Roadha Mihaaru
އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަމަށް ބުނެފި

ޓްރަމްޕުގެ އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަން ފަޅާ އަރައިފި

02 މާޗް 2017

ވޮޝިންޓަން (މާޗް 2) - ޓްރަމްޕުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރަޝިޔާ ސަފީރާ ބައްދަލުކުރި ކަމަށް ސަރުކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 2) - ޓްރަމްޕުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރަޝިޔާ ސަފީރާ ބައްދަލުކުރި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ސެޝަންސް އަކީ އެމެރިކާގެ ސެނެޓަރެކެވެ. އެޓާނީ ޖެނެރަލްގެ މަގާމު ކަށަވަރު ކުރުމުގެ ކުރިން ސެނެޓުގައި ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި ރަޝިޔާގެ އޮފިޝަލުންނާ ގުޅުން ބޭއްވިކަމަށް ސެޝަންސް ވިދާޅުވެފައެއް ނުވެ އެވެ. ޓްރަމްޕުގެ ކެމްޕޭން ޓީމުގެ އެއްވެސް މެންބަރަކު ރަޝިޔާއާ ގުޅުން ބޭއްވިކަން ހެއްކާ އެކު ފަޅާއަރައިފި ނަމަ ކަންތައް ކުރައްވާނީ ކޮން ގޮތަކަށްތޯ ޝެޝަންއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ "އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ އަށް ނޭނގޭ" ކަމަށެވެ.

ކެމްޕޭނުގެ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާގެ އޮފިޝަލުންނާ ބައްދަލުކޮށްފައި ނުވާ ކަމަށް ސެޝަންސް އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ތުހުމަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ހައުސްގެ ޑިމޮކްރެޓިކް މައިނޮރިޓީ ލީޑަރު ނެންސީ ޕެލޮސީ ވިދާޅުވީ "ހުވާގެ މަތީގައި ހުރެ ސެޝަންސް އިތުރުފުޅު ހައްދަވަނީ ކަމަށާއި" އެހެންވެ އޭނާ އިސްތިއުފާ ދިނުމަށް ވަނީ ގޮވާލައްވައިފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެހެން ބައެއް މެންބަރުން ވެސް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އެފްބީއައި އިން މިހާރު ކުރާ ތަހުގީގުން ސެޝަންސް އެއްފަރާތް ކުރުމަށް ގޮވާލައިފަ އެވެ.

ރަޝިޔާ އިން އެމެރިކާ އަށް ކަނޑައަޅާފައިވާ ސަފީރު. --ފޮޓޯ:އޭޕީ

ރަޝިޔާ އިން އެމެރިކާ އަށް ކަނޑައަޅާފައިވާ ސަފީރު. --ފޮޓޯ:އޭޕީ

ރަޝިޔާގެ ސަފީރާ ސެޝަންސް ބައްދަލުކުރިކަން ފަޅާއަރާފައި މި ވަނީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ބަލަން ކޮންގްރެސްގެ އިންޓެލިޖެންސް ކޮމިޓީން އެއްބަސްވެފައި ވަނިކޮށެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ރަޝިޔާ ސަފީރު ސާގީ ކިސްލިޔަކްއާ ސެޝަންސް ބައްދަލުކޮށްފައި ވަނީ ސެނެޓުގެ އާމްޑް ސާވިސަސްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ގާތްގަނޑަކަށް 25 ސަފީރުންނާ އަހަރު ދުވަހު ތެރޭ ބައްދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ ސެޝަންސް ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުން އަރާ ކަމެއް ނެތް ކަމަށެވެ.

"ސެޝަންސްއާ ސެނެޓުން ސުވާލުކޮށްފައި ވަނީ ޓްރަމްޕުގެ ކެމްޕޭން ތެރޭގައި ރަޝިޔާއާ އެއްވެސް މުއާމަލާތެއް ކުރިތޯ؟ ސެނޭޓަރެއްގެ ހައިސިއްޔަތުން ސަފީރުންނާ ބައްދަލުކުރިންތޯ ސުވާލުކޮށްފައެއް ނުވޭ،" ތަރުޖަމާން ވިދާޅުވި އެވެ.

ރަޝިޔާއާ ދެކޮޅަށް ރައީސް އޮބާމާގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރަޝިޔާއާ ސަފީރާ އެކު މަޝްވަރާކުރިކަން ފަޅާ އެރުމާ ގުޅިގެން ޓްރަމްޕުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލައިން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވެސް ކުރިން ވިދާޅުވެފައި ވަނީ ރަޝިޔާގެ އޮފިޝަލުންނާ ގުޅުމެއް ނުބާއްވާ ކަމަށެވެ. ރަޝިޔާގެ އޮފިޝަލުންނާ މުއާމަލާތް ކުރި އިރު ފްލައިން އަކީ އެމެރިކާ ސަރުކާރުގައި ހިމެނޭ މީހެއް ނޫނެވެ. އަމިއްލަ ހައިސިއްޔަތުން ޑިޕްލޮމެޓިކް މަސައްކަތް ކުރުމަކީ އެމެރިކާގައި މަނާ ކަމެކެވެ.