Roadha Mihaaru
އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއިން ހިފަހައްޓަނީ

އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއަށް އަނބުރާ ވައްދަން ފަށަނީ

01 އޮކްޓޯބަރ 2024

ވޭތުވެދިޔަ ހަތަރު އަހަރު އިތުރަށް ޗާޕުކުރި ފައިސާތައް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އަނބުރާ ވެއްދުމަށްޓަކައި އަންނަ މަހު އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ހަތަރު އަހަރު އިތުރަށް ޗާޕުކުރި ފައިސާތައް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އަނބުރާ ވެއްދުމަށްޓަކައި އަންނަ މަހު އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ އެކަމުގެ މަސައްކަތްތައް ކުރަން އެމްއެމްއޭގެ ބޯޑުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ބޭނުމަކީ އިގްތިސާދުގައި ދައުރުވާ "އެކްސެސް މަނީ" މަދުކުރުން ކަމަށެވެ.

"އޭގެ ވެސް ސަރުކާރަށް ދަތިތަކެއް ވާނެ. ޕްރެޝާއެއް އަންނާނެ އެބޭފުޅުންގެ ކޭޝް ފްލޯ މެނޭޖް ކުރުމުގައި. މޮނިޓަރީ ޕޮލިސީ ޓައިޓަން ކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަނީ. ހަ ބިލިއަން، ފަސް ބިލިއަން ރުފިޔާ މަޑު މަޑުން މި ހިފަހައްޓަނީ. އެއްފަހަރަކާ ނޫން،" އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށް، އިގްތިސާދުގައި ދައުރުކުރި އެވެ.

އެ ފައިސާ ޗާޕު ކުރީ ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން އަހަރަކު 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިގެންނެވެ.

ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ އަދި ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު އިތުރުވުމުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރެ އެވެ.