ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ، ހުރިހާ ޕާޓީތަކަށް ވެސް ލިބޭނެ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
08 އޮކްޓޯބަރ 2024
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ، ހުރިހާ ޕާޓީތަކަށް ވެސް ލިބޭނެ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ވަގުތު އެ އަދަދު ހަމަވާ ސިޔާސީ ހަ ޕާޓީއަށް ދައުލަތުން މިއަހަރު ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ނަމަވެސް އެ އުސޫލު ބަދަލުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކުލަވާލައިފަ އެވެ.
މި އިސްލާހުތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "މިހާރު"އަށް ވިދާޅުވީ މި އިސްލާހުތައް މި ހަފްތާ ނިމުމުގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ޕާޓީތަކަށް ފައިސާ ދިނުމަށް މިހާރު އޮންނަ ގޮތަށް ގެންނަ ބަދަލެކެވެ.
އެގޮތުން، މެމްބަޝިޕްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދިނުމުގެ ބަދަލުގައި އާ އިސްލާހުގެ ހުރިހާ ޕާޓީތަކަށް ވެސް ފައިސާ ލިބޭނެ ގޮތަކަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
- 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް
- 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، ޕާޓީތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ 25 ޕަސެންޓް
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން 30 ޕަސެންޓް
- ލޯކަލް ކައުންސިލް އިންތިހާބުގައި ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެން 20 ޕަސެންޓް
ފުއާދު ވިދާޅުވީ ގާނޫނަށް މި ބަދަލު ގެނައުމަށް މަޝްވަރާ ފަށާފައިވަނީ 2020 ވަނަ އަހަރު ކަމަށާއި އޭރު ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ އެކަމަށް ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ޕާޓީތަކުން ވެސް މި އެއްބަސްވަނީ މިހާރު މި ފައިސާ ދޭ ގޮތުން ކުދިކުދި ޕާޓީތަކަށް އެއްވެސް އެއްޗެއް ނުލިބޭތީވެ އިދާރީ ކަންކަމަށް ކޮންމެވެސް ވަރެއްގެ އެހީއެއް 3،000 މީހުން ހަމަވާ ޕާޓީއެއް ނަމަ ލިބެން ވާނެ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.
"ގޮނޑިއެއް ނުލިބުނަސް އިންތިހާބުގައި ވާދަކޮށްގެން ބައިވަރު ވޯޓު ލިބޭ ކަމަށްވަންޏާ އެ ކަން ފާހަގަ ކުރަން ވާނެޔޭ."
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅިގެން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އީސީ
ގާނޫނަށް ދެން ގެންނަ މައިގަނޑު އިސްލާހަކަށް ފުއާދު ފާހަގަ ކުރެއްވީ ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން އޮންނަން އޮތުމަށް ލުޔެއް ދީ، އެކަށީގެންވާ ސަބަބަކާ އެކު ކޮންގްރެސް ލަސް ކުރެވިދާނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.
މީގެ އިތުރުން ވެސް ޕާޓީތަކާ ގުޅުމާއި ޕާޓީއިން ވަކިވުމަށް ހުށަހަޅާ ފޯމުގެ ބަދަލުގައި އީސީން ކަނޑައަޅާ ވަކި ގޮތަކަށް އަމަލު ކުރެވޭނެ ގޮތަށް ވެސް ގާނޫނު އިސްލާހު ކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
ޕާޓީތަކަށް ދޭ ފައިސާ މަދުކުރާ ބިލް ބަލައިގެންފި
ހައްގެއް ހޯދަން 1،500 ސޮއި، އެއްލައްކަ ރުފިޔާ!؟
ސުލޫކާ ޚިލާފްވެއްޖެ ނަމަ މަންދޫބުކަށް ނުވެވޭގޮތް ހަދަނީ
މި އަހަރު ވެސް ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް
ކެމްޕެއިންތަކުގައި ގަވާއިދާ ހިލާފުނުވާން އިލްތިމާސްކޮށްފި
ލީޑަޝިޕުން އަންހެނުންނަށް ކޯޓާ ދޭން ޕާޓީތައް ގަބޫލު
ޕާޓީއެއް ރަޖިސްޓުރީ ކުރުމުން ފައިސާ ދޭން ޖެހޭތަ؟
ޕީޕީއެމްގެ ފައިސާ ދޫކޮށްދޭން ފިނޭންސްގައި އެދެނީ
އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް 25 މިލިއަން ރުފިޔާ
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