Roadha Mihaaru
އާއިލީ ކުޅިވަރު މިހާރު ދިރުވަނީ ޒައިދާން

އާއިލީ ކުޅިވަރު މިހާރު ދިރުވަނީ ޒައިދާން

12 އޮކްޓޯބަރ 2024

ދިވެހި ކުޅިވަރުގެ ބައްޕަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މުހައްމަދު ޒާހިރު ނަސީރު ހިންގެވި ބާސްކެޓްބޯޅަ ކްލާހުގައި އެ ދުވަސްވަރު އެންމެ ހިނގާ އެއް ނަމަކީ އާސްތާނާ ޝަކޫރުގެ ނަމެވެ. ބާސްކެޓްގެ އޭރުގެ އެންމެ ވިދުންގަދަ ތަރިއަކީ ވެސް ކުރީގެ އަދަބީ ލިޔުންތެރިޔާ އާސްތާނާ އަބްދުއްޝަކޫރު އަލީ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ކުޅިވަރުގެ ބައްޕަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މުހައްމަދު ޒާހިރު ނަސީރު ހިންގެވި ބާސްކެޓްބޯޅަ ކްލާހުގައި އެ ދުވަސްވަރު އެންމެ ހިނގާ އެއް ނަމަކީ އާސްތާނާ ޝަކޫރުގެ ނަމެވެ. ބާސްކެޓްގެ އޭރުގެ އެންމެ ވިދުންގަދަ ތަރިއަކީ ވެސް ކުރީގެ އަދަބީ ލިޔުންތެރިޔާ އާސްތާނާ އަބްދުއްޝަކޫރު އަލީ އެވެ.

މިއަދު އަހަރެމެންނަށް ބާސްކެޓް ކޯޓުން މި ފެންނަނީ އާސްތާނާ ޝަކޫރުގެ ކާފަ ދަރިފުޅު އެ ކުޅިވަރުގައި އެ މަގުން ކުރިއަށް ދާ ތަނެވެ. ކާފަގެ ނަސޭހަތުގައި ހިފައިގެންނެވެ.

މިހާރުގެ ބާސްކެޓް ތަރި އަދި ކޯޓުގައި އެތައް ބައެއްގެ ލޮލުގައި އަޅައިގެންފައިވާ ޒައިދާން އާތިފް ޝަކޫރަށް ކާފަ ދިން ނަސޭހަތަކީ މޮޅު މީހަކަށް ވާން ބޭނުން ނަމަ މޮޅަށް ކިޔެވުމަށެވެ. ރަނގަޅު ވަޒީފާއެއް ހޯދަން ބޭނުން ވިޔަސް ވެސް މޮޅަށް ކިޔެވުން ނޫން ގޮތެއް ނެތެވެ.

އެކަމަކު، އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަދި އެ ދާއިރާ އިން މިހާރު ގިނަ ލިޔުންތަކެއް ލިޔުއްވާ އިބްރާހިމް އާތިފް ޝަކޫރުގެ ދަރިފުޅު ޒައިދާން ޒުވާން ޖީލަށް ވިސްނައި ދޭން ބޭނުމީ މޮޅަށް ކިޔެވުމުގެ ބޭނުމަކީ ހަމައެކަނި އިލްމީ ގޮތުން މޮޅު މީހަކަށް ވާން ނޫން ކަމަށެވެ. ވަކި ދާއިރާއަކުން ވަޒީފާއެއް ހޯދަން އެކަންޏެއް ވެސް ނޫނެވެ. ކުޅިވަރުތަކުގައި ވެސް ކުރިއެރުން އޮތީ މޮޅަށް ކިޔަވައިގެން، ވިސްނުން ތޫނު ކޮށްގެންނެވެ.

މިއީ އޭނާ އަށް ގޭތެރެއިން ދަސްކޮށްދިން ފިލާވަޅެވެ. ބާސްކެޓް ކޯޓަށް ޒައިދާން ނެރުނީ އެ ފިލާވަޅު ބުނެ ދީފަ އެވެ. ޒައިދާން ގަބޫލުކުރާ ގޮތުގައި މިއަދު އޭނާ އަށް ލިބެމުން އަންނަ މަޝްހޫރު ކަމަކީ ކާފަގެ ނަސޭހަތެވެ. ކާފަގެ ފިލާވަޅު ދޫކޮށް ނުލުމުގެ ނަތީޖާ އެވެ.

