Roadha Mihaaru
"ފުލުހުންގެ މަސައްކަތުގެ ނަތީޖާ ނުފެންނަނީ ނިޒާމާހެދި"

ފުލުހުންގެ މަސައްކަތްތައް ގިނަ، ނަތީޖާ ނުފެންނަނީ ނިޒާމުގެ މައްސަލަތަކުން: ސީޕީ

02 ޖުލައި 2024

މުޖުތަމައުގެ ހުރި ގިނަ މައްސަލަތައް ހައްލު ކުރަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާ ނުފެންނަނީ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މުޖުތަމައުގެ ހުރި ގިނަ މައްސަލަތައް ހައްލު ކުރަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާ ނުފެންނަނީ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ބެލި ކަމުގައި ވިޔަސް މުޅި މައްސަލަ ހައްލު ކުރެވެން އޮތީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން މަސައްކަތް ކޮށްގެން ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކޮންމެ މައްސަލައަކަށް ވެސް އެންމެ ފުރަތަމަ އެޓެންޑު ކުރާ ބަޔަކީ ފުލުހުން ކަމަށްވާތީ ފުލުހުންގެ ޒިންމާ ވެސް ބޮޑު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ނިޒާމުގެ ތެރޭގައި ދެން ހުރި މުއައްސަސާތަކުގެ ޒިންމާ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މާލޭގައި ވައްކަން ކުރާ މީހުންގެ ކިތައް މައްސަލަތޯ ޕީޖީގައި އޮތީ. ކިތައް މައްސަލަ ތޯ ކޯޓުގައި އޮތީ. ކޯޓުން ހުކުމް ކޮށްފައި ތިބި މީހުން މިހާރު ކޮބައިތޯ. މި ހުރިހާ ކަމަކަށް ހައްލެއް އައިސްގެން ނޫނީ ކިތަންމެ ވަރަކަށް އަޅުގަނޑުމެން މި ވާހަކަ ދެއްކިޔަސް ހައްލެއް ނާންނާނެ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލައި ގާނޫނުތައް އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ޓްރެފިކް މައްސަލައަށް ބެލި ކަމުގައި ވިޔަސް ފެންނަން އޮތީ ފުލުހުން މަސައްކަތް ކުރި ނަމަވެސް ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކުގެ ސަބަބުން ހައްލު ނާންނަ މަންޒަރު ކަމަށެވެ.

މި ވޭތުވެދިޔަ 10 އަހަރު ވެސް ފުލުހުންނަށް ގާނޫނު ތަންފީޒު ކުރުމުގައި ހުރި ވާހަކަތައް ތަކުރާރުކޮށް ދައްކާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެއްވެސް ތަނަކުން ވެހިކަލްތަކުގެ އުމުރެއް ކަނޑައަޅައިދިނީކީ ނޫން. މާލޭގައި މިއޮތް ކުޑަ ތަންކޮޅުގައި ވެހިކަލްތައް ރެޖިސްޓްރީ ކުރެވޭނެ އަދަދެއް ކަނޑައަޅައިދިނީކީ ނޫން. މިހާރު ވެސް އަޅުގަނޑުގެ އައިޑީކާޑެއް އޮވެއްޖެ ކަމަށް ވެއްޖެއްޔާ މިވަގުތު މާލޭގައި ސައިކަލު ވިއްކާ ކޮންމެ ތަނަކުން އަޅުގަނޑަށް ސައިކަލެއް ލިބޭ. އެއް ހާސް ރުފިޔާއާ އާ އައިޑީ ކާޑަކާ ދިނީމަ،" ޝުޖާއު ވިދާޅުވި އެވެ.

ކޮންމެ ރެއަކު ފުލުހުން ނިކުމެ ނުގަވައިދުން ހުންނަ ވެހިކަލްތައް ޓޯ ކުރަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ ވެސް އެފްއޭއެމްގެ ދަނޑެއް ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންނަކީ ޕޮލިސީ ކަނޑައަޅަން ތިބޭ ބައެއް ނޫން ކަމަށާއި އެއީ ތަންފީޒު ކުރަން ތިބޭ ބައެއް ކަމަށެވެ. މި ކަންކަމަށް ގާނޫނުތައް ނެހެދެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ފުލުހުން ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރާނަން. ފުލުހުން އެތެރެއަކު ނުތިބޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ދިމާލަކުން ކުރަން ޖެހޭ މަސައްކަތްކޮށް، ގުޅިގެން މިކަން ހައްލު ކުރުމަށް ފަސޭހަ ނިޒާމެއް ގާއިމް ކޮށްގެން ނޫނީ މި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.