕީޖީ ވަނީ މަގާމަށް އައްޔަން ކުރެއްވުމާ އެކު އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ ވެސް ބައްދަލުކުރައްވައިފަ އެވެ.