އޯ ލެވެލްގެ ގަދަ 10 ގައި ހިމެނި، ބިލަބޮންގް ސްކޫލުން ކިޔެވުން ނިންމައިލި އިރު ބާސްކެޓް ކޯޓުގެ ހޫނަށް ވެސް އޭނާ ފަރިތަ ވެއްޖެ އެވެ. އޯ ލެވެލްގެ ގަދަ ނަތީޖާއާ އެކު އޭނާ ފުންމައިގަތީ އެންމެ އުހަށެވެ.

އުމުރުން އެންމެ 15 އަހަރުގައި އޭނާ ދޫކޮށްލީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ އެންމެ ޕްރެޝަރު ޑިވިޝަން، އެއްވަނަ ޑިވިޝަނަށެވެ. އެ އުމުރުގައި ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބާ އެކު، ކްލަބް ކެރިއާ ފެށި އެވެ. އޭރު އެ އުމުރުގެ އެހެން ކުޅުންތެރިން ކުޅެނީ "ދަސް ޑިވިޝަން" ގެ ޓީމުތަކަށެވެ.

ޒާހިރު ނަސީރު ހިންގެވި ބާސްކެޓްބޯޅަ ކްލަހުގެ ބައިވެރިން މި ފޮޓޯގެ ދެވަނަ އަށް އާސްތާނާ އަބްދުޝުކޫރު އަލީ

ޒާހިރު ނަސީރު ހިންގެވި ބާސްކެޓްބޯޅަ ކްލަހުގެ ބައިވެރިން މި ފޮޓޯގެ ދެވަނަ އަށް އާސްތާނާ އަބްދުޝުކޫރު އަލީ

އޭގެ ކުރިން ޑޭވިޑް ބާސްކެޓްބޯޅަ އެކަޑަމީގައި ޒައިދާން ހާނުވައި، ފަރިތަ ކުރުވި އެވެ. ބާސްކެޓްބޯޅަ އަކީ އޭނާގެ އާއިލީ ކުޅިވަރެކެވެ. އެ ކުޅިވަރުގެ ތެރެއަށް އުމުރުން އެންމެ ހަތަރު އަހަރުގައި ހިތްޖެހުނީ ވެސް ދެބެއިންގެދެދަރި ދެ ބޭބެއަކު ބާސްކެޓް ކުޅޭތަން ފެނިގެން ކަމަށް ޒައިދާން ބުންޏެވެ.

"އުމުރުން ހަތަރު އަހަރުގައި ބާސެކްޓް ކުޅެން ފެށީ އަޅުގަނޑުގެ ދެ ކަޒިން ކުޅޭ ތަން ފެނިގެން. އޭރު އެ ކުދިންނަށް ވެސް ވާނީ ފައިވް ސިކްސް އިޔާސް ވަރު،" ޒައިދާން ބުންޏެވެ.

ސްކޫލްގައި ތިން ކުޅިވަރެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނެވެ. އެކަމަކު، އެހެން ކުޅިވަރަކަށް އޭނާގެ ހިތެއް ނުޖެހުނެވެ. އެންމެ ފުރަތަމަ ވެސް ކުޅެން ފެށީ ބާސްކެޓްބޯޅަ އެވެ. ދެން ހުއްޓައެއް ނުލި އެވެ.

"ރަސްމީކޮށް ކެރިއާ ފެށިތާ އަދި ފަސް އަހަރު މިވީ. އެކަމަކު އުމުރުން ހަތަރު އަހަރު ފެށީމާ 16 އަހަރު ވަންދެން ބާސްކެޓް ތެރޭގައި މި އުޅެވުނީ،" މިހާރު އުމުރުން 20 އަހަރުގެ ޒައިދާން ބުންޏެވެ.

މި ފަސް އަހަރުގައި ޒައިދާންގެ ކުޅުމަށް ބޮޑު ކުރިއެރުން އައެވެ. ފެންވަރު މަތިވި އެވެ. ނަމަވެސް އޭނާ ބުނީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށެވެ.

