Roadha Mihaaru
ސުމަކުން ފަށައިގެން ކުރިއަށް، ނަޒީ މީ ކެތްތެރި ކޯޗެއް

ސުމަކުން ފަށައިގެންގޮސް ބޮންތިއަށް، ނަޒީ މިއީ ކެތްތެރި ކޯޗެއް!

02 އޮކްޓޯބަރ 2024

މިވަގުތު ރާއްޖޭގެ ބާސްކެޓްބޯޅައިގައި ރެޑްވިންގްސް ވަރުގެ ޓީމެއް ނެތެވެ. ހޯމަ ދުވަހުގެ ރޭ ނިމުނު، ބާސްކެޓްބޯޅައިގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލާ ހަމައަށް އެ ކްލަބް ދަތުރު ކުރީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ އެހެން ހުރިހާ ޓީމެއް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިވަގުތު ރާއްޖޭގެ ބާސްކެޓްބޯޅައިގައި ރެޑްވިންގްސް ވަރުގެ ޓީމެއް ނެތެވެ. ހޯމަ ދުވަހުގެ ރޭ ނިމުނު، ބާސްކެޓްބޯޅައިގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލާ ހަމައަށް އެ ކްލަބް ދަތުރު ކުރީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ އެހެން ހުރިހާ ޓީމެއް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ފައިނަލުގައި ލަންކާގެ އީގަލްސް އަތުން ބަލިވި ނަމަވެސް ވަރުގަދަ ކުޅުމެއް ދެއްކި އެވެ. ތަށި ގެއްލުމުން މާޔޫސްވިޔަސް ގިނަ އަހަރުތަކެއް ވަންދެން އެ ޓީމުގެ ކޯޗު އަހްމަދު ނަޒީފް (ނަޒީ) ކުރި މަސައްކަތުގައި ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ރެޑްވިންގްސްއަކީ، ރާއްޖޭގެ ބާސްކެޓްގައި ނިސްބަތުން އެންމެ ޒުވާން ޓީމެވެ. ޓީމުގެ އެވްރެޖް އުމުރަކީ 22 އަހަރެވެ.

"ލޯކަލް ކުޅުންތެރިންގެ ތެރެއިން އަޅުގަނޑުމެންގެ ޓީމުގެ އެންމެ ދޮށީ ކުޅުންތެރިޔާގެ އުމުރަކީ 24 އަހަރު،" ނަޒީފް ބުންޏެވެ.

އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނާ އޭނާ ފުރަތަމަ ބައްދަލުވި އިރު، އެ ކުޅުންތެރިންގެ އުމުރަކީ 13 އަހަރެވެ. ގާތްގަނޑަކަށް ހަމަ އެ އުމުރުގެ ކުޅުންތެރިންތަކެއް އެއްކޮށްލައިގެން ޓީމެއްގެ ގޮތުގައި ދަމަހައްޓަމުން، މުބާރާތްތައް ކުޅެމުން އައިސް ރާއްޖޭގެ އެންމެ މަތީ ހަރުފަތަށް އޭނާ އަށް އެރުނީ 12 އަހަރުވަންދެން ކުރި މަސައްކަތުންނެވެ.

ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު ނަޒީ ބުނީ އެ މަސައްކަތުގައި އެތައް ފަހަރަކު އޭނާ އަރިއަޅާލި ކަމަށެވެ. މުބާރާތަކުން ހާސިލުކުރަން ބޭނުންވާ އަމާޒު ހާސިލު ނުވެ ކިތަންމެ މުބާރާތެއް އެ ކުޅުންތެރިންނާ އެކު އޭނާ ނިންމާލި އެވެ.

"އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ މިކަން ނުވާނެޔެކޭ،" ނަޒީ ބުންޏެވެ.

"އަބަދުވެސް ހިތަށް އަރަނީ ކީޕް ގޮއިން. ކީޕް ގޮއިން. ފައިޓް ފޯ އިޓްއޭ."

އެހާ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ކުރިއަށްދިޔަ އިރު ނާކާމިޔާބުވުމުން ދެން ހަދަނީ ކިހިނެއް ހެއްޔެވެ؟

"ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކުޅުންތެރިންގެ މޯޓިވޭޝަން ގެއްލުނަ ނުދީ ހިފަހައްޓަން. އެކަހަލަ ސިޓުއޭޝަންތަކުގައި ވަރަށް ބޮޑަށް ފޯކަސް ކުރަން އެކަމަށް،" އަންހެން ބާސްކެޓްބޯޅަ އަށް ހާއްސަ ސައިކްލޯން ވެސް ހިންގާ ނަޒީ ބުންޏެވެ.

