Roadha Mihaaru
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ

ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑުކުރަން ހުށަހަޅައިފި

28 ޖޫން 2018

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަން އިންތިޚާބު ތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަން އިންތިޚާބު ތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރަން ވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1،500ރ. ގެ މަގުން ހިސާބު ކުރުމުން ޖެހޭ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދަކަށެވެ.

ނަމަވެސް، އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރަން ވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000ރ. ގެ މަގުން ހިސާބު ކުރުމުން ޖެހޭ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދަކަށް ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި ބިލް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. މި ބިލް މަޖިލީހުން ފާސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގައި ބާއްވާ ޖަލްސާގަ އެވެ.

ބިލް ގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމަކީ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ އެޖެންޓުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި ނަމަ، އެ ކަން ކުރުމަކީ ކެންޑިޑޭޓަށާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އެޖެންޓަށް ލާޒިމް ކަމެއް ކަމަށް ވެސް ބިލް ގައި ވެ އެވެ.

މީގެ އިތުރުން، ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ބަޔާން އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށް ބިލް ގައި ބަޔާން ކޮށްފައި ވެ އެވެ. އަދި މާލީ ބަޔާނަކީ އޮޑިޓަރަކު އޮޑިޓް ކޮށްފައިވާ ބަޔާނަކަށް ވާން ޖެހެ އެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން ދީފައި އޮތީ 30 ދުވަހެވެ.