Roadha Mihaaru
ޓްވިޓާ އިން ޓްރަމްޕް ބްލޮކްކޮށްފާނެ

އިންތިހާބުގެ ނަތީޖާ އަށް ފަހު ޓްރަމްޕް ޓްވިޓާ އިން ބްލޮކްކޮށްފާނެ

06 ނޮވެމްބަރ 2020

އެމެރިކާގެ ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރެވުމާ އެކު ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބްލޮކްކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރެވުމާ އެކު ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބްލޮކްކޮށްފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ އިއުލާނު ނުކުރެވި ދިގުލައިގެން ދިޔަ ނަމަވެސް އިންތިހާބު ކާމިޔާބުރެއްވުމުގެ ފުރުސަތު ބޮޑީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އެވެ.

ނަމަވެސް ތަކުރާރުކޮށް ޓްރަމްޕް ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި "އިންތިހާބު ވަގަށް ނަގަން މަސައްކަތްކުރާ" ކަމަށް ވިދާޅުވެ ފުލުފުލުގައި ޓްވީޓްތައް ކުރައްވަމުންނެވެ. އަދި އޭނާ ކުރައްވަމުން ގެންދަވާ ޓްވީޓްތަކުން ގޯސް މައުލޫމާތު ފަތުރާތީ އެއީ ޓްވިޓާގެ އުސޫލުތަކާ ހިލާފުވާތީ، އިންތިހާބު ނިންމައިލި ދުވަހުން ފެށިގެން ޓްރަމްޕް ކުރެއްވި ގިނަ ޓްވީޓައް ވެސް ހުރީ ސީދާކޮށް ނުފެންނަ ގޮތަށް ޓްވިޓާ އިން ފްލެގްކޮށްފަ އެވެ. ކުރިން ވެސް ޓްރަމްޕްގެ ޓްވީޓްތަކަށް ޓްވިޓާ އަށް މިފަދަ ފިޔަވަޅު އަޅަން މަޖުބޫރުވެފައިވެ އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ ޑިމޮކްރެޓިކް ޕާޓީގެ އިސް ވެރިން ވެސް ގެންދަވަނީ ވަނީ ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބްލޮކްކުރުމަށް ޓްވިޓާ އަށް ގޮވައިލަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްވިޓާ އިން ޓްރަމްޕްގެ އެކައުންޓާ މެދު ގޮތެއް ނުނިންމައި މަޑުކުރަނީ އޭނާ އަކީ އަދި އެމެރިކާގެ ރައީސް ކަމަށްވާތީ އެވެ.

އެކަމަކު އިންތިހާބުގެ ރަސްމީ ނަތީޖާ ކަށަވަރުވިހާ އަވަހަކަށް ޓްރަމްޕްގެ އެކައުންޓް، ޖެކް ޑޯޒީގެ ޓްވިޓާ އިން ބްލޮކްކުރާނެ އެވެ.

ޓްވިޓާ އިން ޓްރަމްޕް ފޮލޯކުރާ މީހުންގެ އަދަދު 88 މިލިއަނަށް ވުރެ ގިނަ އެވެ. އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމަށް 2016 ގައި ވަޑައިގެންނެވި ފަހުން ޓްރަމްޕަކީ ޓްވިޓާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. މިކަމާ ހެދި ބައެއް މީހުން އޭނާ ސިފަކުރަނީ ޓްވިޓާގައި ވެރިކަން ކުރައްވާ މީހެއްގެ ގޮތުގަ އެވެ.