"އެހާލަތުގައި އަޅުގަނޑު ކުޅުންތެރިންގެ ގާތު ބުނަން ކޯޗުގެ ލޮލުން ތި ކުދިން މިއަށްބަލާށޭ. ކޯޗަށް އެބަފެނެޔޭ މިއަށް އިމްޕްރޫވްމަންޓް އަންނަތަން."

ނަޒީފް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ނަޒީފް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ބެލީ ކުޅުންތެރިންގެ ބޮލަށް އެ ވިސްނުން ވައްދައި ދެވޭތޯ އެވެ. ކޮންމެ އަހަރަކުން ޓީމަށް ބޮޑު ބަދަލެއް ނުގެނެސް އެއްގޮތެއްގައި ދަމަހައްޓަމުން ދިޔައިރު، އެންމެ ފުރަތަމަ އެ ޓީމު އޮތީ އާދައިގެ ފެންވަރެއްގަ އެވެ. ބާސްކެޓްގެ ހެވީ ވެއިޓް ނަންތަކެއް ނަޒީގެ ރެޑްވިންގްސްގައި އޭރަކު ނެތެވެ. މަޝްހޫރު ކުޅުންތެރިން ގެނެސް ރެޑްވިންގްސްގެ ތެރެއަށް ވެއްދުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށް ނަޒީ ބުންޏެވެ.

"ސަބަބަކީ އަޅުގަނޑަކީ އަބަދުވެސް ސްކްރެޗުން ފަށައިގެން ކަންތައްތައްކުރަން ބޭނުންވާ މީހެއް. ކޯޗިންގައި ވެސް އޭތި އެޕްލައި ކުރަން ބޭނުންވީ،" ނަޒީ ބުންޏެވެ.

އެކަމަކު އަރާގޮތަށް އަރައި ބޮންތީގައި ހިފަން ބޭނުންވާ މީހަކަށް އެ ކެތްތެރިކަމުގައި އެހާ ގިނަ ދުވަހު ދެމިހުންނަން އުނދަގޫ ވެދާނެ އެވެ. އަހަރުތަކެއް ވަންދެން އެއްގޮތެއްގައި ޓީމު ބާއްވައިގެން ރާއްޖޭގެ އެންމެ އުހަށްދެވުނީ "ވަރަށް ކެތްތެރިކަމާ އެކު ހުރެގެން" ކަމަށް ނަޒީފް ބުންޏެވެ.

ނަޒީ، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ

ނަޒީ، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ

އެ ކެތްތެރިކަމުގައި އޭނާ އަށް ދެމިހުރެވުނީ ނަޒީފް ބުނާ ގޮތުގައި އޭނާގެ މަންމަ ސާރާ އަލީގެ ވަރަށް ބޮޑު ހިތްވަރުންނެވެ.

"ނަޒީ ކުޅުނު އިރު ވެސް މަންމަ އަބަދުވެސް އަހާނެ މެޗު ނިމުނީމަ ވާނުވާ. މިހާރު ކޯޗިންގައި އުޅޭތީ މެޗު ނިމުނީމަ ގުޅާފަ ވެސް ބަލާނެ ކިހިނެތް ތޯ ވީ. ހަގީގަތުގައި ވެސް އިހުސާސް ވޭ ނަޒީއަށް މިކަން ވާން މަންމަ ބޭނުންވާ ވަރު،" ފެންކަޅިވެފައި ހުރެ ނަޒީ ބުންޏެވެ.

"މަންމަގެ އެ ހިތްވަރު ފެނުނީމަ އަޅުގަނޑަށް ވެސް ދަސްވަނީ މި ކެތްތެރިކަމުގައި ހުންނަން. މަންމަ އަދި ވައިފް ފަހަތުގައި ހުންނާތީ ކެތްތެރިކަމާ އެކު މި މަސައްކަތް ކުރަން އާދަވެފައި މި ހުރީ ވެސް."

އަންހެން ބާސްކެޓްގައި ޑޮމިނޭޓް ކުރި ސައިކްލޯންގެ ޓީމުގައި މިހާރު ކުރީގެ ބާރެއް ނެތެވެ. ނަޒީ ބުނީ ސައިކްލޯން އަލުން ބިނާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ދެ އަހަރެއްގެ ތެރޭގައި ވާދަވެރި ޓީމަކަށް އެ ކްލަބް ހެދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.