Roadha Mihaaru
ކަސްޓަމަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި

މުވައްޒަފެއްގެ އިހުމާލުން ކަސްޓަމަރަކަށް މާލީ ގެއްލުމެއް ނުލިބޭނެ: ބީއެމްއެލް

30 ސެޕްޓެމްބަރ 2024

އެ ބޭންކުގެ މުވައްޒަފެއްގެ އިހުމާލުގެ ސަބަބުން ހިނގާ އަމަލެއްގެ ސަބަބުން، އެއްވެސް ކަސްޓަރަކަށް އޭގެ ގެއްލުމުގެ އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ދީފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެ ބޭންކުގެ މުވައްޒަފެއްގެ އިހުމާލުގެ ސަބަބުން ހިނގާ އަމަލެއްގެ ސަބަބުން، އެއްވެސް ކަސްޓަރަކަށް އޭގެ ގެއްލުމުގެ އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ދީފި އެވެ.

ބީއެމްއެލް އިން އެހެން ބުނީ، އެ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގިކަން ބީއެމްއެލްގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ސާބިތުވެ، އޭނާ 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ބީއެމްއެލް އިން ބުނީ، އެ މައްސަލަ ބޭންކަށް ފާހަގަވުމާ އެކު، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެ މުވައްޒަފު ވަޒީފާ އިން ވަކިކުރި ކަމަށެވެ.

"މި މުވައްޒަފު ވަނީ ބޭންކުގެ ޕޮލިސީ ޕްރޮސީޖާއާ ހިލާފަށް އަމަލުކޮށް، ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގާ އަމިއްލަ އަށް ބޭނުންކޮށްފަ އެވެ. އަދި މި މައްސަލައިގައި ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ބޭންކުން ވާނީ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފަ އެވެ." ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެ ބޭންކުގެ އެތެރޭގައި މުވައްޒަފުން އަމަލުކުރާނެ ހަރުދަނާ އުސޫލުތަކާއި ގަވާއިދުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފި ނަމަ ވަގުތުން ބޭންކުގައި ލޮގްކޮށް، އިންޓާނަލް ކޮންޓްރޯލްތަކުން އެކަން ދެނެގަނެވޭނެ ކަމަށް ބުންޏެވެ.

އެއްވެސް މުވައްޒަފަކު މިގޮތަށް ގަވާއިދާ ހިލާފަށް އަމަލެއް ކުރާކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކަމެއް ތަހުގީގުކޮށް އަަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނީ އެ ބޭންކުގެ މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނެގި މައްސަލާގައި ދައުލަތުން ދައުވާކުރީ ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާކުރީ ސެޕްޓެމްބަރު 2012 ގައި އިން ފެށިގެން އޮކްޓޯބަރު، 2021 އާ ހަމައަށް ބީއެމްއެލްގައި ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ މައުލޫމާތު ސީއާރުއެމް ސިސްޓަމުން ބަދަލުކޮށް، ކަސްޓަމަރުގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި ރަޖިސްޓަރީކޮށް، އެ އެކައުންޓްތަކުން 482،000 އަށް ވުރެ ގިނަ ރުފިޔާ މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓްތަކާއި ފޮރެކްސް ޓްރާންސްއެކްޝަންތައް ހިންގުމަށް ބޭނުން ކޮށްފައިވާތީ އެވެ.