އެންމެ ގިނަ ބަޔަކަށް ޒައިދާންގެ މޮޅުކަން ދައްކައިދިނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މިދިޔަ މަހު ބޭއްވި އިންވިޓޭޝަނަލް ސުޕަ ކަޕްގަ އެވެ. ބޭރުގެ ޓީމުތަކަށް ދައުވަތު ދީގެން ބޭއްވި އެ މުބާރާތުގެ ފައިނަލަށް އޭނާގެ މިހާރުގެ ކްލަބް، ރެޑްވިންގްސް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް ޒައިދާން އަދާކޮށްދިނެވެ.

"އެއީ އެންމެ މޮޅަށް ކުޅެވުނު މުބާރާތް،" ބާސްކެޓް ކޯޓުގައި ޑިފެންސާއި ޕްލޭމޭކަރެއްގެ ރޯލްގައި އާންމުކޮށް ކުޅޭ ޒައިދާން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި އޭނާގެ ފެންވަރު ތަފާތުވި ތަން ފެނުނީ ކުޅެން ޖެހުނު އާ މަގާމުގެ ގޮތުން ކަމަށް ޒައިދާން ބުންޏެވެ. ދިވެހި އެހެން ޓީމުތައް ފަހަތަށް ޖައްސާލުމަށް ފަހު، ފައިނަލަށް ދަތުރުކުރި ރެޑްވިންގްސްގައި ޒައިދާނަށް މި ފަހަރު މުހިންމު ދައުރެއް އޮތެވެ. އެހެން މުބާރާތްތަކުގައި ސްކޯ ނުކުރާ ވަރަށް އޭނާ ޕޮއިންޓް ހޯދި އެވެ. ޓީމުގެ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުމުން އެޓޭކަރެއްގެ ރޯލް ވެސް އަދާކުރަން ޖެހުނެވެ.

ޒައިދާން ބާސްކެޓް ކޯޓުގައި: މާ ބޮޑަށް ވެސް ތަފާތު.

ޒައިދާން ބާސްކެޓް ކޯޓުގައި: މާ ބޮޑަށް ވެސް ތަފާތު.

"އެ ވެދާނެ މި ފަހަރު އެޓޭކަރެއްގެ ގޮތަށް ކުޅުނީމާ އައި ތަފާތަކަށް. އާންމުކޮށް ޒައި ކުޅެނީ ޑިފެންސަށް ނޫނީ ޕްލޭ މޭކަރަކަށް. އެ މަގާމުތަކުގައި ކުޅޭ އިރު މުޅިން ތަފާތު ރޯލެއް ފެންނާނީ. ސްކޯރިން އަށް މެޓާއެއް ނުވާނެ،" ޒައިދާން ބުންޏެވެ.

"އެހެން މުބާރާތްކުގައި މެޗަކަށް ސްކޯ ކުރެވެނީ ފަސް ޕޮއިންޓް ވަރު. އެއީ މި ބުނިހެން ޑިފެންސިވް ޕޮޒިޝަންގައި ކުޅޭތީ."

އާ މަގާމުގައި އޭނާގެ ކުޅުން ބޮޑަށް ފާހަގަވި އެވެ. ދާއިމީކޮށް އެ މަގާމަށް ކުޅެން ވިސްނަންތޯ އެހުމުން ޒައިދާން ބުނީ ވިސްނަނީ ޓީމަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

"ސަބަބަކީ އަޅުގަނޑަކީ ޓީމު ޕްލޭޔާއެއް."

ޒައިދާން ރެޑްވިންގްސް އާ ގުޅުނީ ހަތަރު އަހަރު ކުރިންނެވެ. އޭނާ ބުނީ އިންވިޓޭޝަން ސުޕަ ކަޕް ގެއްލުނަސް ކުރިއަށް އޮތް އަހަރުތަކުގައި އެ ޓީމުން ތަށި ހޯދޭނެ ކަމަށެވެ.

ރެޑްވިންގްސްގެ ޓީމު

ރެޑްވިންގްސްގެ ޓީމު

"ރެޑް ވިންގްސް މިއީ ވަރަށް ޔަންގް ސްކޮޑެއް އަދި. މި ޓީމަށް ތަށިތައް ހޯދޭނެ. ހުރީހާ ކުޅުންތެރިން ވެސް ބިލީވް ކުރޭ އެކަން. މި ފަހަރު ވެސް އިންޖަރީގެ މައްސަލަ ދިމާ ނުވި ނަމަ މި ތައްޓަކީ ހޯދޭނެ އެއްޗެއް. ޓީމު ރަނގަޅަށް ޕާފޯމް ކުރިތަން ފެނުނު،" ވަރަށް ޔަގީންކަމާ އެކު ޒައިދާން ބުންޏެވެ.

ކުޅިވަރުތަކުގައި ވެސް ކުރިއަށް ދާންވީ މޮޅަށް ކިޔަވައިގެން ކަމަށް ޒުވާން ޖީލަށް ބުނެދެމުން، ކުޅިވަރުގައި އެންމެ މުހިންމު ވާހަކަ ވެސް ޒައިދާން ދެއްކި އެވެ.

"ފިޓްނަސް މެއިންޓެއިން ކުރުން އެއީ ވަރަށް މުހިންމު ކަމެއް. މުބާރާތެއް ނެތަސް އަބަދުވެސް އެ އަށް ވޯކްކޮށް ތިބެން ޖެހޭނީ،" ޒައިދާން ބުންޏެވެ.

އަނިޔާވުމުން، ފަރުވާ ކުރަން ހޭދަވާ ވަރަށް ވުރެ ގިނަ ވަގުތު ހޭދަ ވަނީ ރިކަވަރީ އަށެވެ. އެހެންވެ، ފިޓްނަސް އެއްވަރެއްގައި ދަމަހައްޓަން މަސައްކަތް ކުރުން މުހިންމު ކަމަށް ފިޓްނަސް ދާއިރާގައި ވަޒީފާ އަދާކުރާ ޒައިދާން ބުންޏެވެ.

ޒައިދާން: ކުޅިވަރުގައި ފިޓްނަސް އަށް އޭނާ ދޭ ސަމާލުކަން ވަރަށް ބޮޑު.

ޒައިދާން: ކުޅިވަރުގައި ފިޓްނަސް އަށް އޭނާ ދޭ ސަމާލުކަން ވަރަށް ބޮޑު.

ރެޑް ވިންގްސްގެ ފިޔައިގައި އުދުހެމުންދާ ޒައިދާންގެ އެންމެ ބޮޑު ސަޕޯޓަރަކީ އޭނާގެ މަންމަ އައިމިނަތު ރަޝްފާ އެވެ. މި އިންޓަވިއުގައި މަންމަގެ ނަން ކޮންމެހެން ވެސް ފާހަގަކުރަން ޒައިދާން އެދުނު ސަބަބަކީ އޭނާ ކުޅޭ ކޮންމެ މެޗެއް ވެސް ބަލަން ފޫހިކަމެއް ނެތި ސޯޝަލް ސެންޓަރުގައި އެ މަންމަ ބަލަން އިންނާތީ އެވެ.

"ހުރިހާ މެޗުތަކަކަށް މަންމަ ދާނެ. ކާމިޔާބެއް ލިބިގެން ގެ އަށް އައީމާ ވެސް މަންމަ ވެސް ބައްޕަ ވެސް ބުނާނެ. ކާފަ ދުނިޔޭގައި ހުރި ނަމަ މިއަދު ވަރަށް އުފާވީހޭ،" ޒައިދާން ބުންޏެވެ.

ކާފަ އާސްތާނާ ޝަކޫރުގެ ލިޔުންތެރިކަމުގެ ހުނަރު ލިބުނީ ޒައިދާން ބުނާގޮތުން އޭނާގެ ބައްޕަ އާތިފް ޝަކޫރަށެވެ. އެއީ އިގުތިސާދީ ދާއިރާގެ ވާހަކަތައް މޮޅަށް ހުށަހެޅުއްވުމުގެ ގާބިލް ކަމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް މި ލިބުނީ ކާފަގެ ބާސްކެޓްބޯޅަ ކެރިއާ ހެން،" ނިންމާލަމުން ޒައިދާން ބުންޏެވެ.