Roadha Mihaaru
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"

ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވުމުން: މުނައްވަރު

29 ޖުލައި 2024

ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް އެންމެ ފުރަތަމަ ޖެހޭނީ ބޭންކިން ދާއިރާ ފުޅާކޮށް، އިނާޔަތްތައް ތައާރަފު ކުރަން ކަމަށް އެމްއެމްއޭގެ އާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް އެންމެ ފުރަތަމަ ޖެހޭނީ ބޭންކިން ދާއިރާ ފުޅާކޮށް، އިނާޔަތްތައް ތައާރަފު ކުރަން ކަމަށް އެމްއެމްއޭގެ އާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ހާޝިމް އެ މަގާމުން މިދިޔަ ހަފުތާގައި ވަކިކުރައްވައި އަލުން މަގާމަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މުނައްވަރު ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން މުނައްވަރުގެ ނަން ވަނީ ފޮނުއްވައިފަ އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމު ވެސް މިހާރު ފުރުއްވާ މުނައްވަރާ އިންޓަވިއު ކުރައްވައިފަ އެވެ.

މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކަކުން ރިސޯޓެއް ތަރައްގީ ކުރެވޭ ވަރަށް ފައިސާ ދެވެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކު މި ވަގުތު އެކަން އެގޮތައް ނުކުރެވެނީ ބޭންކިން ދާއިރާގައި އެ ގާބިލްކަން ނެތުމުން ކަމަށެވެ.

މުނައްވަރު ވިދާޅުވީ، ފޮރިން އެކްސްޗޭންޖް މާކެޓުގައި ސްޓްރަކްޗަރަލް މައްސަލަތަކުގެ އިތުރުން އިގްތިސާދީ ހަމަތަކެއް ވެސް ނުހިފެހެއްޓި އެބަހުރި ކަމަށެވެ. މި ހަމަތައް ރުޖޫއަ ކޮށްގެން ނޫން ގޮތަކަށް ބޭރު ފައިސާގެ ކަންތައް ހައްލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަގީގަތުގައި އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގައެއް ނެތް ރިސޯޓެއް ހަދާނެ ފައިސާއެއް ވެސް، އެންމެ ރިސޯޓެއް ހަދަން ވެސް،" މުނައްވަރު

މުނައްވަރު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓުތަކަށް ބިނާވެފައިވާ ގައުމެއް ކަމަށް ވާތީ، ގެންނަން ޖެހޭ ބަދަލެއް ގެންނަން ވާނީ އެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ވާހަކަ ދައްކައިގެން، މުޅި ދާއިރާ އަށް ވެސް ގެންލުން ނުވާނެ ކަންކަމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ވަރަށް ހަރުކަށި އުސޫލުތަކެއް ހަދަން، ރާއްޖޭގައި އެކަން ކުރުމުގެ ބަދަލުގައި އިންސެންޓިވައިޒް ނުވަތަ އިންވެސްޓަރުންނަށް އިތުރު އިނާޔަތްތަކެއް ނުވަތަ އެ ބޭފުޅުން ޝައުގުވެރި ކުރުވާނެ ގޮތްތަކެއް ހެދުން [މުހިންމީ]،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، ބޭންކުތަކުން ރަނގަޅު ހިދުމަތްތަކެއް ދެވޭ ނަމަ، އިންވެސްޓަރުން ވެސް ރާއްޖޭގެ ބޭންކްތަކުގައި ފައިސާ ބަހައްޓަން ބޭނުން ވާނެ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގައެއް ނެތް ރިސޯޓެއް ހަދާނެ ފައިސާއެއް ވެސް، އެންމެ ރިސޯޓެއް ހަދަން ވެސް،" އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ދާއިރާގެ ޖުމްލަ އެސެޓު އުޅެނީ ހަ ބިލިއަން ޑޮލަރުގައި ކަމަށާއި ކޮންމެ އަހަރަކު ޓޫރިޒަމް ދާއިރާ އަށް ހަތަރު ބިލިއަން ރުފިޔާ ވަރު ވަންނަ ކަމަށެވެ. އެހެންވީމާ މިއީ ދެކޮޅު ޖެހޭ އަދަދުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ބޭންކުތަކުގައި ބަހައްޓަން މަޖުބޫރު ކުރުމުގެ ބަދަލުގައި ޖެހޭނީ، ބޭންކިން ސެކްޓާ އިން ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކާއި ފައިދާތަކެއް ލިބޭނެ ގޮތަކަށް ބައްޓަން ކުރާށެވެ.

މިދިޔަ ފަސް އަހަރު ފައިސާ ޗާޕު ކުރަން ނުޖެހޭ ވަރަށް ފައިސާ ޗާޕުކޮށްފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ސިސްޓަމުގެ ތެރޭގައި 8 ބިލިއަން ރުފިޔާ އެބަ ދައުރުވާ ކަމަށާއި އެ މައްސަލަ މިހާރު މި އޮތީ ހައްލުކުރެވިފައި ކަމަށް ވިދާޅުވި އެވެ.