Roadha Mihaaru
ނަމްޒާ އާއި އާމިނަތު އެހެން ތަނަކަށް ބަދަލުކޮށްފި

ނަމްޒާ ލޯކަލް ގަވަމެންޓަށް، އާމިނަތު ހުސައިން ޝަރީފު ފިޝަރީޒް މިނިސްޓްރީ އަށް ބަދަލުކޮށްފި

04 އޮކްޓޯބަރ 2024

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ މިނިސްޓްރީގެ އިސް ދެ ވެރިޔަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އވެެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ މިނިސްޓްރީގެ އިސް ދެ ވެރިޔަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އވެެ.

އެނގިފައިވާ ގޮތުގައި، އެ މިނިސްޓްރީން މި ފަހުން ބަދަލުކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުން އައިމިނަތު ހުސައިން ޝަރީފު ބަދަލުކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އަދި މަޝްހޫރު ޕްރެޒެންޓަރު ނަމްޒާ ބަދަލުކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

އެ ބަދަލު ގެނެސްފައިވާކަން ޔަގީން ކޮށްދެއްވައި، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެނައި "އިންޓާނަލް" ބަދަލެއް ކަމަށެވެ.

އެކަމަކު، އެ ދެ ބޭފުޅުން އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކުރި ސަބަބެއް ނޭނގެ އެވެ.

އައިމިނަތު ހުސައިން ޝަރީފާއި ނަމްޒާ އެހެން މިނިސްޓްރީއަކަށް ބަދަލުކުރީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ "އެލްޑާލީ ޑިޕާޓްމަންޓު" އިސްވެރިއެއް ކަމަށްވާ އައިޝަތު ޝޫޒާ އެ މިނިސްޓްރީގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އޭނާއާ މެދު އެ މިނިސްޓްރީގެ އިސްވެރިން ތަފާތުކުރުން ގެންގުޅުއްވާ ކަމަށާއި އެހެންވެ، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ޝޫޒާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެކަމަކު، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އެ ތުހުމަތުތަކަށް ވަނީ ރައްދު ދީ، އެކަން އެ ގޮތަށް ނުކުރާ ކަމަށް ބުނެފަ އެވެ.