Roadha Mihaaru
ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ

ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ

26 ސެޕްޓެމްބަރ 2024

ފުރަތަމަ ޓާމު ޗުއްޓީއަށް މިއަދުން ފެށިގެން ހަފުތާއަކަށް ސްކޫލްތައް ބަންދުވި އިރު މުޅި ރާއްޖެއަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުރަތަމަ ޓާމު ޗުއްޓީއަށް މިއަދުން ފެށިގެން ހަފުތާއަކަށް ސްކޫލްތައް ބަންދުވި އިރު މުޅި ރާއްޖެއަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މާލެއަށް މިއަދު މެންދުރާ ހަމައަށް އެކި ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، މާދަމާ މެންދުރު ފަހުން ފެށިގެން ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

"އަންނަ ހަފުތާގައި އެކި ގަޑިތަކުގައި ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ކެރީގެ އަސަރު އެންމެ ބޮޑަށް ކުރާ ކަމަށް ރެކޯޑުތަކުން ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ.

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މިދިޔަ މެއި މަހު ލަފާކޮށްފަ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވެ އެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުންނެވެ.

މިދިޔަ މަހު ވަނީ މާލެއަށް އާދަޔާ ހިލާފަށް ވާރޭވެހިފަ އެވެ.