Roadha Mihaaru
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ

"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ

12 އޮކްޓޯބަރ 2024

ވާކީން ފީނިކްސް ލީޑް ރޯލު ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ސީކުއެލް ކަމަށްވާ "ޖޯކާ ފޮލި އަ ޑޫ" ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.

ވާކީން ފީނިކްސް ލީޑް ރޯލު ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ސީކުއެލް ކަމަށްވާ "ޖޯކާ ފޮލި އަ ޑޫ" ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.

ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމާއި އެ ފިލްމުގައި ޖޯކާގެ ރޯލު ކުޅެގެން ވާކީންއަށް އޮސްކާ އެވޯޑް ވެސް ލިބުމާ އެކު ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މި ފިލްމު ވަރަށް ހިޓުވާނެ ކަމަށެވެ. އެކަމަކު، މި ފިލްމު މިހާރު ވެފައި ވަނީ ކޮމިކް-ބުކް ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ދަށް އާމްދަނީއެއް ވެސް ލިބުނު ފިލްމަށެވެ. އަދި ކްރިޓިކްސްގެ ފަރާތުން ވެސް މި ފިލްމަށް ލިބުނީ ވަރަށް ދަށް ރޭޓިންއެކެވެ.

"ޖޯކާ ފޮލި އަ ޑޫ" އަކީ މިއުޒިކަލް ފިލްމެކެވެ. އަދި މި ފިލްމުގައި ޖޯކާގެ ލޯބިވެރިޔާ ނުވަތަ ހާލީ ކުއިންގެ ރޯލު ކުޅުނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ލޭޑީ ގާގާ އެވެ.

މި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އަގުބޮޑު ފިލްމެކެވެ. އެކަމަކު، މި މަހު ހަތަރެއްގައި ޕްރިމިއާކުރި މި ފިލްމަށް އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި މިހާތަނަށް ލިބުނީ އެންމެ 120 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

މި ފިލްމު ޕްރިމިއާކުރި ހަފުތާގައި ފުރަތަމަ ތިން ދުވަހު ލިބުނީ 37.8 މިލިއަން ޑޮލަރެވެ. އެކަމަކު، ޖޯކާގެ ފުރަތަމަ ފިލްމަށް ވަނީ ފުރަަތަމަ ދުވަހު އެކަނިވެސް 39 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ފުރަތަމަ ތިން ދުވަހު 96.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ފިލްމަށް ލިބުނެވެ.

ދެވަނަ ފިލްމަށް ފުރަތަމަ ތިން ދުވަހު 70 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ކުރިން ލަފާ ވެސް ކުރި ނަމަވެސް، އެ އަންދާޒާއާ ގާތަށް ވެސް އާމްދަނީއެއް ނުލިބެ އެވެ.

ޖޯކާގެ ފުރަތަމަ ފިލްމަށް ވަނީ އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި މުޅި ޖުމްލަ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމު ހެދީ ވެސް އެންމެ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ވަކީން ފީނިކްސް އާއި ލޭޑީ ގާގާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ބްރެންޑަން ގްލީސަން، ކެތަރިން ކީނާ، ޖެކޮބް ލޮފްލެންޑް އަދި ހެރީ ލޯޓޭ އެވެ.

ޑީސީގެ އެންމެ ފާހަގަކުރެވޭ އެއް ވިލަން ކެރެކްޓާއަށް ބިނާކޮށް، ވަކީން ތައްޔާރުކުރި ފިލްމު "ޖޯކާ"ގެ ފުރަތަމަ ބައި ރިލީޒްކުރީ 2019 ވަނަ އަހަރު އެވެ. އެ ފިލްމުގެ ކާމިޔާބީއާ ގުޅިގެން ސީކުއެލްއެއް އިއުލާނުކޮށް މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ.