ހުޅުލޭގައި ހުންނަ މެޓް އޮފީހުގެ ވެދާ ރާޑަރު މަރާމާތުކޮށް އަލުން ބޭނުންކުރަން މިއަދު ފަށައިފި އެވެ.
07 އޮކްޓޯބަރ 2024
ހުޅުލޭގައި ހުންނަ މެޓް އޮފީހުގެ ވެދާ ރާޑަރު މަރާމާތުކޮށް އަލުން ބޭނުންކުރަން މިއަދު ފަށައިފި އެވެ.
މެޓްގެ ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ މޫސުމާ ބެހޭ މައުލޫމާތު އެއްކޮށް، ދުރާލާ އަންދާޒާ ކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަސީލަތެކެވެ. އެކަމަކު، އެއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޭނުން ނުކުރެވި ހުންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މަރާމާތަށް ފަހުގައި މި ރާޑަރު އަލުން ބޭނުންކުރަން ފެށިކަން އިއުލާންކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މި ރާޑަރަކީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރާ އެންމެފަހުގެ ޓެކްނޮލޮޖީ ހިމެނޭ ރާޑަރެކެވެ. އަދި މި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ އެވެ.
މެޓްގެ ޑޮޕްލާ ވެދާ ރާޑަރުން ކަވަރުކުރާ ސަރަހައްދު ފެންނަ ޗާޓެއް.
• ވާރޭ ވެހޭ ސަރަހައްދާއި ވާރޭ ވެހޭ ބޯމިން ބެލޭނެ.
• ވާރޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ބެލޭނެ.
• ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު ދެނެގަނެވޭނެ.
• އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެ.
"މިކަމުގެ ސަބަބުން ރާއްޖޭގެ މޫސުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ވިއްސާރަ އާއި ނުރައްކާތެރި މޫސުމީ ހާލަތްތައް ދެނެގަތުމުގެ ގާބިލުކަން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެ އެވެ،" މެޓް އޮފީހުގެ ބަޔާނުގައިވެ އެވެ.
"މި ރާޑާރު އަލުން މަސައްކަތް ކުރަން ފެށުމުން، އާންމު ރައްޔިތުންނަށް ވެސް ފައިދާތަކެއް ކުރާނެ އެވެ. ހާއްސަކޮށް މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް މޫސުމާ ބެހޭ އިތުރު މައުލޫމާތު ލިބި، ރައްކާތެރިކަމާ އެކު އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ."
ހުޅުލޭގައި ހުންނަ މެޓްގެ ޑޮޕްލާ ވެދާ ރާޑަރު: މި ރާޑަރު އަލުން ބޭނުންކުރަން ވަނީ ފަށާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މެޓް އޮފީހުން ބުނީ މި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ރާޑަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެޓް އޮފީހުގެ ސްޓޭޝަންތައް މިހާރު ވެސް ރާއްޖޭގެ ފަސް ރަށެއްގައި ހުރެ އެވެ. އަދި ވާރޭ ވެހޭ މިންވަރާއި ވައި ޖެހޭ މިންވަރު ބެލުމަށްޓަކައި އެކި ރަށްރަށުގައި ވެސް ސިސްޓަމްތައް ބަހައްޓާފައި ހުރެ އެވެ.
މި ޑޮޕްލާ ވެދާ ރާޑަރު ހުޅުލޭގައި ބެހެއްޓީ 2007 ވަނަ އަހަރު އެވެ. މި ރާޑަރަށް 2008 ވަނަ އަހަރު ވެސް މައްސަލަތަކެއް ޖެހި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުއްޓެވެ. އެހެން ހުއްޓައި އެ މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށީ 2017 ގަ އެވެ.
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ކަނޑު ގަދަވާނެތީ ބ. އިން ލ. އަށް ޔެލޯ އެލާޓް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
މާލެ އަޑީގައި: 24 ގަޑިއިރުން 136 މިލިމީޓަރު ވާރޭ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް